ރިޕޯޓް

ހެލްތު އިމަޖެންސީއާއި މަބްރޫކު އަބަނާރާ އުޅުނަސް ކުރާނީކީއް!

ދެން އެމްވީ ، ދެން އޮންލައިން

މުއްސަދި ގައުމެއް ފަޤީރު ޤައުމެއްގެ ތަފާތެއްނެތެވެ. ވެރިއެއް ރައްޔިތެއްގެ ފަރަގެއްނެތެވެ. ކާރޫބާރު ބޮޑު މަގުތައް އޮތީފަޅަށެވެ. ކާރުޚާނާތަކުގައި ތަޅުއަޅުވައިފިއެވެ. މިސްކިތާއި ފައްޅިތައް ލައްޕައިފިއެވެ. ވައިގެ ބަނދަރުތަކާއި ކަނޑު ބަނދަރުތައް ބަންދު ވެއްޖެއެވެ. މާރުކޭޓުތަކާއި ހޮޓާތައް ހުއްޓިއްޖެއެވެ. ދަނޑުތަކާއި ޕާކުތައް ހުސްވެއްޖެއެވެ. ހޮސްޕިޓަލުތަކުގައި އެނދުމަތިވެފައި ތިބި ބަލިމީހުން ފަރުވާ ނުލިބި މަރައްތެޅެނީއެވެ. ޑޮކްޓަރުންނާއި ނަރުހުން ގަބުރުތަކެއްހެން ފަސްތަން ބަދެވިގެންތިބެ ލޮލަށް ނުފެންނަ ގޮތްނޭގޭ ދިފާއެއްނެތް މަޚްލޫޤަކާ ހަނގުރާމަ ކުރަނީއެވެ. ދިރިތިބީން ގޮތްހުސްވެ ޖެހުނުތަނަކަށް ވަދެ ފިލަނީއެވެ. ގައުމުތަކާއި ސަހަރުތަކާއި ރަށްރަށާއި އަވަށްތައް ބަންދުވީއެވެ. ކޮވިޑް19ގެ ޢާލަމީވަބާ މުޅިދުނިޔޭގައި ތަޅުމަޅު އަޅުވައިފިއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މާދަމާވެސް ސަލާމަތުން ތިބެވޭނެ ކަމުގެ އުންމީދެއްނެތެވެ.

Ads by MWSC

އެހެނެއްކަމަކު ކޮވިޑް19 އަކީ ރަށު ސިއްޙީ މަރުކަޒުން ޕެނެޑޯލު ދީގެން ހައްލުކޮށްލެވޭ ވަރުގެ އާދައިގެ ރޯގާއެއްކަމުގައި ވެގެން ދާނެ ކަމަށް ރާއްޖޭގައި ރައްޔިތުންނަށް ވިސްނައިދެވުނެވެ. ކޮވިޑް19 ގެ ބަލިމީހުން އެކަހެރިކޮށް ގައިދުރު ކުރުން ހެޔޮނުވާނެކަށްރާއްޖޭގައި ގޮވާލެވުނެވެ. އިދިކޮޅަށް ކޮރޯނާ ޖައްސާފައި ބައިތިއްބައިގެން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރާނެކަމަށް ރައްޔިތުންގެ ވަކީލަކު ވިދާޅުވިއެވެ. ކޮވިޑް19 އަކީ ވަކި ސިޔާސީ ލީޑަރަކު ޖަލަށް ލުމުން ކުރިމަތިވީ ވަބާއެއް ކަމުގައި އަޑުފެތުރިއެވެ. ކޮވިޑް19 ގެ ނުރައްކާތެރި ކަމުން ސަލާމަތް ވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުން ދޭންޖެހޭ ސަމާލުކަން ކުޑަކޮށްލުމަށް ރާއްޖޭގެ ޒިންމާދާރު ބައެއް ފަރާތްތަކުން މިދެންނެވި ބީދައިން އަމަލުކުރެއްވިއެވެ. ނަތިޖާއަކަށްވީ ކޮވިޑް19 އާއިމެދު ރައްޔިތުންގެ ގިނަބައެއްގެ ސީރިޔަސްކަން ކުޑަވެ ބަސްނާހާ ބައެއްކަމުގައި ވުމެވެ.

ވާނީވެސް އެހެންތާއެވެ. ކަމުގެ ނުރައްކާތެރިކަން އިހުސާސް ކުރެއްވުނު އިލްމީ ބޭބޭފުޅުން ކުރިޔާލާ އެވާހަކަ ދެއްކެވިއެވެ. ޕްރޮފިސަރ އުގައިލް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކޮވިޑް19 ގެ ބިރުވެރިކަމުގެ އިންޒާރު ދިވެހި ރައްޔިތުންނަށް ދެއްވިއެވެ. ފަރުވާކުޑަވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި ނާޅައިފިނަމަ، ރާއްޖެއިން ދިހަވަރަކަށް ހާސް މީހުން މިބަލީގައި ދުނިޔެ ދޫކުރަން ޖެހިދާނެ ކަމަށް ވިދާޅުވީމާ ގޯސްވީ ޕްރޮފިސަރެވެ. އިލްމީގޮތުން ކުރެއްވި ދިރާސާއެއްގެ ނަތީޖާ ހާމަކޮށް ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެންނެވުމުން ޕްރޮފިސަރަށް ޖެހިވަޑައިގަތީ މާފަށް އެދިވަޑައިގަތުމަށެވެ.

