ރިޕޯޓް

މާލޭގައި ބިކަވެފައި ތިބި ދިވެހިންގެ ހާލު ދެކެނީ ކާކު!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ބިރުވެރި ކަމުގެ ރަނގަބީލުގެ އަޑު ރާއްޖެއަށް އިވުނީ ކުއްލިޔަކަށްނޫނެވެ. ޗައިނާއިން ކޮވިޑްގެ އަސަރު ފާޅުވީއްސުރެ ދިވެހިންނަށް ވާނުވާ އެނގެމުން ދިޔައެވެ. މައުލޫމާތު ލިބުމުގައި ދިވެހިންނަށްވުރެ ވަކީން އަވަސް ބަޔަކު ދުނިޔޭގައި މަދެވެ. ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ލިބޭގެއްލުން ކުޑަކުރުމަށް އެކަށީގެންވާ ވަގުތު ލިބުނެވެ. އެހެންކަމުން ވަރަށް ރަނގަޅަށް ތައްޔާރު ވަމުން އަންނަކަން ސަރުކާރުން އައީ ކަށަވަރު ކޮށްދެމުންނެވެ. ގިނަ ކަންތައްތަކެއް ސުވާލެއް ނުއުފެދޭހާ ރަނގަޅަށް ކުރެވިފައިވާކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރަންޖެހެވެ. ހާލެއްގައި ނުޖެހި އުނދަގޫތަކުން އަރައިގަނެވޭނެ ކަމުގެ އުންމީދާއި ޔަގީންކަން ރައްޔިތުންނަށް މެދުނުކެނޑި ލިބެމުން ދިޔައެވެ.

Ads by STELCO

އިޤްތިޞާދު ގެ މައިތަނބު ވެއްޓިދާނެތީ އެކި ނަންނަމުގައި ރިކަވަރީ ޕެކޭޖުތައް ތައާރަފް ކުރެވުނެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. ކަރަންޓްބިލާއި ފެންބިލާއި ލޯނުއަދާކުރުން ލަސްކޮށްދިނެވެ. ވަޒީފާތަކުން މުއައްޒަފުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ މުސާރައިން 20 އިންސައްތަ އުނިކުރިއެވެ. ހަމަ އެދަނޑިވަޅު ބައެއްވަޒީރުންގެ އަނބިއަނބި ކަނބަލުންނާއި އާއިލީ ބޭބޭފުޅުންނަށް ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ މަޤާމު ދެއްވުމަކީ ބައެއް ވަޒީރު ބޭފުޅުންގެ މުސާރައިން އުނިކުރެވުނުބައި ދެއްވީއޭ ބުނުމަކީ އިންސާފެއްނޫނެވެ.

ރާއްޖެއަކީ އާބާދީއަށް ހޭހަން ކޮށްނުދެވޭވަރުގެ ފަޤީރު ގައުމެއްނޫނެވެ. ކޮވިޑް19 ގެ ބިރުވެރިކަން ތަހައްމަލުކުރާ އެތައް ޤައުމެއްގައިތިބި ދިވެހި ރައްޔިތުންގެ އެތައް ބަޔަކު މި ނުރައްކާތެރި ދަތި ވަގުތު އެތައް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން ގެނެސްދީފިއެވެ. ރައްޔިތުންގެ ހައްޤުގައި ވެވުނު މަތިވެރި ޤުރުބާނީއަށް ޝުކުރުވެރިވެވެނީ ނިހާޔަތަށެވެ. އަނެއްކޮޅުން މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީންނަށް ގައިދުރު ހިޔާވަހިކަން ހޯދާދެއްވުމުގައި ގަވައިދާއެއްގޮތަށް އުޅޭބައެއްތޯ ނޫންތޯވެސް ބެލުމެއްނެތި އިންސާނިއްޔަތުކަން ކުރިޔަށް ނެރުއްވިއެވެ. ބިދޭސީންގެ އެތައްބަޔަކު އެމީހުންގެ ގައުމަށްވެސް ފޮނުވާދެއްވީއެވެ. އޯގާތެރި ކަމުގެ ކޮޅެއްނެތެވެ.

