މުނިފޫހިފިލުވުން

ކުރުވާހަކަ: ހިނިތުންވެލާށޭ ކަލާ

ދެން އެމްވީ ، ދެން އޮންލައިން

އެދުވަހުގެ ފެށުންވެސް އައީ އެހެންދުވަސްތަކެކޭ އެއްފަދައިން އާދައިގެ ގޮތަކަށެވެ. އަބަދުވެސް ކަންތައްކުރާ ތަރުތީބުން މަސައްކަތްތައް ނިންމާލުމަށްފަހު ފެންވަރައި ނަމާދުކޮށްލީމެވެ. ދެން މިސްރާބުޖެހީ އަތިރިމައްޗަށެވެ. ޤުދުރަތީ ރީތި މަންޒަރުތަކުން ހިތަށްލިބިދޭ އެއުފަލުން މަޙުރޫމްވާން ނޭދޭތީއެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އެބަޔާނުލައި މިދިރިއުޅުމެއް ފުރިހަމައެއް ނުވާނެއެވެ. މީހުން މަދު ހިސާބުގައި އޮތް ގަސްބުޑުމަތީ އިށީދެލީމެވެ. މެދުއުޑުގައި ހުރި، އިރުގެ ރަންދޯދިތައް މޫދަށް އެޅިފައިވާ މަންޒަރަކީ ބަލާބަލާ އަހަރެން ފޫހިނުވި މަންޒަރެކެވެ. އެދޯދިތަކުގެ އަލިން މޫދުގެ ލޮނުގަނޑު ވިދާ މަންޒަރަކީ އެމަންޒަރެއް ބެލުމަށް މިހިތް ކެތްމަދުވެފައިވާ މަންޒަރެކެވެ.

Ads by Sosun Fihaara

އެރީތި ހިތްގައިމު ތަސްވީރަށް ގެއްލިފައި އިންދާ އަހަރެން ސިހުނީ ފޯނު ވައިބުރޭޓްވާން ފެށުމުންނެވެ. ދުވަހުގެ ފެށުން އެހެން ދުވަސްތަކެކޭ އެއްގޮތް ނަމަވެސް އެދުވަސް އެހެންދުވަސްދުވަހާ ތަފާތުކޮށްލީ އެފޯނުކޯލެވެ. ނުދަންނަ ނަމްބަރަކުން ގުޅި އެފޯނުކޯލަށް އަހަރެން ޖަވާބުދިނީ އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނދެފައެވެ.

"ހަލޯ..." އެއްފަހަރު ހަލޯއޭ ބުނެލުމަށްފަހު އެކޮޅުން ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލީމެވެ.

" ހަލޯ....ކޮން ބޭފުޅެއްތޯ؟ " އެއަޑު އިވުމާއެކު އަހަރެންގެ ހިތަށް ގޮތްނޭނގޭ އަސަރެއް ކުރިއެވެ. އެއަޑު ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. ފިރިހެންވަންތަ އަޑޭ ބުނާތީ އަހަރެންވެސް އަހަމެވެ. އެކަމަކު އެދުވަހު ފުރަތަމަ ފަހަރަށް ފިރިހެންވަންތަ އަޑެއް އިވުނެވެ. އެބުނާ ފިރިހެންވަންތަ އަޑާމެދު ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ. ތެދެކެވެ. މިއީ ފިލްމެއްކަމުގައި ނުވިއަސް އެއަޑުން މިހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކުރިއެވެ. މިހަށިގަނޑުގެ އެންމެ ހިމަނާރަށް ވެސް ލޮޅުން އެރިއެވެ. އަހަންނަށް ޚިޔާލުތަކުން ބޭރުވެވުނީ އަނެއްކާވެސް އެއަސަރުގަދަ އަޑު އިވުމުންނެވެ.

"ހަލޯ....ހަލޯ...ކޮން ބޭފުޅެއްތޯ؟" ދެތިންސިކުންތަށްފަހު އަހަރެންވެސް ޖަވާބުދިނީމެވެ." ކޮން ބޭފުޅެއްތޯ ތިހޯދަނީ؟"

"މިހޯދަނީ ޝިޔާމް....ތީކާކު؟ ކޮބާ ޝިޔާމް؟" އެއަޑުގައި ވަނީ ގާތްކަމާއި އޯގާތެރިކަމެވެ

" ނުބައި ނަމްބަރަކަށް ތިގުޅީ...! މީ ޝިޔާމްގެ ނަމްބަރެއްނޫން....." އަހަރެން ޖަވާބުދިނީމެވެ.

