ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 86 މީހަކު ވަނީ ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 41 ދިވެހިންނާއި 45 ބިދޭސީންނެވެ.
މި ކާރިސާއިން އަރައި ގަތުމަށް ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފި
ކޮވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތާ ގުޅިގެން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވައި މިރޭ ނެރުއްވި ދެންނެވުމެއްގައިވަނީ، ކޮވިޑް-19 ބަލި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، އެކަމާ ދެކޮޅަށް ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސާވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ދެންނެވުމުގައިވެ އެވެ.
"ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ގައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާ ކަމުގައި ދަންނަވަންވެސް ރައީސް ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.
އަތޮޅު ތެރޭގެ ޓާސްކް ފޯސްތަކުގަ އާއި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރާ އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި މިހާރުވެސް ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން، ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރޭ އަމުރުތަކަަށާއި، އެންއީއޯސީގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.