މުނިފޫހިފިލުވުން ދިވެހި ސިނަމާ

އައްޒައާއި މުއާ: ދެމަފިރިން ވެސް އެކަކު އަނެކަކު ބަލައިގަތީ ލޯތްބާ އެކު މުޅި އުމުރަށް އެކުގައި އުޅުމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކައިވެންޏަކީ ދެމީހެއްގެ ދިރިއުޅުން އެތައް ގޮތަކަށް ބަދަލު ކޮށްލާނެ ކަމެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުމުގެ އެތައް ކުލައެއް ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުމުގައި ވެސް ޖެހޭނެއެވެ.

Ads by Sosun Fihaara

މަޝްހޫރު ދިވެހި ފިލްމީ ތަރިން ކަމުގައިވާ މަރިޔަމް އައްޒަ އާއި ޢަބްދުﷲ މުއާޒް (މުއާ) ގެ ކައިވެންޏަކީ ވެސް އެފަދައިން އުފާވެރިކަމާއި ލޯބި، އެންމެންނަށް ވެސް ސާބިތުވާ ކައިވެންޏެކެވެ.

މިދެމަފިރިންގެ ކައިވެންޏަށް މިއަދު އަށް މަސް ފުރިފައިވާއިރު، ދެމަފިރިންގެ މެދުގައި އަބަދުވެސް ފެންނަނީ ލޯތްބެވެ. އައްޒަގެ ހިނިތުންވުމަކަށް ޓަކައި މުއާ ކޮށްލާ ކުދިކުދި ކަންތައްތަކާއި، މުއާ އަށް ތައުރީފުކޮށްފައި އައްޒަ ބުނާ ބަސްތައް އެދެމީހުންގެ މީސްމީޑިއާ އެކައުންޓުތަކުން ވެސް ފެންނަން ހުރެއެވެ.

މުއާ އާއި އައްޒަ ގެ ދިރިއުޅުމާއި ބެހޭގޮތުން އެދެމަފިރިން "ދެން" އަށް މައުލޫމާތު ދެމުން ބުނީ ދެމީހުންގެ ދިރިއުޅުން ވެސް މިހާރު ވަރަށް އުފާވެރި ކަމަށާއި، ކައިވެންޏަށްފަހު ދެމީހުންގެ ވެސް ވަަރަށް ގިނަ ކަންތައްތަކެއް ބަދަލުކޮށް، ދެމީހުންގެ ދިރިއުޅުމުގައި ވެސް އެކަކު އަނެކަކު ހުރުމަކީ ލެއްވި ނިޢުމަތެއް ކަމުގައެވެ.

"މުއާ އަކީ ހަގީގަތުގައި ވަރަށް ރަނގަޅު މީހެއް. ކަމުދާ ބައިވަރު ސިފަތައް އެބަހުރި. އޭގެ ތެރެއިން ވެސް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ މުއާގެ ޒިންމާދާރުކަން. އެއްވެސް ކަމެއްގައި މުއާ އަށް ހަނދާން ކޮށްދޭކަށް ނުޖެހޭ. މިހާރު ވިލިމާލޭގައި އުޅޭއިރުވެސް ރޫބީ (މުއާގެ ދަރިފުޅު) ގެ ހުރިހާ ކަމެއްގައި ވެސް ވަރުބަލި ކަމެއް ނެތި އަބަދުވެސް އުޅޭނެ. އޭގެއިތުރުން އީތަން (އައްޒަގެ ދަރިފުޅު) ގެ ކަމެއް އޮތިއްޔާ ވެސް، އައްޒައަށްވުރެ ބޮޑަށް މުއާ އެކަމެއް ހަނދާން ހުންނާނެ. އެހެންވެ މިހާރު އީތަން އަށް ވެސް މުއާ އިންނަނީ ވަަރަށް މުހިންމުވެފަ" އައްޒަ ބުންޏެވެ.

