ދައުލަތް ހިންގަން ބޭނުންވާ 4.2 ބިލިއަން ރުފިޔާ އަކީ ހިޔަނި ބަޖެޓެއް: ނަޝީދު
ދައުލަތުގެ ހިންގަން މިހާރުން މިހާރަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ އަކީ ހިޔަނި ބަޖެޓަކަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރައްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހީނަރު ކަމުގެ ހާލަތުގައި ދައުލަތް ހިންގުމަށްޓަކައި މިހާރުން މިހާރަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހުގެ ރައީސް ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީއާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު އެދިވަޑައިގަންނަވަނީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބުނާ ހަމަތަކަށް އިސްތިސްނާއެއް މަޖިލީހުން ހޯދައިދިނުމަށް ކަމަށެވެ.
އަދި މިހާރު ޤާނޫނު އޮތްގޮތުން ސަރުކާރަށް ނެގޭނީ 219 މިލިއަން ރުފިޔާ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު އަމީރު ފޮނުވާފައިވާ ކަރުދާހުގައި ވާގޮތުން 4.2 ބިލިއަން ރުފިޔާ ބޭނުންވާކަން ފާހަގަކުރައްވާފައިވާކަމަށެވެ.
އަދި 4.2 ބިލިއަން ރުފިޔާގެ އޯވާޑްރާފްޓުން ކުރައްވާނެ މަސައްކަތްތައް ސާފު މަގުން ބަޔާންވެފައި ނެތްނަމަވެސް އެހެން ކަރުދާހެއްގައި އެ ހިސާބުތައް ފާހަގަކުރައްވާކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ ދައްވާނެ ކަން އެބައިނގޭ ކަމަށާއި، ފިނޭންސް މިނިސްޓަރު ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރާނީ ބަޖެޓުގެ އުސޫލުން ކަމަށެވެ.
"އާމްދަނީ އަށް ބަދަލު އަތުވެއްޖެ. ހަރަދުކުރާ ގޮތަށް ބަދަލު އަތުވެއްޖެ، (ފިނޭންސް) މިނިސްޓަރު އެހެން ގޮތަކަށް ހަރަދުކުރައްވަން، އެހެން ގޮތަކަށް އާމްދަނީ ހޯއްދަވަން މި މަޖިލީހަށް ވަޑައިގެންފި. ދެންް އެއަށް އަޅުގަނޑަށް އަނެއްކާވެސް ދެންނެވޭނީ، ކިޔޭނީ ބަޖެޓެކޭ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ ދިނުމަށެވެ.
އެގޮތުން ސަސްޕެންޑްކޮށްދޭން އެދުނީ އިގުތިސާދީ ހަރަކާތްތަކަށް ފިޔަވައި އެމްއެމްއޭ އިން ދަރަނި ނުނެގޭނެކަމާއި ނަގާ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތާއި އުސޫލުތައް ކަނޑައަޅާފައިވާ މާއްދާތަކެެވެ. އެ މާއްދާތަކުގައިވާ އުސޫލުތަކަށް އަމަލުކުރުން ހުއްޓައިލެވޭނީ ކުއްލިއަކަށް ކުރިމަތިވާ މައްސަަލަތަކުގައި މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ހުއްދަދޭ ގޮތެއްގެ މަތިންނެވެ.