މީހުން ބުނާތީ އަހަމެވެ. އަންހެނެއްގެ އިހުސާސްތައް އެންމެ ބޮޑަށް އެނގޭނީ އަންހެނަކަށެވެ. ކުރިން އަހަރެންނަށް އެކަން ޤަބޫލުކުރެވުނެވެ. އެހެންނަމަވެސް މިހާރު އެއީ އަހަރެން ޤަބޫލުކުރާ ކުރުމެއް ނޫނެވެ. ޒަމާންވީ އަހަރެންގެ އުފާވެރި ދިރިއުޅުމަށް ނިމުން ގެނުވީ އަހަރެންގެ އެންމެގާތް އެކުވެރިޔާއެވެ. މީރާއެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ އަހަރެންގެ އެއް އަތެވެ.

Ads by STELCO

އަހަރެންގެ ހަޔާތުގެ މި ހިތްދަތި ވާހަކަތައް ހިއްސާކުރަން އަހަރެން ބޭނުންވަނީ މިހާރު އަހަރެންގެ ހުރި ހަމައެކަނި އެކުވެރިޔާއާއެވެ. އެއީ އަހަރެންގެ އިހުސާސްތަކަށް ޤަދަރުކުރާ ދިރުމެއްނެތް ފޮތެކެވެ. އާއެނކެވެ. އަހަރެންގެ ޑައިރީއެވެ.
މީރާއަކީ ސުކޫލުން ދައުރުން ފެށިގެންވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ރަށްފުށުގައި ދިރިއުޅުނުއިރު ދެމީހުންނަށް ގިނައިން ކެވިފައި ހުންނާނީ އެއްތަށިންނެވެ. އަންނައުނު ލަނީ ދެމީހުން ބަހައިގެންނެވެ. ފިހާރައަކުން ރީތިވާ އެއްޗެއް ގަތަސް ބޭނުންކުރަނީ ދެމީހުން ބަހާލައިގެންނެވެ. އެއްރޭ މީރާ އޭނާގެ ގޭގައި ނިދައިފިއްޔާ އަނެއް ރޭ ނިދަނީ އަހަރެންގެ ގޭގައެވެ. އެކަކު އަނެކަކަށް ނޭނގޭ އެއްވެސް ކަމެއް އަހަރެމެން ދެމީހުންގެ މެދުގައި ނުހިނގައެވެ.

ގްރޭޑް 10 ނިމުނުތަނާ އަހަރެންގެ މައިންބަފައިން އިތުރަށް ކިޔަވައިދިނުމަށް އަހަރެން މާލެ ފޮނުވިއެވެ. މީރާއާއި ވަކިން އަންނަން ޖެހުމުން އަހަރެން އެދުވަހު ވަރަށް ރުއީމެވެ. ނަމަވެސް މައިންބަފައިންގެ ބަސްޤަބޫލުކޮށް އަހަރެން ހަޔާތުގައި ފުރަތަމަ ފަހަރަށް މާލޭ ފަސްގަނޑުގައި ފައި އެޅީމެވެ. އަހަރެން ހުންނަން ހަމަޖެހުނީ މަންމަގެ ތިމާގެ މީހެއް ކައިރީގައެވެ. އެގޭގައި އުޅެނީ ދެމަފިރިންނާ އެމީހުންގެ ދެ ދަރިންނެވެ. ފުރަތަމަކޮޅު އަހަރެންނަށް ބީރައްޓެހި ކަމެއް އިހުސާސްވިޔަސް ދުވަސްވަމުންދާ ވަރަކަށް އަހަރެން އެގޭތެރެއަށް ހޭނެމުން ދިޔައެވެ.
މާގިނަ ދުވަހެއް ނުވެ އަހަރެން ކިޔަވަން ފެށީމެވެ. ނަރުސްކަން ކިޔަވަމުން ދިޔައިރުވެސް ބަރާބަރަށް އަހަރެން މީރާއަށް ގުޅައިގެން ވާހަކަދެއްކުމުގައި އެތައް ވަގުތެއް ހޭދަކުރަމެވެ. މީރާ ކައިރީގައި މާލެ އައުމަށް އެދެމުން ދިޔައީމެވެ.