މީގެ އިތުުރުން އައްޒަ ބުނީ މުއާ އާއި ކައިވެނި ކުރިފަހުން އެއާއިލާ ވެސް ވަރަށް އުފާވެރި ވެއްޖެ ކަމަށެވެ.

"މުއާ ނުހުންނާނެ އެއްވެސް މީހަކާއި ނުގުޅިއެއް. އެންމެންނާ ވެސް ގުޅޭނެ. މަންމަމެންނާ އެކީ ސަކަރާތް ވެސް ޖަހާ އެކި ގޭމު ތައް ވެސް ކުޅުމުގައި ބައިވެރިވާނެ. ގޭތެރޭގައި މިސާލަކަށް މަރާމާތުގެ ކަމެއް ކުރަން އިނަސް، މުއާ ކައިރީ ނުޖެހޭނެ ބުނާކަށް. އޭނަ އަމިއްލައަށް ފެނިގެން ކުރާތީ މަންމަމެން ވެސް އެކަން ފާހަގަ ކުރޭ. މިހާރު މަންމަމެންނަށް ވެސް މުއާ ވަރަށް ކަމުދޭ. އާއިލާ ވަރަށް އުފާވެރިވެ، ގުޅިގެން އުޅުން ގިނަ ވެއްޖެ ކައިވެންޏަށް ފަހު" އުފަލާއެކު އައްޒަ ބުންޏެވެ.

އައްޒަ ބުނި ގޮތުގައި މުއާ އާއި ދިމާވުމުގެ ކުރިން އޭނަ ހުރީ ދިރިއުޅުމުގައި ވަރަށް އެހެން ކަހަލަ ހާލަތެއްގައެވެ. ވަރަށް ގިނަ ކަންކަމާއި ވެސް ކުރިމަތިލަމުން އޭނާ ދިޔައެވެ.

"ބުނެވިދާނެ އައްޒަ ހުރީ ވަަރަށް ބޮޑަށް ޑެމޭޖު ވެފައޭ. އެކަމަކު މުއާ އާއި ވާހަކަ ދައްކަން ފަށާ، ކަންކަމާއި ކުރިމަތިލާންވީ ގޮތް ވެސް ދަސްވާން ފެށި. މުއާ ކިޔައިދިން ކަމެއް ކުރިމަތިވުމުން އެކަމަކުން އަމިއްލައަށް އަރައިގަނެވިދާނެ ގޮތް. އެވަރަށް ހިތްވަރުލައިދިން. އަޒުމް ވަރުގަދަ ކުރުވި." އައްޒަ ބުންޏެވެ.

އައްޒަ އާއި ބެހޭގޮތުން މުއާ ވެސް ބުނެފައި ވަނީ ހުސް ތައުރީފުގެ ބަސްތަކެވެ. މުއާ ބުނި ގޮތުގައި އައްޒަ އަކީ ހަމަ އެންމެ "ބެސްޓު" އެވެ.

"އަހަންނާއި އަހަރުމެންގެ ދަރިންނަށް ހަމަ ލިބިފައިވާ ޖަވާހިރެއް އެއީ. އަނތްބެއްގެ ގޮތުންނާއި މައެއްގެ ގޮތުން ވެސް. އަހަރެން ދެކެނީ އަހަންނަކީ ނަސީބުވެރިއެއް ގޮތުގައި އައްޒަ ލިބުމަށްފަހު" މުއާ ބުންޏެވެ.

މުއާ ބުނީ ކައިވެނި ކުރީ ދެމީހުންގެ ދިރިއުޅުމުގައި ވެސް ކުރިން ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވެފައިވުމުން ވަރަށް ގިނަ ކަންތައްތަކަކާއި ވިސްނާފައި، ވަަރަށް ގިނަ ބަދަލުތަކަކާއެކު، އައްޒަ އާއެކު ދިރިއުޅުމުގެ ބާކީ ބައި އުޅެވޭނެ ކަމުގެ ޔަގީންކަން ފުރިހަމަ އަށް ލިބުމުން ކަމަށެވެ.