ހަމައެހެންމެ، ބޭރުން ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ދުރާލާ ގޮވާލެއްވިއެވެ. ޓޫރިޒަމް ހުއްޓިދާނެތީ ބޯޑަރު ބަންދުކުރުމަކީ ކުރަންވާވަރު ކަމަކަށް އޭރަކު ނުފެނުނެވެ. ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ޔޫރަޕާއި ޗައިނާގެ ބޯޑަރު ބަންދު ކުރުމުންވެސް ރާއްޖޭގެ ބޯޑަރު ބަންދެއް ނުކުރެވުނެވެ، އަވައްޓެރި ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ނިމުނު އިރުވެސް ރާއްޖޭގެ އިންޓަނޭޝަނަލް އެއަރޕޯޓު އޮތީ ހިނގަހިނގައެވެ. އެންމެފަހުން އިންޑިޔާގައި ކާފިއު ހިންގައި އެގައުމު ބަންދުވެ، ރާއްޖެއަށް ޝެޑިއުލް ދަތުރެއް ކުރާނެ އެއަރލައިނެއް ނެތެންދެން ރާއްޖޭގެ ބޯޑަރު އޮތީ ހުޅުވިފައެވެ.

ލަހެއްނުވެ ރާއްޖެއިން ކޮވިޑް19 ބޯހިއްލާލައިފިއެވެ. ރިސޯޓްތަކުންނެވެ. އެއްވެސް ދިވެއްސަކަށް ނުޖެހެވެ. އޭރުވެސް އެއަރޕޯޓުގެ މުއައްޒަފުން ގެސްޓުންނަށް ޚިދުމަތްދެމުން، އާއިލާއައި އެކުގައި ނިދަން އާދެވޭގޮތަށް އޮތީދޫކޮށް ލެވިފައެވެ. ވާނީ އެހެންތާއެވެ. ރާއްޖެއިން ފެންނަ ކޮވިޑް 19 ފެންނަނީ ގެސްޓުންނާއި އެމީހުންނަށް ޚިދުމަތްދޭން އުޅުނު ރާއްޖޭން ބޭރު މީހުންގެ ގައިންނެވެ. އެހެންވެ ކޮވިޑް19 އަށް ވުރެ ދިވެހިން މާވަރުގަދައޭ ހީވީކަހަލައެވެ. އެހެނަސް އެ ޤަބޫލުކުރުން ބަދަލުކޮށްލީ އިގިރޭސި ވިލާތުން އައި ދިވެއްސަކަށް ޖެހުނު ހިސާބުންނޭ ހީވެއެވެ. އެޖެހުމަކީވެސް ބޭރުންޖެހުނު ޖެހުމެއްކަމަށް ބަލައިގެން ތިއްބާ އިތުރު ދެދިވެއްސަކު ފައްސިވެއްޖެއެވެ. އެއީވެސް އިގިރޭސިވިލާތުން އައިދެމީހުންނެވެ.

ދިވެހިންނަށް ކޮވިޑް19 ޖެހެނީ އިގިރޭސިވިލާތުން ކަމަށް ގަބޫލުކޮށްގެން ހުއްޓާ ކަމަކުދާކަށްނެތެވެ. ފިލިޕިންސްގައި ކިޔަވަން ތިއްބައި ގެނައި ކުދިން ކަރަންޓީނުގައި ތިއްބާ އޭގެތެރެއިން ކުއްޖަކު ފައްސިވިއެވެ. ރާއްޖޭގެ ރިސޯޓަކުން ފުރަތަމަ ފަހަރަށް ކޮވިޑް19 އަށް ފައްސިވީއްސުރެ ހެލްތު އެމެޖެންސީ ހިންގާފައި އޮތެވެ. ކިޔަވާދޭ ތަންތަނާއި މިސްކިތްތައް ބަންދެވެ. ހޮޓާކެފޭ ރެސްޓޯރެންޓްތައް ބަރާބަރަށް ހިނގައެވެ.

ފައްސިވީ 16 ވަރަކަށް މީހުންނަށް ފަރުވާދީގެން 4 މިހަކު ފިޔަވާ އެންމެން ކާމިޔާބުކަމާއެކު ރަނގަޅުވެގެން ދިޔުމުން މިހިސާބުން މިކަން މިނިމުނީ ކަމަށް ބަޔަކަށް ހީވެ ދެންމެ ދެންމެ ހުޅުވާލައިފާނެޔޭ ހީވިއެވެ. ޑޮކްޓަރުންނާއި ތަރުޖަމާނު، އަސަރާއެކު އޭރުވެސް ގައިކޮޅުގައިގާ ދުރޭގޮވައެވެ. ގަދަކޮޅިގަނޑަކަށް ބަނޑުދަމާލާފައި އޮތް އޮތުމެކޭ ކިޔާ ރޮއެ އާދޭސް ކުރެއެވެ. އެވާހަކަ އަޑުއަހާ ކަހާތަން ހިރުވާލާ މީހަކު ނޫޅެއެވެ. ވާނީވެސް އެހެންތާއެވެ. ކޮވިޑް19 އަކީ ރަށުމަރުކަޒުގައި ޕެނެޑޯލު ގުޅައަކުން ނިންމާލެވޭ ވަރުގެ ކަމެއްކަމަށް އޮތީ ވިސްނާދެއްވާފައި ވިއްޔާއެވެ. ހެލްތުއެމަޖެންސީއާއި މަބްރޫކު އަބަނާރާ އުޅުނަސް ކުރާނީކީއް ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!