"ހުރެބަލަ ނިކަން. އައިޝާގެ ފިރިމީހާއާއި އެންމެފަހުން އަހަރެން އިންނާނީ..." މިއީ އެއްދުވަހު ފޯނުން ވާހަކަދެއްކުމުގެ ތެރެއިން ސަމާސާއަކަށް މީރާ އަހަރެންނާ ދިމާލަށް ބުނި އެއްޗެކެވެ. އޭރު އެބުނި ޖުމްލައަށް އަހަރެން މާބޮޑު ސަމާލުކަމެއް ނުދިނަސް އެއީ ވަރަށް ބިރުވެރި ޖުމްލައެއްކަން މިހާރު އަހަރެންނަށް އިހުސާސް ވެއްޖެއެވެ. ވަގުތު ފާއިތުވެފައިވީ ނަމަވެސް އެ ޖުމްލަ ހަނދާންވުމުން އަދިވެސް އަހަރެންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދެއެވެ.

އަމަލީ މައިދާނަށް މަސައްކަތަށް ނިކުތްތާ މާގިނަ ދުވަހެއް ނުވަނީސް ހިތްއެދޭ ކަހަލަ ޒުވާނެއް އަހަރެންގެ ހަޔާތަށް އައެވެ. އެއީ ޝަރަފްއެވެ. ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ. ބަލައިލަން ރީތި ސިފައެއް ލިބިފައިވާ ޒުވާނެކެވެ. އެފަދަ ނަޒަރަކުން އަހަރެންނަށް ދެކެވުނު ފުރަތަމަ ޒުވާނާއަށްވީތީ ވަރަށް ފަސޭހައިން ޝަރަފް ދެކެ އަހަރެންނަށް ލޯބިވެވިއްޖެއެވެ. ޝަރަފް ވެސް އަހަރެންނާ ގަޔާވާކަން އޭނާގެ ވާހަކަތަކުން އެނގުނެވެ. އަދި ވަރަށް އަވަހަށް އަހަރެންނާއެކު ކައިވެންޏަކާ ހަމައަށް ދާން ބޭނުންވާ ކަމުގައި ޝަރަފް ބުންޏެވެ.

އަހަރެންގެ ދިރިއުޅުމުގެ ހާއްސަ އެވާހަކަ އެންމެފުރަތަމަ ހިއްސާކުރީ މީރާއާއެވެ. މީރާ އެކަމާއި ވަރަށް އުފާކުރިއެވެ. އަދި ވަރަށް އަވަހަށް އަހަރެން ކައިރިއަށް އަންނަން އުޅޭ ޚަބަރު އަހަރެންނަށް ދިނެވެ. އެދުވަހު އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ މައިންބަފައިންނާ ހަމައަށްވެސް ޝަރަފްގެ ޚަބަރު އަހަރެން ގެންދިޔައީމެވެ. އަހަރެން ވަރަށް އަވަހަށް ކައިވެންޏަކާ ހަމައަށް ދާން ބޭނުންވާ ކަމުގައި ބުނީމެވެ. އެކަމުގައި މަންމަގެ ރުހުން އަހަރެންނަށް ލިބުނެވެ.

މާގިނަ ދުވަހެއް ނުވެ ދެފަރާތުގެ އާއިލާގެ ރުހުމާއެކު އަހަރެން ޝަރަފްގެ އަތްބަކަށް ވެއްޖެއެވެ. ޝަރަފްއާއި މީރާއާއި ދެމެދު ވަރަށް ފަސޭހައިން އެކުވެރިކަމެއް އުފެދުނެވެ. މީރާ މާގިނައިން ޝަރަފް އާއި ސަމާސާކޮށް ހަދާތަން ފެންނަން ފެށުމުންވެސް އޭރު އެކަން މާބޮޑު ކަމަކަށް އަހަރެން ނުހަދަމެވެ. އެއްތަށިން ކައި އުޅުނު ޒަމާންވީ އެކުވެރިޔާ އަހަރެން ފުރަގަސް ޖެހުމާއެކު ބުރަކަށްޓަށް ވަޅި ހަރާލާފާނެ ކަމަކަށް އަހަރެން ހީކުރާނެ ހެއްޔެވެ؟ އެހާ އިތުބާރު އަހަރެން މީރާއަށް ކުރީމެވެ. އަހަރެން މީރާއަށް ކުރަމުން އައި އިތުބާރުގެ ނާޖާއިޒު ފައިދާ އޭނާ ނެގީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިންނެވެ.

