ދުނިޔެ

އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ ޢަދަދު އިތުރު ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ ޢަދަދު ވަރަށް ބޮޑުތަން އިތުރު ކުރަން ޖެހޭ ކަމަށް، ދިފާޢީ ނިޒާމްގެ ޚާއްސަ ޑޮކްޓަރު، އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރ ކަން ކުރައްވާ ޑރ. އެންތަނީ ފައުޗީ ބުނުމުން، ޑޮނަލްޑް ޓްރަމްޕް އެކަމަށް އިންކާރު ކޮށްފިއެވެ.

Ads by Sosun Fihaara

ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޑރ. ފައުޗީ މިހެން ބުނުމުން، ވައިޓްހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ، ޑޮކްޓަރުގެ ވާހަކަ އަށް އެއްބަސް ނުވާ ކަމަށާއި، އެމެރިކާގައި ޓެސްޓް ކުރެވެމުންދާ މިންވަރާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ޓްރަމްޕްގެ އެޑްވައިޒަރެއްގެ އިތުރުން ޞިއްޙީ ތަޖުރިބާކާރެއްގެ ބަހަށް ޓްރަމްޕް އިދިކޮޅު ހެދުމުން، އެމެރިކާ މިހާރު އޮތް ޙާލަތަށް ދިއުމުގައި ޓްރަމްޕްގެ ހިއްސާ ބޮޑު ކަމަށް މީޑިޔާތަކުން އަންނަނީ ބުނަމުންނެވެ. ޑރ. ފައުޗީގެ އިތުރުން އެމެރިކާގެ ޑޮކްޓަރުންނާއި އެހެނިހެން ގައުމުތަކުންވެސް ވަނީ، ޓެސްޓް ކުރުގެ ގާބިލްކަން އިތުރު ކުރަން ޖެހޭކަމަށް ޓްރަމްޕަށް މަޝްވަރާދީފައެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ޓްރަމްޕް އިތުރަށް ހާމަކުރި ގޮތުގައި، އެމެރިކާއަކީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ކުރި ހޯދައިވާ ގައުމެކެވެ. ނަމަވެސް ނިއު ޔޯކްގެ ގަވަރނަރ ވެސް ވަނީ ޓެސްޓް ކުރުން އިތުރު ކުރުމަށް ޓްރަމްޕް ފަރާތުން އެދިފައެވެ. އަދި މީގެ އެއް ހަފްތާ ކުރިން އޮހައިޔޯގެ ގަވަރނަރ ވެސް ވަނީ ޓެސްޓްކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފާހަގަ ކޮށްފައެވެ.

ޑރ. ފައުޗީގެ އިރުޝާދު ބޮލާލާ ޖެހި، ނޫސްވެރިންގެ ބައްދަލުވުމަށް ޑޮކްޓަރު ހާޟިރުވެ ނެތް ނަމަވެސް، "ޓައިމްސް 100" އާ ވާހަކަ ދައްކަމުން ޑރ. ފައުޗީ ހާމަ ކުރިގޮތުގައި، ކޮންމެ ދުވަހަކު ޓްރަމްޕާއި ބައްދަލުވެ ވާހަކަ ދެކެވޭ ކަމަށާ، ނަމަވެސް އެމެރިކާގެ ޓެސްޓް ކުރާ އަދަދު އިތުރު ކުރަން ޓްރަމްޕް ބޭނުން ނުވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް އޭނާގެ ވާޖިބަކީ ފެންނަން ހުރި ހެއްކާއި ސައިންސްގެ އަލީގައި ރަގަޅު ގޮތް ބުނެދިނުން ކަމަށް ވެސް ޑޮކްޓަރު ގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ގެ ޙާލަތު އެންމެ ގޯސް އެމެރިކާގައި މިހާތަނަށް 886،709 މީހަކަށް މިބަލި ޖެހި 50،243 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރުވެސް 14،997 މީހުންނަށް އައި.ސީ.ޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!