ޚަބަރު

އޮންއެރައިވަލް ވިސާ ދޫކުރެވޭ ވަރު ވާނި ޖުލައި ހިސާބުގައި: އަމީރު

ރާއްޖެ އައުމަށް އޮންއެރައިވަލް ވިސާ ދޫކުރެވޭ ވަރު ވާނީ ޖުލައި މަހުގެ ހިސާބުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ޖުލައި، އޯގަސްޓް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލުކުރެވި އޮކްޓޯބަރު ހަމައަށް ދާއިރު ކޮންމެވެސް ވަރަކަށް ރާއްޖެ ހުޅުވާލެވިދާނެ ކަމަށެވެ.

"ޖުލައިން ފެށިގެން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ އީޒްތަކެއް އެތެރޭގައި އަދި އަޅުގަނޑުމެން އެއާޕޯޓު ނުހުޅުވުނަސް ޖުލައި މަހުން ފެށިގެން ކޮންމެވެސް ވަރެއްގެ އީޒްތަކެއް ދެވެން ފަށާނެ، އޭގެ ތެރޭގައި އޮންއެރައިވަލް ވިސާ ދިނުން ހިމެނޭ" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އޮން އެރައިވަލް ވިސާ ދޭނީ ސީދާ ޖުލައި މަހުގައި ކަމަށް ނުދަންނަވާ ކަމަށާއި އެކަން ނިންމާނީ ވަރަށް ގިނަ އިދާރާތަކާ ގުޅިގެން ކުރެވޭ މަޝްވަރާތަކަށް ފަހު ކަމަށެވެ.

ސަރުކާރުން އެކުލަވާލާފައިވާ ފަސް ސިނާރިއޯގެ ތެރެއިން އެންމެ އެކަށީގެންވާ ސިނާރިއޯ އަކީ ތިންވަނަ ސިނާރިއޯ ކަމަށް އަމީރު ވިދާޅުވި އެވެ. އެއީ ޖުލައި މަހުން އޮންއެރައިވަލް ވިސާ ދޭން ހުޅުވާލުމާއެކު އަހަރުގެ ބާކީ މަސްތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފަތުރުވެރިން އަތުވެއްޖެ ނަމަ ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ ސިނާރިއޯ އެވެ.

ރާއްޖެއަށް އެންމެ ގެއްލުން ކުޑަކޮށް ލަފާކުރެވޭ ސިނާރިއޯއަކީ ފުރަތަމަ ސިނާރިއޯ އެވެ. އެއީ މިއަންނަ މަހުގައި ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމާއެކު ބެލެވޭ ސިނާރިއޯ އެވެ. އެ ސިނާރިއޯގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 962،398 އެވެ.

ސިނާރިއޯ ދެއެއްގައި ޖޫން މަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ އަދަދަކީ 883،288 އެވެ.

ސިނާރިއޯ ހަތަރެއްގައި އޮކްޓޯބަރު މަހުގައި ފަތުރުވެރިކަން ހުޅުވާލުމަށް ބަލައިފިނަމަ ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް ބެލެވެނީ 626،082 އެވެ. އެއީ މިދިޔަ އަހަރު ފަތުރުވެރިން އައި އަދަދަށްވުރެ 63 ޕަސެންޓް ދަށް އަދަދެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!