އެހެނަސް މާލޭގައި ހާލުގައި ޖެހިފައި ދިވެހިންގެ އެތައް ބަޔަކު ތިބިކަން ރަމަލަށްވެސް ނާރަނީ ކަންނޭނގެއެވެ. އީސަގެ ބަސްނޭހި ކުދިންކޮޅު ދޫކޮށްލީވެސް ތޯއްޗެކެވެ. އެނގޭކަމަކީ ހާލުގައިޖެހި ގޮތް ހުސްވެފައި ގިނަ އަދަދެއްގެ ދިވެހިންތަކެއް މާލޭގައި ތިބިކަމެވެ. ކަލިޔާބިރިންޖީ ކޮޅެއްވެސް ފަގީރުކޮޔަށް ނުލިބެނީހޭ ރަސްގެފާނު ވިދާޅުވީ ރަސްގެފާނު އަރިހުގައި ކަލިޔާބިރިންޖިއަކީ އެންމެ ދެރަވަރު ކޮއްތުކަމުގައި ވީތީއެވެ. ފަގީރުކޮޔަށް ހުވަފެނެއްގައިވެސް ކަލިޔާބިރިންޖި ދެކިފައިނެތްކަން ރަސްގެފާނަށް ވިސްނިވަޑައިގެންފައި ނެތުމުން އެހެން އައްސަވާލެއްވިދާނެތާއެވެ. އެގޮތަށް އެހާ ހާލުގައި ދިވެހިންގެ ބަޔަކު ޖެހިދާނެކަން ބައެއްގެ ރަމަލަށް ނާރާ ހިގައިދާނެތާއެވެ.

ރަށްރަށުގައި ނުތިބެ ބިކަހާލުގައި އުޅެންވީ ކީއްވެގެންތޯ ބަލާ ތަހުގީގުކުރުމުގެ ވަގުތަކީ މީނޫންކަމުން އެވާހަކަ ދައްކާކަށް ނެތީމެވެ. ބުރަމަސައްކަތުން ހޯދާ މަދު ލާރިކޮޅުން ކޮޓަރިގަނޑެއް ހިފައިގެން އަނބިދަރިން ގޮވައިގެން އެތާ ކައްކާކައި ފެންވަރާ ގުޅަޔަކަށް ތިބެ ނިދައިގެން އުޅޭނީ އުޅެވޭނެ އެހެން ގޮތެއް އޮވެގެން ނޫންކަން ޔަޤީނެވެ. ތިންހަތަރުތާ މަސައްކަތްކޮށްގެން ހޯދާ މަދުލާރިކޮޅު ކޮވިޑާއެކު ލިބުން ހުއްޓިއްޖެއެވެ. ރިސޯޓެއްގެ އާދައިގެ ވަޒީފާއެއްގައި ހުރެގެން ލާރިކޮޅު ފޮނުވާދަރި އެތަނުން ކަޑާލައިފިއެވެ. ނޫނީ އަސާސީ މުސާރަ ނޫން އެއްޗެއް އެދަރިއަކަށް ނުލިބެއެވެ. ކޮޓަރީގެ ކުލި ކަނޑާނުލިތާ ރުފިޔާއެއްވެސް ކަޑައި ނުދެއެވެ. ނުވިތާކަށް ނުލިބޭ ލާރި ހޯދަން ކުއްޔަށް ދިން މީހާ ފަހަތުން ހިގަހިނގާ ހުއްޓާ، މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފިއެވެ. ކުލިދައްކާނެ ލާރިއެއް ނެތްތާ ކާއެއްޗެއް ގަންނާނެ ފަދައެއް ނެތެވެ. ރައްޓެއްސެއްގެ ރަނގަަޅު ކަމުން ލާރިއެއް ދިނިއްޔާ ނޫނީ ލާރިއެއް ލިބޭނެ ގޮތެއްނެތެވެ. ލާރިއެއް ހޯދަން ދާނެތަނެއް ވެސް ނެތެވެ. މީހެއްގެ ގާތަށް ދިޔަޔަސް ލިބޭނެ ކަމުގެ ޔަޤީންކަމެއް ނެތެވެ. ޔަޤީންކަމެއް ނެތަސް މީހެއްގެ ކައިރިޔަށް ދެވޭނީވެސް މަގުމައްޗަށް ނިކުމެ އުޅުމުގެ ހުއްދަ އޮތް ނަމަތާއެވެ.

