ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރަން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާ އާއި ރާއްޖެއާ އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރަން ނިންމައިފިއެވެ.

Ads by STELCO

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވަނީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީ އިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެފައެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫސް "ދިޔަރެސް" ގެ ފަރާތުން ވަނީ އެދިފައެވެ.

ނަމަވެސް އެމްއެންޑީއެފުން އެމައުލޫމާތު ނުދީ ބުނެފައިވަނީ މި މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށެވެ.

މިމައްސަލަ އައިކޮމް އަށް ހުށަހެޅުމުން އެކޮމިޝަނުން ވަނީ މިކަމާއި ގުޅިގެން ދެ އަޑުއެހުމެއް ބާއްވާފައެވެ. ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ބޭއްވި ސިއްރު އަޑުއެހުމެއް ގޮތުގައެވެ.

މިމައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި އެމްއެންޑީއެފުން ބުނެފައި ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!