ކޮވިޑް19: ބަނޑަށް ހަމަހުގައި ތަޖުރިބާކުރަން ޖެހުނު ހިތްދަތިކަން ، ކުދިކުދި ކަންކަމަށް ޝުކުރުވެރިވާން ދަސްވީ މި ހިތްދަތިކަމުން
ކޮރޯނާވައިރަސްގެ އަސަރު ކުރާ އެންމެން ތަޙައްމަލު ކުރަނީ އެކި ތަކްލީފާއި އެކި ހިތްދަތި ކަމެވެ. އެކި މީހުންގެ ޙާލަތު ތަފާތެވެ.
އެގޮތުން އިނގިރޭސިވިލާތުގެ ކެންޓަށް ނިސްބަތްވާ 39 އަހަރުގެ ކެރަން މެނަރިންގ އަކީ ހިތްދަތި ތަޖުރިބާއެއް ކުރި މީހެކެވެ. އެހެން ނަމަވެސް އޭނާއަށް ކުދިކުދި ކަންކަމާ މެދު ވެސް ޝުކުރުވެރިވާން ދަސްވީ މި ހިތްދަތިކަމުންނެވެ.
ކެރަން އޭނާގެ 4 ވަނަ ދަރިފުޅަށް ބަލިވެ އިނދެ 6 ވަނަ މަހުގައި ، ހުން އައިސް ރޯގާޖެހި ނޭވާލާން އުނދަގޫ ވާންފެށިއެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދާކަށް ހޮސްޕިޓަލް ސްޓާފުން ބޭނުމެއް ނުވިއެވެ. މި އުނދަގޫ ވާން ފެށިތާ 11 ވަނައަށް އޮތްދުވަހު އޭނާ ހޮސްޕިޓަލަށް ގުޅިއިރު ނޭވާ ލެވެނީ ވެސް ކިރިޔާއެވެ. އެހެންކަމުން ވަގުތުން އެމްބިއުލަންސެއް އައިސް ކެރަން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރިއެވެ.
ކެރަން ތަޖުރިބާކުރި ހިތްދަތިކަން ބީ.ބީ.ސީ އާއި ހިއްސާކުރަމުން އޭނާ ކިޔާދިނެވެ.
"ނޭވާލާން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ފުއްޕާމެއާއި ހަމައަށް ދަނީ ވަރަށް ކުޑަ ވައި ކޮޅެއް. ހޮސަޕިޓަލުން ވަގުތުން އޮކްސިޖަން ދޭން ފެށި. ކޮވިޑް-19 އަށް ކުރި ޓެސްޓް ޕޮސިޓިވްވުމުގެ އިތުރަށް އަހަރެންގެ ދެ ފުއްޕާމެއަށް ވަނީ ނިއުމޯނިޔާ ޖެހިފައި. އެހެންކަމުން ހަފްތާއެއް ވަންދެން އަހަރެން އޮތީ އެހެން މީހުނާ އެކަހެރި ކޮށްފައި."
6 މަހުގެ މާބަނޑު މަންމަގެ ފަރުވާގެ ތެރެއިން ތަޖުރިބާ ކުރި އެކަނިވެރިކަން ސިފަކޮށްދެމުން ކިޔާދިނެވެ.
"އަހަރެން ދެކެން އެއްވެސް މީހަކަށް ނާދެވޭ. އެ އެކަނިވެރި، އަނދިރި ކޮޓަރީގައި އެނދުން ނުތެދުވެ ތިން ދުވަސް އޮންނަން ޖެހުނު، ފާޚާނާ އަށް ވެސް ނުދެވޭ. އެނދުގެ ބެޑްޝީޓް ބަދަލުކުރާމީހުން އައިސް އަހަރެން ފުރޮޅައިގެން އެކަން ކޮށްފައި ދާނެ. ދެން އެއްގޮތަކަށް ވެސް ނޭވާ ނުލެވެން ފެށީމާ ހޮސްޕިޓަލްގެ ސްޓާފުންނަށް ގޮވަނީ. ގޮވީމާ އެމީހުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހެދުމާއި އެހެނިހެން ސާމާނު އަޅައިގެން އަހަރެން ކައިރިއަށް އަންނާނެ."
ގޭގައި އިތުރު 3 ކުދިންނާއި އާއިލާގެ އެހެން މެމްބަރުން ތިބުމުން ކިރިޔާވެސް ވާހަކަ ދެއްކޭނަމަ، ކެރަންގެ ގިނަ ވަގުތު ހޭދަކުރަނީ ފޯނުން ގުޅައިގެން އާއިލާއަށް ހިތްވަރު ދިނުމުގައެވެ. އެދުވަސް ތައް ހަނދާން ކުރަމުން ކެރަން ބުނެފައިވެއެވެ.
"މަރުވެދާނެތީ ވަރަށް ބިރުގަތް. ހިތްވަރު ކުރަމުން ދިޔައީ އަހަރެންނާއި ބަނޑުގައިވާ ދަރިފުޅު ސަލާމަތް ކުރަން. އާއިލާގެ މީހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު. އެމީހުން ބުނޭ އެމީހުން ތިބީ އެންމެ ހިތާމަވެރި ޚަބަރަކަށްވެސް ތައްޔާރުވެގެން ކަމަށް."
ކެރަން ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ކެރަންގެ މޫނުގައި އެ ޖެހުނު ފިނިވައި ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް އޭނާ ބުންޏެވެ. ކެރަންގެ ދެމަފިރިން ހޮސްޕިޓަލުން ގެއަށް ދިޔައީ ކާރުގެ ބިއްލޫރި ތިރިކޮށްގެން މާސްކް ވެސް އަޅައިގެންނެވެ. ނަމަވެސް އެނބުރި އާދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ތަނަކުން ނިކުމެވުމުން އެކުރެވުނު އިޙުސާސް އެއީ މުޅި އުމުރަށް ހަނދާން ހުންނާނެކަމެއް ކަމަށް ކެރަން ކިޔައިދެނެވެ. އަދި ބޭރަށް ނިކުމެވުމާއި އެކު، ހަޔާތުގައި ކުރިން ޝުކުރު ވެރި ނުވާ ކުދިކުދި ކަންތަކަށް ޝުކުރުވެރިވާން ދަސްވިކަމަށް އޭނާ ބުންޏެވެ .
ކެރަން މިހާރު ހުރީ އަމިއްލަ ގޭގައި ވަކި ކޮޓަރި އެއްގައި އެކަހެރި ވެގެންނެވެ. އަދި އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ނަމަވެސް މަހެއްވަރު ވަންދެން ކެއްސުން ފަދަ ކަންކަން ދިމާވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ކިޔައިދީފައެވެ.
ކެރަން އަށް ކޮވިޑް-19 ޖެހުނީ އޭނާ އާންމުކޮށް ދާ ސެލޫންއިން ކަމަށް ހީކުރެވުނަސް އެކަން ޔަގީނެއް ނޫނެވެ. އަދި މި ނުރައްކާތެރި ބަލިން ކެރަންގެ އާއިލާ ސަލާމަތްވުން ވެސް ކެރަން ސިފަ ކުރަނީ އަޖައިބެއް ގޮތުގައެވެ.