މަޝްހޫރު މީހުންނާއި ބެހޭގޮތުން ތަފާތު އެކިއެކި ވާހަކަތައް ފެތުރުމަކީ އާކަމެއް ނޫނެވެ. އެގޮތުން އައްޒަ އާއި މުއާ އާއި ބެހޭގޮތުން ވެސް ކުރިން ވަނީ އެކިއެކި ވާހަކަތައް ފެތުރިފައެވެ.

"އަސްލުގައި އަބަދުވެސް ވާހަކަތައް ފެތުރޭ ދޯ. ކުރިން އައްޒަ އަށްވެސް މުއާ އާއި ބެހޭގޮތުން ވަރަށް އެއްޗެހި އިވުން. އަމިއްލައަށް ވާހަކަ ދައްކަން ފެށީމަ ބޮޑަށް އެކަމަކު މުއާ ގެ ގޮތް އެނގުނީ. ދެމީހުން ވެސް މެރީ ކުރީ ދެމީހުންގެ ވެސް ކުރިން ހުރި ކަންތައްތަކެއް ބަދަލު ކޮށްގެން. މުއާ ވެސް ކުރިން އުޅުންހެން ނޫންކަން މިހާރު އުޅެނީ ކައިރީގައި އުޅޭ އެންމެންނަށް ވެސް އެނގޭނެ. ބަދަލު ކުރި އެއްވެސް ކަމަކަށް ނެތް އަލުން އަނބުރާ ގޮސްފައެއް ވެސް" އައްޒަ ބުންޏެވެ.

"އަހަންނަކަށް އެއްވެސް އިރަކު މުހިންމެއް ނޫން މީހުން ދައްކާ ވާހަކައެއް. އަހަންނަކީ މީހުން ދައްކާ ވާހަކަ އަޑު އަހާވެސް މީހެއް ނޫން. އަހަރެން އެމީހަކު ޑިފައިން ކުރާނީ އަހަންނަށް އެމީހަކު އެނގިފައިވާ ގޮތަކުން" މިކަމާއި ބެހޭގޮތުން މުއާ ބުންޏެވެ.

ކޮންމެއަކަސް މިއީ ވަަރަށް ވެސް ލޯބިން އެކުގައި އުޅޭ ދެމަފިރިންކަން، އެމީހުންނާއި ކޮށްލި އިންޓަވިއު އިން ވެސް އެނގިއްޖެއެވެ.

އައްޒަ ކައްކާ ޕާސްތާ މުއާ އަށް އެންމެ މީރު ވާހަކައާއި މިހާރު އެންމެންނަށް ޓަކައި އައްޒަ އެކި ރެސިޕީ ބަލައިގެން މީރު އެއްޗެހި ކައްކާކަން މުއާ ފާހަގަ ކުރިއެވެ. ހަމައެއާއެކު މުއާ އަމިއްލައަށް ފެނިގެން ކަންކަން ކުރާކަމާއި، އީތަން ވެސް ގޮވައިގެން ކުރާ މަސައްކަތުގައި އުޅޭކަން އައްޒަ ފާހަގަ ކުރިއެވެ. މުއާ އަށް އީތަން މުހިންމުވާ ފަދައިން އައްޒަ އަށް ރޫބީ މުހިންމުވާ ކަމާއި، ރޫބީ އަންނަ ކޮންމެ ފަހަރަކު ވެސް އައްޒަ އާއެކު އުޅުމާއި، ވަރަށް ވެސް "ބޮންޑިންގ" ރަނގަޅުކަން އައްޒަ ފާހަގަ ކުރިއެވެ.

"ދެން" ގެ ފަރާތުން ވެސް އައްޒަ އާއި މުއާ އަށް ވަރަށް އުފާވެރި ބާއްޖަވެރި ޙަޔާތަކަށް އަބަދު ވެސް އެދެމެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!