ޚަބަރު

މާލެއިން އިތުރު ދެ ދިވެހިން ފައްސިވެ، ފައްސިވި މީހުންގެ އަދަދު 110 އަށް

މާލެއިން އިތުރު ދެ ދިވެހިން ފައްސިވެ، ރާއްޖޭގައި ފައްސިވި މީހުންގެ ޖުމްލަ އަދަދު 110 އަށް އަރައިފިއެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓުގައި ބުނެފައިވަނީ މިރޭ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެ ދިވެހިން ކަމަށެވެ. މި ދެ މީހުން ވަނީ މިހާރު އައިސޮލޭޝަން ފެކަލްޓީ އަށް ބަދަލުކުރެވިފައެވެ.

މާލެއިން އިތުރަށް ފައްސިވި ދެ ދިވެހިންނާއެކު ރާއްޖެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 110 އަށް އަރާފައެވެ. މީގެ ތެރޭގައި 45 ދިވެހިން ހިމެނެއެވެ.

އިއްޔެ އެކަނި ވެސް މާލެއިން 23 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު އޭގެ ތެރޭގައި އެއް ތަނެއްގައި ދިރިއުޅެމުން ދިޔަ 14 ބިދޭސީން ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވަނީ ވެސް އިއްޔެ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ފައްސިވި އެންމެން ވެސް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައިވާއިރު، މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!