ޚަބަރު

އޭސީސީ ގޯސްވެގެން މިއުޅެނީ މަޖިލީހުގެ ރައީސް 444 ރުފިޔާ ދެއްކުމަށް އެންގި ހިސާބުން: ހައިލަމް

މަރްޔަމް ވަޙީދާ

އެމްޑީޕީގެ ބައެއް މެންބަރުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގޯސްވެގެން މިއުޅެނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދައުލަތުގެ މާލިއްޔަތުން ބޭނުން ކުރެއްވި 444 ރުފިޔާ ދެއްކި ހިސާބުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އޭސީސީ އަށް އިތުބާރެއް ނެތް ކަމަށާއި އެކޮމިޝަންގެ މެމްބަރުން ވަކި ކުރަން ހުށަހަޅުއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވި ޚަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން ހައިލަމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދުގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވުމުން އެމްޑީޕީގެ އިތުބާރު އޭސީސީގެ މައްޗަށް އެއްކޮށް ވަނީ ގެއްލިފައި ކަމަށެވެ.

"އޭސީސީ ގޯސްވެގެން މިއުޅެނީ މަޖިލީހުގެ ރައީސް ދައުލަތުގެ މާލިއްޔަތުން ބޭނުންކުރެއްވި 444ރ ދެއްކުމަށް އެންގި ހިސާބުން. އަދި މާލެ ސިޓީގެ މޭޔަރުގެ މައްޗަށް ދަޢުވާކުރަން ފޮނުވުމުން ޕާޓީގެ އިތުބާރުވަނީ އެއްކޮށް ގެއްލިފައި." ހައިލަމް ވިދާޅުވިއެވެ.

އޭސީސީ އަށް އިތުބާރެއް ނެތް ކަމަށާއި މެންބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް މީކާއިލް ވިދާޅުވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!