ޚަބަރު

މާލޭގައި ފެނާއި ނަރުދަމާގެ މައްސަލަ ދިމާ ވަނީ އާބާދީއަށް ނުކަތާތީ: އެމްޑަބްލިއުއެސްސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ މައްސަލަތައް ކުރިމަތި ވަނީ އާބާދީއަށް ނުކަތާތީ ކަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝާހު މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން ޝާހު ވިދާޅުވީ މާލޭގައި ގާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމަކީ 50،000 މީހުންގެ އާބާދީއަކަށް ބަލައިގެން ގާއިމްކޮށްފައިވާ ނިޒާމެއް ކަމަށެވެ. ނަމަވެސް މާލޭގައި 200،000 އާ ގާތްކުރާ އަދަދަކަށް މީހުން އުޅޭ ކަން ފާހަގަކުރެއްވިއެވެ.

މިހާރު އޮތް ނަރުދަމާގެ ނިޒާމު ކުޑަކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ މި ފަދަ ސަބަބުތަކާ ހުރެ ކޮންމެ ފަދަ ވަގުތެއްގައި ވެސް ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

"މި ނިޒާމުގެ ނެޓްވޯކް އޮންނަނީ އަބަދު ފުރިފައި, ޕަންޕުތައް ހުންނަނީ އަބަދުމެ ޖެހިފައި، ކޮންމެ އިރަކުވެސް މިއީ ސިއްހީ ނުރައްކާތެރި ކަމެއް ދިމާ ވެދާނެ ކަމެއް." ޝާހު ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަމަށް އަބަދުވެސް އެ ކުންފުނީގެ އެމަޖެންސީ ޓީމެއް ތައްޔާރުވެ އޮންނަކަން ޝާހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ޝާހު ވަނީ ނަރުދަމާގެ ނިޒާމަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ބޭނުން ކޮށްފައި ހުރި ޔޫޕީވީސީ ހޮޅިތައް މުރަނަ ވެފައި ހުރުމުގެ ސަބަބުން ޕަމްޕް ބަދަލު ކޮށްފައި ޖެއްސުމުން ހޮޅިތައް ފަޅައިގެން ދާ ކަަމަށާއި ހޮޅި ބަދަލު ކުރަން ޖެހެނީ ވެސް މާލޭގައި އެންމެ ކާރޫބާރޫ ބޮޑު ހިސާބުތަކުގައި ކަމަށް ޝާހު ވިދާޅުވިއެވެ.

"ޕަންޕްތަކުގެ ކެޕޭސިޓީ ބޮޑުކޮށްލާފައި ޖެއްސީމާ ޑެލިވަރީ ލައިންތައް މި ދަނީ ފަޅައިގެން، ފަޅައިގެން ގޮސްގެން މަގުމައްޗަށް ނަޖިސް އެބަ ބޭރުވޭ، މިއީ ވެގެން ވާނެ ކަމެއް ނޫން، އެހެންވީމާ މި ހޮޅިތައް އެބަޖެހޭ ކޮންމެހެން ވެސް ބަދަލުކުރަން، ފަލަކުރަން. ރަނގަޅު ކޮލިޓީ ހޮޅިލާން." ޝާހު ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!