ރައީީސްގެ އިތުބާރު ނެތް މައްސަލަ ވައްދަން މަސައްކަތް ކުރާ އެމްޑީޕީ މެމްބަރުން ޕާޓީން ވަކި ކުރަނީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ސޮއިކޮށްފިނަމަ، ޕާޓީން ވަކިކުރާނެކަމުގެ އިންޒާރު ދީފިއެވެ.
ޗާގޯސް މައްސަލައިގައި، ސަރުކާރުން ޢަމަލު ކުރި ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިފައިވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިސްވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަމުންނެވެ.
އެގޮތުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މައްސަލަ މިހާރު ވަނި ހުށަހަޅައިފައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ، އިދިކޮޅު ޕީޕީއެމް، ޕީއެންސީއެވެ.
އަދި މިކޯލިޝަންގައި، ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ބައިވެރިވެއެވެ.
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީގެ މެމްބަރުން ހަރަކާތްތެރިވެއްޖެނަމަ ޢަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީގެ އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ޢަމަލު ނުކުރެވޭނެކަމަށެވެ.
ރައީސް ޞާލިހުގެ އިތުބާރު އެމްޑީޕީއަށް ނުގެއްލޭކަމަށާއި ރައީސް ޞާލިހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވެސް އިބުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަންކަމުގައި އިސްކޮށް އުޅުއްވާ މެމްބަރުންނަކީ މިހާރު އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން ޕާޓީގެ މެމްބަރުން ނޫންކަމަށާއި، އޮޓޯއިން އެ މެމްބަރުން ޕާޓީން ވަކިވެފައިވާނެ ކަމަށެވެ.
އަދި މިފަދަ ކަމެއްގައި އުޅުއްވާ މެމްބަރަކު އެނގިއްޖެނަމަ އެމެމްބަރަކު ޕާޓީން ވަކި ކުރުމަށްޓަކައި، ޕާޓީގެ އުސޫލު ހަމަޖެހިފައިިވާ ގޮތުގެ މަތީން ޕާޓީގެ ސުލޫކު ކޮމެޓީއަށް ހުށަހަޅައި އެމެމްބަރަކު ޕާޓީން ވަކި ކުރާނެކަމަށްވެސް ވަހީދު ވިދާޅުވިއެވެ.







ކޮމެންޓް