ކައުންސިލް އިންތިހާބުގައި ޖޭޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަނީ
ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.
ޖޭޕީން މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. އަދި ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް ވާދަކުރާނެ ކަމަށް ޖޭޕީން ބުނެއެވެ.
ޖޭޕީން ބުނީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިވާއިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމުންވެސް ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން އިޢުލާންކޮށް އެޕާޓީތަކުގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް ހަތަރުވަނަ ދުވަހުއެވެ.