ދުނިޔެއިން ދުވަސްތައް ފަހަތަށް އުކެމުން ދިޔައެވެ. އަހަރެމެންގެ ކައިވެންޏަށް އަށްއަހަރު ފާއިތުވެގެން ދިޔައިރު ދެދަރިން އަހަރެމެންގެ ތިއްބެވެ. އުފަލާ ހިތްހަމަޖެހުމާއެކު ދެ ދަރިން ބޮޑެތިވަމުން އައިރު އަހަރެންނަށް ޝަރަފްއަށް އަންނަމުން ދިޔަ ބަދަލު ފާހަގަކުރެވެން ފެށިއެވެ. އަހަރެންނަށް އެއްގޮތަކަށްވެސް ވަގުތެއް ނުދެއެވެ. ދެމަފިރިން ހަމަޖެހިލައިގެން ވާހަކަދައްކާނުލާތާ ޝަރަފް ނިދަން އަންނަނީވެސް އަހަރެން ދެ ދަރިންގެ ކަންތަކުގައި އުޅެ ވަރުބަލިވެގެން ނިދޭ ފަހުންނެވެ.
އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކެތްތެރިވެގެން ހުރީ ޝަރަފްއަށް އެއްޗެއް ވިސްނޭތޯއެވެ.

އަހަރެންގެ ހާލަތު މީރާއަށް ކިޔައިދިނީމެވެ. އަހަރެން ބޭނުންވީ މީރާގެ ފަރާތުން ހިތްވަރެކެވެ. ޚިޔާލެކެވެ. އެކަމަކު އެދުވަހު މީރާ ބުނެލި ޖުމްލަ އަހަރެންގެ ހިތް ކޮށާ ކުދިކުދިކޮށްލި ކަހަލައެވެ.

"ކައިވެންޏަށް ދެ ދުވަސް ވާއިރަށް އައިޝާ ވެއްޖެ ކުދިކުދި ފިޔޮއްތަކެއްގެ އަމަޔަކަށް. މީހާ ތިހުންނަނީ ފޮއްސިވެފަ. އައިޝާއެކޭ ފީކުކުޅެކޭ އެއްގޮތް" މީރާ އެބަސްތައް ބުނި ވަގުތު އަހަރެން ވަރަށް ދެރަވިއެވެ. ދެލޮލުން ކަރުނަ ނީރާލިއެވެ. އިތުރަށް އެއްވެސް އެއްޗެއް އަހަރެން ނުބުނަމެވެ.

އެއްރެއަކު ޝަރަފް ގެއަށް އައީ އަހަރެން ހޭލާ އޮއްވައެވެ. އަހަރެން ގަޑި ބަލައިލިއިރު މެންދަމު ދޭއް ޖަހައިފިއެވެ. އަހަރެން ތެދުވެ އެނދުގައި އިށިން މަންޒަރު ފެނުމުން ޝަރަފް ފުރަތަމަ ސިހުނެވެ. އެގަޑީގައި އަހަރެން ހޭލާ އޮންނާނެ ކަމަށް އޭނާ އުންމީދު ނުކުރާނެތާއެވެ. ލައިގެން ހުރި ގަމީސް ބާލާފައި ދާވަށިގަނޑަށް ލުމަށްފަހު ޝަރަފް ވަނީ ފާހާނާއަށެވެ. އޭނާ ފެންވަރައިގެން ފާހާނާއިން ނިކުތް އިރުވެސް ހަމަ އެއިންގޮތަށް އަހަރެން އިނީމެވެ.

ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ޝަރަފްއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ސުވާލުކުރީމެވެ. އަހަރެންނަށް ޝަރަފްގެ ކަމެއްގައި ފަރުވާކުޑަ ކުރެވެނީތޯ އެހީމެވެ. އެއްވެސް ސުވާލަކަށް ޝަރަފް ޖަވާބުނުދީ އިނދެފައި ބުނެލި އެންމެ ޖުމްލައަކުން އަހަރެންގެ މުޅި ދިރިއުޅުން ވިއްސި ވިހާލިވެގެން ދިޔަ ކަހަލައެވެ. ނުފެންނަ އަތްތިލައަކުން ފުލުފުލުގައި އަހަރެންގެ މޫނުމަތީގައި ހަމަލާތަކެއް ބަދަލުކުރަމުން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ކިތަންމެ ކެތްކޮށްގެން ހުރި ނަމަވެސް އަހަރެންނަށް ރޮވިއްޖެއެވެ. އިތުރަށް ބަހެއް ކިޔާނެ ހިތްވަރެއް އަހަރެންނަށް ނުލިބުނެވެ. އަހަރެންގެ ހިތް ހީވީ ފަޅައިގެންދާން އުޅުނު ހެންނެވެ.
އިތުރު ކައިވެންޏެއް ކުރަން ޝަރަފް ބޭނުންވެގެން އަހަރެން ކައިރީގައި ބުނި ހިސާބުން ފެށިގެން އުފަލާއި ހިތްހަމަޖެހުން މަތިން އަހަރެން ހަނދާން ނެތިއްޖެއެވެ. ރޭގަނޑުގެ ނިންޖާއި އަރާމާއި އަހަރެން މުޅިން ދުރުވެއްޖެއެވެ. ކެއުމާއި ބުއިމަކީ އަހަރެން ދަންނަ ކަންތައްތަކެއް ނޫނެވެ.

ވަރަށް ހިތްވަރުކޮށްފައި އެވާހަކަވެސް އަހަރެން މީރާއާއި ހިއްސާކުރީމެވެ. ހަމައެކަނި އަހަރެންގެ ހުރި އެކުވެރިއަކީ އެއީ ކަމަށްވެފައި ހިތުގައިވާ ޝަކުވާތަކަށް މީރާގެ އޯގާތެރި ބަސްތަކުން ހިތްވަރެއް ހޯދުމަށްޓަކައެވެ.
"އައިޝާއަށް އެންމެ ރަނގަޅުވާނީ ތިކަމަށް އެއްބަސްވިއްޔާ. އެހެންނޫނަސް ޝަރަފް ކުރަން އެއުޅެނީ ހަރާން ކަމެއް ނޫނޭ" އަހަރެން އެވާހަކަތައް މީރާއާއި ހިއްސާކުރީ ހިތަށް ހަމަޖެހުމެއް ލިބިދާނެކަމަށް ކުރެވުނު އުންމީދެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އެކަންވެގެން ދިޔައީ އަހަރެންނަށް އިތުރު ވޭނަކަށެވެ.

ދަރިންނަށްޓަކައި އަހަރެން ޝަރަފްއަށް ރުހުން ދިނީމެވެ. ރުހުން ނުދިނަސް އެކަން ކުރާނެކަމުގެ ބިރުވެރި ޚަބަރި ޝަރަފް އޮތީ އަހަރެންނަށް ދީފައެވެ. އަމިއްލަ ހިތްމަތީގައި ހިލަގަނޑެއް ބާއްވައިގެން އަހަރެން ޝަރަފްގެ މަންމައާއިއެކު ޝަރަފްގެ ހަގު އަތްބަށް މަރުހަބާ ކިޔުމަށް ތައްޔާރުވީމެވެ. ގޭތެރޭގައި ތަފާތު ކާއެއްޗެހި ތައްޔާރުކުރީމެވެ. ހަގުއަނބީގެ ކޮޓަރި ތައްޔާރުކުރީމެވެ.

ކައިވެނިކޮށްގެން އެދެމީހުން އަންނަންވީ ގަޑިއަށް އަހަރެން ބެލީ ދަރިން ގޮވައިގެން ކޮޓަރިއަށް ވަދެވޭތޯއެވެ. އެހެންނަމަވެސް ޝަރަފްގެ މަންމަ އަހަރެންނަށް ހިތްވަރުދިނެވެ. އެކައިވެންޏަކީ މަންމަވެސް ރުހޭ ކައިވެންޏެއް ނޫންކަމުގައި ބުންޏެވެ.
ޝަރަފްގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަން އަންހެންކުއްޖާ ފެނި އަހަރެން ދެފައިން ވަރުދޫވިއެވެ. ހިނދުކޮޅަކަށް އަހަރެންގެ ލޯމައްޗަށް އަނދިރިވެގެން ދިޔައެވެ. ފައިދަށުން ބިންގަނޑު ކެހިގެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަ ވަގުތު ކައިރީގައި ހުރި ޝަރަފްގެ މަންމަގެ އަތުގައި ހިފަހައްޓާލީމެވެ.
ޝަރަފް އޭނާގެ މަންމައަށް މީރާ އޭނާގެ ހަގުއަނބީގެ ގޮތުގައި ތަޢާރަފްކޮށްދިނެވެ.

