ބޭރު ދުނިޔެ

އިނގިރޭސި އަންހެނަކު ކޯމާއިން ހޭ އެރި ފަހުން އެނގުނީ ކޮވިޑް-19 އިން ޝިފާ ލިބި، އެއްމާބަނޑު ދެބެންނަށް ބަލިވެ އިންކަން

ދެން އެމްވީ

އިނގިރޭސިވިލާތުގެ ތިން ކުދިންގެ މަންމަ، އުމުރުން 39 އަހަރުގެ ޑެނިއަލް މާރޓިން އަށް ފުރަތަމަ ފާހަގަ ކުރެވުނީ ކަރުތެރެ ފާރުވެފައިވާކަމެވެ. ނަމަވެސް ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔެއް ޖެހިފައި ހުރެދާނެ ކަމަށް ހީކުރެވުނީ ނޭވާލާން އުނދަގޫ ވާންފެށި ހިސާބުންނެވެ. މަރޗް 30 ވަނަ ދުވަހު އޭނާ ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓް ތަކުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެ ނިއުމޯނިޔާވެސް ޖެހިފައިވާކަމަށް ދެއްކިއެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ދަނިކޮށް ޑެނިއަލްގެ ހާލު އިތުރަށް ގޯސްވެ، އޮކްސިޖަން ލިބޭވަރު ވަރަށް ބޮޑަށް ދަށްވިއެވެ.
މިހިސާބުން ޑެނިއަލްގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނަށް ފެނުނު ހަމައެކަނި ގޮތަކީ "އިންޑިއުސްޑް ކޯމާ" އެވެ. މިއީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން އެކަމަށް ޚާއްސަ ޑްރަގެއް ބޭނުންކޮށްގެން ވަގުތީ ގޮތުން ކޯމާގައި ބޭއްވުމަށް ކިޔާ ނަމެކެވެ. ހޮސްޕިޓަލްގައި އޮއްވާ ކުއްލިއަކަށް މިހާ ބޮޑަށް ޑެނިއަލްގެ ޙާލަތު ދަށަށް ދިއުން ޑެނިއަލްގެ ބައިވެރިޔާ ސިފަ ކުރަނީ "ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން" ކަމަށެވެ. އަދި ކުއްލިއަކަށް ހޮސްޕިޓަލަށް ގެންދަން ޖެހުމާއި، ކޯމާގައި ބޭއްވުމުން އެކަންކަން، އެދެމީހުންގެ 3 ދަރިންނަށް ކިޔައިދިނުން ވީ ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް 32 އަހަރުގެ ގްރީން ކިޔައިދީފައިވެއެވެ.

ކޮވިޑް-19 ޖެހުނު އިރުވެސް ޑެނިއަލް އިނީ ބަލިވެކަން އެނގެއެވެ. ނަމަވެސް ބަލިވެ އިނީ އެއްމާބަނޑު ދެބެންނަށް ކަމާ، ދެކުދިންގެ ޙާލުވެސް ރަނގަޅުކަމަށް އެނގުނީ ކޯމާއިން ހޭ އެރިއިރު އެވެ.

ޑޮކްޓަރުން އެންމެ ފުރަތަމަ ބުނީ ބަލިވެ އިންތާ ފުރަތަމަ ދުވަސްކޮޅު ކަމުން ބަނޑުގައިވާ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމުގެ އުއްމީދު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް ޑެނިއަލް ވޯޑަށް ބަދަލު ކުރިފަހުން އެއްދުވަހު ގްރީން އަށް ގުޅާފައި ދެކުދިންވެސް ރަނގަޅުކަމަށް ބުނުމުން، ގްރީން ހީކުރީ ކޯމާގައި އެހާ ގިނަދުވަހު އޮތުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކަންކަން އޮޅިފައި ހުރީ ކަމަށެވެ. ނަމަވެސް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިންކަން ޑޮކްޓަރ ޔަގީން ކޮށްދިން ކަމަށް ބުނުމުން ގްރީން އުފަލުން ފޮޅުނެވެ.

ޑެނިއަލް އަށް މިބަލި ޖެހުނީ ގެއިން ނުނިކުމެ އުޅޭތާ 10 ދުވަސް ވީ ފަހުންނެވެ. އެހެން ކަމުން ޑެނިއަލްގެ ނަސޭހަތަކީ ހުރިހާ އެންމެންވެސް ގޭގައި މަޑުކޮށްގެން ތިބުމެވެ. ޑެނިއަލްގެ ނަސީބު ރަނގަޅު ކަމުން މާބަނޑު ދުވަސްވަރު، ބަނޑުގައިވާ ދަރިންނަށް ގެއްލުމެއް ނުލިބި، މިބަލިން އަރައިގަނެވުނަސް ކޮންމެ މީހަކަށް މިހެން ނުވެދާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!