އަންހެން ޓެކްސީ ޑްރައިވަރު އައިންތުގެ ކާރަށް އަނެއްކާވެސް ގެއްލުން ދީފި

މާލޭގައި ޓެކްސީ ދުއްވަނިކޮށް މިހާތަަނަށް ފެނިފައިވާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ޓެކްސީ ކުރަން ގެންގުޅޭ ކާރަށް އަނެއްކާ ވެސް ގެއްލުން ދީފިއެވެ.
ފޭސްބުކް މެދުވެރިކޮށް އައިންތު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ މިހާރު ޓެކްސީ ކުރަން ގެންގުޅޭ ކާރުގެ ބިއްްލޫރިގަނޑު ރޭގެ ވަގުތެއްގައި ތަޅާލާފައިވާ ކަމަށެވެ.
އައިންތު ބުނި ގޮތުގައި ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ޑްރަގް ކޯޓު ކުރިމަތީގައި ޕާކު ކޮށްފައި އޮއްވައެވެ.
"މިއީ އަޅުގަނޑު ޓެކްސީ ކުރަން ފެށި ފަހުން މިގޮތަށް ބިއްލޫރި ތަޅާލި ފަސް ވަނަ ފަހަރު،މިހެން މިކަން ވުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ ބޮޑެތި ގެއްލުންވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފައި" އައިންތު އެޕޯސްޓުގައި ލިޔެފައިވެއެވެ.
މިކަމުގައި ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އައިންތު ވަނީ ބުނެފައެވެ.
މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ، އިއްޒުއްދީނު މަގު، ތޮއިބާ މިސްކިތް ކައިރީ ޕާކު ކޮށްފައި އޮތް ޓެކްސީއެއްގެ ވިންޑްސްކްރީން ތަޅާލާ ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.