ފައްސިވި މީހުންގެ ތެރޭގައި ބީއެޗްއެމްގައި ޑެލިވަރީ ކުރާ މީހަކާއި އިހްސާން ފިހާރައިގައި މަސައްކަތް ކުރާ ދެ މީހަކު ހިމެނޭ!
މިއަދު މާލެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރޭގައި ފްލޫ ކްލިނިކަށް ދެއްކި ދެ މީހުންނާއި އެއްވެސް އަލާމަތެއް ނުފެންނަ މީހަކު ހިމެނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީފް ދެންމެ ވިދާޅުވީ، ފައްސިވި މީހުންގެ ތެރޭގައި ބީއެޗްއެމްގައި ޑެލިވަރީ ކުރާ މީހަކާއި އިހްސާން ފިހާރައިގައި މަސައްކަތް ކުރާ ދެ މީހަކު ހިމެނޭ ކަމަށެވެ
"މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 53 އަކީ ބީއެޗްއެމްގައި މަސައްކަތްކުރާ ދިވެއްސެއް، 54 އަކީ ވެސް ފުލޫ ކްލިނިކަށް ދިޔަ މީހެއް، އޭނާ މަސައްކަތް ކުރަނީ ދިވެހި ވިއުގަ، 55 އަކީ ކޭސް 29 އާ ގުޅިގެން އައިސޮލޭޓް ކޮށްފައި ހުރި މީހެއް، ކޭސް 56 އަކީ ކޭސް 34 އާ ގުޅުން ހުރި މީހެއް އޭނާ ހުރީ ފެސިލިޓީގައި އޭރު ވެސް. ކޭސް 57 އަކީ 27 އާ ޑައިރެކްޓް ކޮށްޓެކްޓް ވެގެން ފެސިލިޓީގައި ހުރި މީހެއް. 58 އަކީ ފުލޫ ކުލިނިކަށް ދިޔަ ދިވެއްސެއް. މީގެ އިތުރުން 59 އާއި 60 އަކީ އިހުސާންް ފިހާރައިގައި މަސައްކަތް ކުރާ ދެ ބަންގްލަދޭޝްގެ މުވައްޒަފުން.." ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ، ބީޗްއެމް އާއި އިހުސާން ފިހާރައިގެ މުވައްޒަފުން މަސައްކަތް ކުރަނީ އެ މީހުންގެ ކޮންކޮން ފިހާރަތަކެއްގައިތޯ އަޅުގަނޑުމެން ސާފުކޮށްފައި ފަހުން އަންގާނެ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް ވިދާޅުވީ، މިހާތަނަށް 4،000 އަށްވުރެ ގިނަ ސާންޕަލް ނަގާފައިވާ ކަމަށެވެ.
"މިހާތަނަށް 4000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނެގިފައި. އޭގެތެރެއިން 3،834 ސާމްޕަލްއެއް ނެގަޓިވް. ނަތީޖާ ނުލިބެނީ 245 ސާމްޕަލެއް. މިހާތަނަށް 16 މީހަކަށް ޝިފާ ލިބިފައި ވަނީ. މިހާރު ފަރުވާ ދެނީ 42 މީހުންނަށް. 903 މީހުން ފާޙަގަ ކުރެވިފައި ވަނީ ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އަދި 152 ތަނެއް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައި. ވިލިވަރުން ތިން މީހަކު ދޫކޮށްލެވިފައި ވަނީ." މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ މޮނިޓަރިން ހާލަތުގައި ހުރި ތަންތަނަށް ކާބޯތަކެތި ގެންދިއުމަށް އުނދަގޫތަކެއް އެބަހުރި. ބައެއް ޑެލިވަރީ ކުރާ ފަރާތްތަކުން ދެކޮޅު ހަދާ އެގެތަކަށް ޑެލިވަރީ ކުރަން. އޭސީޕީ މެދުވެރިކޮށް އެކަން ކުރުމަށް އެދޭ ކަމަށެވެ.