ޚަބަރު

ޑެލިވަރީ ކުރާ ބަންގްލަދޭޝް މީހާގެ އަގު ވަޒަން ކުރީ ގޮށްމުށުން، ޑޮކްޓަރު ވެސް ފެންކަޅިވެފައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގައުމުގައި މަސައްކަތް ކުރާ ބިދޭސީންނަކީ ހަމަ އަހަރެމެންގެ ފަސޭހައަށް އަހަރެމެންގެ އެހީތެރިކަމެއް ގެނެސްފައިތިބި މީހުންނެވެ. އެމީހުން ވަމުންދާ އެހީތެރިކަމުގެ އަގު، އިންސާނިއްޔަތާ ޚިލާފު ދަށު ދަރަޖައިގެ އަމަލުތަކުން ދެމުން ދިއުމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

Ads by MWSC

މިފަހަރު ވެސް މިއޮތީ ދިވެހިންތަކެއް ބިދޭސީއަކާ މެދު އަމަލުކުރި އިހާނެތި ގޮތެއްގެ ވާހަކައެކެވެ. އައިޖީއެމްއެޗް ފްލޫ ޑެސްކްގައި މަސައްކަތް ކުރި ޑޮކްޓަރެއް ކަމަށްވާ މުހައްމަދު އުބައިދުﷲ ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ބެއްލެވި ބަންގްލަދޭޝީ ބަލިމީހެއްގެ ވާހަކަ ވަނީ ކިޔައިދީފައެވެ.

"އޭނާ ފިހާރައިގެ ޑެލިވަރީ ނިންމާފައި ގެއަށް ދަނިކޮށް ބަޔަކު އޭނާ ހުއްޓުވި. އެހީ ކަލޭ ކޮންތާކަށްހޭ ތި ދަނީ. ބަންގްލަދޭޝް މީހާ ޖަވާބުގައި ބުނީ ޑެލިވަރީ ނިންމާފާ ގެއަށް، ދެން އެމީހުންގެ ތެރެއިން އެކަކު އޭނާގެ ވާތު ލޯ ކައިރީ ޖަހާފައި ބުނީ އަދިވެސް ބޭރުގައި އުޅޭ." ޑރ. އުބައިދުﷲ ހިއްސާ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކިރިޔާވެސް ވެވުނު އެހީއަކީ އޭނާގެ ތަދަށް ބޭހެއް ލިޔެދިނުން ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ މީހުން އުޅޭތީ ވަރަށް ދެރަވާ ކަމަށް އެ ބަންގްލަދޭޝް މީހާ ކައިރީ ބުނިން ކަމަށް ޑރ. ވިދާޅުވިއެވެ.

"އެމީހުން މިއޮތް ހާލަތުގައި ވެސް އެ އުޅެނީ އެކި ގޭގެޔަށް މުދާ ޑެލިވަރ ކޮއްދިނުމުގައި ؛އެމީހުންނަކީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިފައިންނާ، ފުލުހުން ހެން މިކަމުގެ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން. އެމީހުންގެ މަސައްކަތަށް ތަޢުރީފު ހައްގު. އެމީހުންނަށް އިހުތިރާމް ކުރައްވާ." ޑރ. އުބައިދުﷲ ވިދާޅުވިއެވެ.

ރޭ ބޭއްވި ކޮވިޑް-19 އިގެ ނޫސްވެރިންގެ ބައްދަލުވުމަށް އާ އޮންލައިން ނޫހެއްގެ ފަރާތުން ވަދެ އިން މީހަކު ކުރި ސުވާލެއްގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ނިސްބަތްކޮށް "ބަންގާޅީން" ކަމަށް އިޝާރާތްކޮށް ދަށްކޮށްލުމުގެ ރާގަކަށް ސުވާލެއް ކުރިއަށް ގެންދަން ފެށުމުން ޑރ. ނަޒްލާ ރަފީގު ވަނީ އޭނާގެ ސުވާލު ހުއްޓުވާފަ އެވެ.

ނަޒްލާ ވިދާޅުވީ ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅެމުން އަންނަ ހާލަތަކީ ދިވެހިން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށެވެ. އެމީހުން ރާއްޖެ ގެނެސް އެ ހާލަތަށް ދޫކޮށްލީ ވެސް ހަމަ ދިވެހިން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ބަލި، 17 ބަންގްލަދޭޝް މީހަކަށް ވަނީ ޖެހިފަ އެވެ. އެ ގައުމުން ވެސް މިހާރު ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ އެވެ. އެގޮތުން 10 ޓަނުގެ އެހީ ވަނީ ފޮނުވާފަ އެވެ. އޭގެ އިތުރުން މެޑިކަލް ޓީމެއް ވެސް ފޮނުވަން ވަނީ ނިންމާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!