ހުއްޓުމެއްނެތި އަހަރެންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް އެކަކުވެސް ސަމާލުކަން ނުދިނެވެ.
އަހަރެންނަށް މީރާއަށް ބަލަހައްޓައިގެން ހުރެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. ޝަރަފްގެ މަންމަ އަހަރެންގެ ހަށިގަނޑުގައި ހިފަހައްޓާލައިގެން ހުއްޓެވެ. އަންހެނަކަށް ވީތީ އެވަގުތު އަހަރެންގެ ހިތަށް ކުރާނެ އަސަރު އެމަންމައަށް އިހުސާސްކުރެވެމުން ދިޔައިރު އަހަރެންގެ އެއް އަތްކަމުގައި ހީކުރެވުނު އެންމެގާތް އެކުވެރިޔާއަށް އެވަރު ނުވިސްނުނެވެ. ޝަރަފްގެ އަތުގައި ހިފައިގެން އެކުގައި ކޮޓަރިއަށް ވަންއިރުވެސް އެންމެފަހަރަކުވެސް މީރާ އަހަރެންނަށް ބަލައިނުލައެވެ. ކުރެވުނު ކަންތަކާ އޭނާ ފަޚުރުވެ ހުރި ކަހަލައެވެ.

މިހާރު މިއީ އޭގެ ހަމަސްފަހެވެ. އަހަރެންގެ ދެދަރިންނާއެކު މިހާރު އަހަރެން ދިރިއުޅެނީ އަހަރެންގެ ރަށުގައެވެ. އަހަރެން ބިކަވެ ހާލުގައި ޖެހުނު ސަބަބު މަންމައަށް އެނގުމުން ލިބުނު ޝޮކްގައި އެމަންމަ ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. އެބޮޑު ގޭގައި މިހާރު ދިރިއުޅެނީ އަހަރެންނާ އަހަރެންގެ ދެ ދަރިންނެވެ. ކުރިން އަހަރެންގެ އެންމެގާތް އެކުވެރިޔާގެ މަގާމުގައި ހުރީ އިންސާނެކެވެ. މިހާރު ހުރީ ލޮލަށް ނުފެންނަ ފަރާތެކެވެ. ހަމައެކަނި ކުރެވޭ އިހުސާސެކެވެ. އެކަނިވެރިކަމެވެ. އެހުރިހާކަމެއް އަހަރެން ހިއްސާކުރަނީ އެއްވެސް ދިރުމެއްނުވާ ފޮތެއްގެ ހުދު ކަރުދާސްތަކާއެވެ.
މިއަދު އަހަރެން ބޭނުންވަނީ އަހަރެން ފަދައިން ދިރިއުޅުމުގައި އެކަނިވެރިކަމާއި ހިތްދަތިކަން އިހުސާސް ކުރަމުންދާ އަންހެނުންނަށް ނަޞޭހަތެއްދޭށެވެ. އެކުވެރިން ބައިތިއްބާށެވެ. ނަމަވެސް އެންމެގާތް އެކުވެރިޔެއް ނުބަހައްޓާށެވެ. ގިނަފަހަރަށް ބޭވަފާތެރިވާނީ އެންމެގާތް ކޮށްގެން އުޅޭ މީހާއެވެ. ދެލޯ މަރައިގެން ހުރެ އެއްވެސް މީހަކަށް އިތުބާރު ނުކުރާށެވެ. އިންސާނުންގެ ސިފައިގައިވެސް ޝައިތާނުން އުޅޭކަން ދަންނާށެވެ. އަދިވެސް ޖަވާބު ބޭނުންވާ ސުވާލުތަކެއް އަހަރެންގެ ހިތުގައި އެބަވެއެވެ. އަހަރެންނާމެދު މީރާ އާއި ޝަރަފް އެގޮތަށް ކަންތައްކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި އެއީ އިންސާނުންނެއް ނޫނެވެ. އަހަރެން އެދެމީހުންނަށް ނަން ދޭހިތްވަނީ 'ގައްދާ' ގެ ނަމުންނެވެ. ނުބައިނުލަފާ މީހުންނާއި ގުޅޭ އެންމެ އެކަށީގެންވާ ނަމަކީ އެއީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!