ޚަބަރު

ޒީނާ ބްރޯޑްކޮމްްއިން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.

ޒީނާ އިސްތިއުފާ ދެއްވާފައި މިވަނީ އެކޮމިޝަނުން އޭނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރަމުން ދަނިކޮށެވެ.

އެމަގާމުން އޭނާ ވަކިކުރުމަަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ވަނީ ބަލާފައެވެ. އެގޮތުން މި ހިނގާ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވީ ޒީނާ މަގާމުން ވަކި ކުރުމަށެވެ.

ޒީނާ އެމަގާމުން ވަކި ކުރަން މަޖިލިސް ތަަޅުމުގައި ވޯޓަށް އެހުމަށް ތާވަލު ކޮށްފައިވަނީ މިއަދަށެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އިސްތިއުފާގެ ސިޓީ މިއަދު ފޮނުއްވާފައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ޒީނާއާ ދެކޮޅަށް ބަލާފައި ވަނީ ރަސްމީ ގަޑީގައި މަސައްކަތަށް ހާޒިރުވެވަޑައިނުގަންވާ ކަމަށް ބުނާ މައްސަލަ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭ ރާއްޖެޓީވީގެ ކޮންޓެންޓު ހުއްޓުވަން ސިޓީ ފޮނުވި މައްސަލަފަދަ ތަކެކެވެ.

ޒީނާގެ ސިޓީގައި ވިދާޅުވެފައި ވަނީ ކޮމިޓީއިން ނިންމި ނިންމުމަކީ އިންސާފުވެރި ނިންނުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާފައިވާނެ ކަމަށެވެ.

ޒީނާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކޮށްފައި ވަނީ އޭޕްރިލް، 5، 2016ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!