ޚަބަރު

ކުލި ނުދެއްކިގެން ގެއިން ނެރޭނަމަ އެޗްއާރްސީއެމްއަށް ރިޕޯޓް ކުރޭ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ގޭގެ ކުލި ނުދެއްކިގެން ގެއިން ނުކުންނަން މަޖުބޫރުކުރާ ނަމަ، އެ މައްސަލަތައް ރިޕޯޓު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

Ads by STELCO

އެޗްއާރްސީއެމް އިން ބުނެފައިވަނި ދިރިއުޅޭ އެޕާޓްމަންޓު ނުވަތަ ގޭގެ ކުލި ދެއްކޭނެފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތަށް އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އެޗްއާރްސީއެމް އިން ވަނީ ލިންކެއް އާންމުކޮށްފައެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ވަނީ ކޮވިޑް19 އާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްދިނުމުގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭންޖެހޭ ގަދަރާއި އިހްތިރާމް ދިނުމަށާއި އަދި އެފަދަ ފަރާތްތައް ދިރިއުޅޭ ތަންތަނުގައި އުޅޭ އެހެން ފަރާތްތަކުން ހިދުމަތުގައި އުޅޭ މުވައްޒަފުން ތަފާތުނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.

އެޗްއާރްސީއެމް އިން މިހެން ބުނެފައިވާއިރު، ބައެއް ސިއްހީ ހިދުމަތްތެރިންނާއި ކުނި ނެގުމާއި އަދިވެސް މިފަދަ މަސައްކަތްތަކުގައި އުޅޭ މީހުން ގެއިން ނުކުތުމަށް އަންގާކަމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ވަނީ ކޮވިޑް-19އާ ގުޅިގެން އަތޮޅުތެރޭގެ ރަށްރަށް ލޮކްޑައުންގެ ހާލަތަށް ގެނައުމުގައި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ރަށްރަށުން ލިބޭނޭ އިންތިޒާމް ހަމަޖެއްސުމާއެކު، ހިދުމަތްތައް ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެ ރަށްރަށުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެމުންދާކަން ދައުލަތުން ކަށަވަރުކުރަން ވެސް އިލްތިމާސްކޮށްފައެވެ.

ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލި ދެބެއިންނަށް ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!