ފޯނަށް ރީލޯޑެއް ރާސްޓަހެއްހާ ހިސާބު ވެސް އެޅޭނެ ގޮތެއްނެތެވެ. ކާއެއްޗެއް ހޯދަން ޑެލިވެރީ އޯޑަރެއް ދޭން އަތުގައި އޮތް ލާރިކޮޅުން ރީލޯޑް ކޮށްފިއްޔާ، ގެންނަ އޯޑަރަށް ފައިސާ ދެއްކޭނެ ގޮތެއް ނެތެވެ. ރީލޯޑް ނޭޅުނަސް ފޯނު ނުކެޑޭތީ އަންނަ ކޯލު ލިބެއެވެ. ކުއްޔަށް ދިން މީހާ ފައިސާ ހޯދަން ކުރާ ކޯލުތައް ބަރާބަރަށް ލިބެއެވެ. ނުނަގައެއް ވެސް ނުވާނެތާއެވެ. ގެއިން ނެރޭނީ ކޮން އިރަކުން ކަމެއް ނޭގެއެވެ. ތަންތަން ކުއްޔަށް ދެނީ ފައިސާ ހޯދަންތާއެވެ. ދަތިވީމާ ލިބެން އޮތް ގޮތަކުން ހޯދަން އުޅޭނެއެވެ. އެންމެ ފަހުން ތަން ހުސް ކުރަން ވެސް އެންގީއެވެ. ހުސްކުރާނީ ވަކިން ކިހިނެއްހެއްޔެވެ. ދާނީ ކޮންތާކަށް ހެއްޔެވެ. ވީހާލެއްގައި ވެގެން އުޅެން ރަށަށް ވެސް ދެވޭނެ ގޮތެއް ނެތެވެ. ރަށަށް ދިޔަސް ނުހިގާނީ ކުލިތާއެވެ. ކައިބޮއި އުޅޭނެ ގޮތެއް ނެތެވެ.

އެހެން ވާހަކައެކެވެ. ވަޒީފާ އަދާކުރަން މާލޭގައި ހުންނަން މަޖުބޫރެވެ. ބަޔަކު ކުއްޔަށް ހިފައިގެން އުޅޭ އެޕަރޓްމެންޓަކުން ކޮޓަރިއެއް ހިފައިގެން ހުއްޓަސް ކައިބޮއި އުޅެނީ ބޭރުންނެވެ. މަހު ކޮއްތަށް ހޮޓަލަކަށް އެޑްވާންސްކޮށް ވަނީ ފައިސާ ދައްކާފައެވެ. ފެންވަރާށާއި ނިދަން ނޫންގޮތަކަށް ކޮޓަރިއަކަށް ގޮހެއް ނޫޅެއެވެ. ކޮރޯނާ އައުމާއެކު އަދާކުރަމުންއައި ޕާޓްޓައިމް ޖޮބް ގެއްލިއްޖެއެވެ. އެހެން ހުއްޓާ ވީ ލޮކްޑައުނެވެ. ކުލިދެއްކޭކަށް ނެތެވެ. ކެވޭނެ ގޮތެއް ނެތެވެ. ރަށަށް ވެސް ދާނީ ކިހިނެތް ހެއްޔެވެ. މިކަހަލަ ކިތަންމެ ބަޔަކު ބިކަހާލުގައި ގޮތް ހުސްވެފާ ކޮރޯނާ ނުޖެހުނަސް، މަރަށް ތެޅިތެޅި މާލޭގައި އެބަތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!