ޚަބަރު

ފިނޭންސް މިނިސްޓަރަކީ އެމްޑީޕީ ބޭފުޅަކަށް ވިޔަސް ބްލޭންކް ޗެކެއް ނުދެވޭނެ: އީވާ

ދެން އެމްވީ ، ދެން އޮންލައިން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަކީ އެމްޑީޕީ މީހަކަށް ވިޔަސް ދައުލަތުގެ ރިޒާވުން ބްލޭންކް ޗެކެއް ނުދެވޭނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ ދިނުމަށެވެ.

އެގޮތުން ސަސްޕެންޑްކޮށްދޭން އެދުނީ އިގުތިސާދީ ހަރަކާތްތަކަށް ފިޔަވައި އެމްއެމްއޭ އިން ދަރަނި ނުނެގޭނެކަމާއި ނަގާ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތާއި އުސޫލުތައް ކަނޑައަޅާފައިވާ މާއްދާތަކެެވެ. އެ މާއްދާތަކުގައިވާ އުސޫލުތަކަށް އަމަލުކުރުން ހުއްޓައިލެވޭނީ ކުއްލިއަކަށް ކުރިމަތިވާ މައްސަަލަތަކުގައި މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ހުއްދަދޭ ގޮތެއްގެ މަތިންނެވެ.

އެކަމާ ގުޅިގެން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އީވާ ވަނީ އަންދާޒާ ކުރި ބަޖެޓުން މިވަގުތު ފޫބެދެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާ ވިދާޅުވުމަށް އީވާ ތާއީދު ކުރެއްވި އެވެ.

ނަމަވެސް މިވަގުތަކީ އާދަޔާ ހިލާފަށް މަޖިލީހުން ފާރަވެރިވާން ޖެހޭ ވަގުތެއް ކަމަށް އީވާ ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތައް މަޖިލީހުން ސަސްޕެންޑް ކޮށްދޭ އިރު ފިނޭންސް މިނިސްޓަރު ހަރަދުތައް ހިންގާނޭ ގޮތުގެ ފުރިހަމަ ތަފްސީލު މަޖިލީހަށާއި އެމްއެމްއޭ ގަވަރުނަރަށް ލިބެން ޖެހޭ ކަމަށެވެ. ހަރަދު ކުރާނޭ ގޮތާއި ހަރަދު ކުޑަކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލީ ރިޕޯޓެއް ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"މީހާގެ މޫނަށް ކަނދުރާއަށް ބަލާފައި ކަންކުރުން އީ 1980ގެ އަހަރުތަކުގެ ގޮތްހެން. އެއީކީއެއް މިހާރު އަޅުގަނޑުމެން ކަންކުރަން ވިސްނާނޭ ގޮތެއް ނޫން. އަޅުގަނޑާއި ފިނޭންސް މިނިސްޓަރާ އޮންނަ ގާތް ކަމަކާއި. ނުވަތަ އަޅުގަނޑާއި ގަވަރުނަރާ އޮތް ރަހުމަތްތެރި ކަމަކާ. އަޅުގަނޑާ ފިނޭންސް މިނިސްޓަރާ އެއް ޕާޓީއަކަށް ވީތީ ކޭޝް ފްލޯ ނުވަތަ ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ކަން ކުރަންވާނޭ ގޮތެއް ނޫން." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސަރުކާރަށް ފައިސާ ލިބޭނެ ގޮތަށް އެކަން މަޖިލީހުން ވީހާ ވެސް އަވަހަކަށް ކޮށްދޭނެ ކަމަށެވެ. އެކަމަކު ކޮށްދޭ އިރު އާދަޔާ ހިލާފަށް ޗެކްސް އެންޑް ބެލެންސަސްތަކެއް ހުންނަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އާދަޔާ ހިލާފަށް ހަރުކަށި ފާރަވެރި ރިޕޯޓިން ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްއޭ އިން 4.2 ބިލިޔަން ރުފިޔާ ނަގަން ހުއްދަ ހޯދަން މަޖިލީހަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނީ ބަޖެޓް ބަހުސެއްގެ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އަށް ބަދަލު އައިސް، ހަރަދު ކުރާ ގޮތް ބަދަލުވުމުން ފައިސާ އެހެން ގޮތަކަށް ހޯދަން ސަރުކާރުން މަޖިލީހަށް ހުށަހެޅީމާ އެއީ ބަޖެޓެއް ހުށަހެޅުން ކަމަށެވެ. އެހެންވެ އެ މައްސަަލައިގެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވާނީ ވެސް ބަޖެޓް ބަހުސްގެ އުސޫލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!