" އެހެންތަ...؟ ސޮރީ...!!" އަހަރެން އުއްމީދުކުރިގޮތާ ޚިލާފަށް އޭނަ ފޯނުބޭއްވިއެވެ. ހައިރާންވިނަމަވެސް އަހަރެންގެ މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އެއީ ކޮންއުމުރެއްގެ ކާކުކަން ނޭނގުނުނަމަވެސް އެއަޑު އަހަންނަށް ވަރަށްހިތްގައިމެވެ. އެއީ ކޮންމެ މީހަކަށްވިއަސް އެއަޑު އަހާލަން އަދިވެސް އަހަރެން ބޭނުމެވެ. އެކަމަކު އަހަންނަށް ވަކިކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

އެދުވަހުގެ ފަހުން ކޮންމެ ކަމެއްގައި އުޅުނަސް އަހަރެންގެ ޚިޔާލުން އެއަޑެއް ނުފިލައެވެ. ދެހަފްތާވެގެން ދިޔައިރުވެސް އަހަރެންގެ ކަންފަތަށް އެއަޑު މެދުކެނޑުމެއްނެތި އިވޭކަހަލައެވެ. ނޭނގިނަމަވެސް އެފޯނުކޯލަށް އަހަންނަށް އިންތިޒާރުކުރެވެއެވެ. އެދުވަހަށްފަހު އަހަރެންގެ ފޯނު ރިންގަށްވެސްލީމެވެ. ފޯނު އަހަންނާ ވަކިކުރަނީވެސް ނަމާދުވަގުތުގައާއި ފާޚާނާގައި އުޅޭ ވަގުތުތަކުގައި އެކަންޏެވެ.

އަހަރެންގެ އިންތިޒާރުގެ ނިމުންއައީ އޭގެ ދެހަފްތާ ފަހުން ރައްޓެހިންނާއެކު ބާރބަކިއު ހަދަން އުޅުނު ރެއެއްގައެވެ. "އަޖްނަބީ"ގެ ނަމުގަ ސޭވްކޮށްފައިން އެނަމްބަރު ފޯނުގެ ސްކްރީނުން ފެނުމާއެކު އަހަރެންގެ ހިތްއުފަލުން ނަށަންފެށިއެވެ. އަނެއްކާވެސް އޮޅިގެންނޭ ބުނެ ފޯނުބާއްވާނީކަންނޭނގޭ ހިތަށް އެރިނަމަވެސް އެހެންނުވުމަށް އެދި ދުޢާކުރާހާލު އެންމެންނާ ދުރަށްޖެހިލައި ފޯނަށް ޖަވާބުދިނީމެވެ.

" ހަލޯ..." "ކޮންކުއްޖެއްބާ..." އަހަންނަށް ލޯމަރާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އަޖައިބެކެވެ. ނުވެސް ދަންނަމީހަކު އަހަރެންގެ ހިތުގެ ހަމަޖެހުންކަމުގައި ވެނިމިއްޖެއެވެ.

"ކޮންކުއްޖެއް ތިހޯދަނީ...؟" އަހަރެން މަސައްކަތްކުރީ އާދައިގެ ގޮތަކަށް ވާހަކަދެއްކޭތޯއެވެ. އެހެނަސް ހިތުގެ މައްޗަށް ބާރުފޯރުވޭނީ ކާކަށްހެއްޔެވެ؟ އަހަރެންގެ އަޑުގައި އޯގާތެރިކަމާއި ގާތްކަން އެކުލެވިފައިވާކަން އަހަންނަށްވެސް އިހުސާސްވިއެވެ.

"ޔަޤީންތަ މީޝިޔާމްގެ ނަމްބަރުނޫންކަން....؟ ގައިމު ކުރިން މިނަމްބަރުން އަހަރެން ވާހަކަ ދައްކަނީ ޝިޔާމްއާ....ދެއަހަރު މިވަނީ ސޭވްކޮށްފައި އިންނަތާ...އެދުވަހު އަޅާނުލީ ޝިޔާމްގެ ހުންނަ މަޖާ މިޒާޖުގެ ސަބަބުން އޭނަގެ ކަމެއްކަމަށް ހީކޮށް....އެކަމަކު މިހާރު...އަނެއްކާ ތީ ޝިޔާމްއާ އެއްވެސް ގުޅުމެއްއޮތް ކުއްޖެއްތަ؟" އެވާހަކަތަކަކީ އޭނަގެ އަޑުން ދެއްކިވާހަކަތަކެއް ނޫންނަމަ އަހަރެން އެފޯނު ބޭއްވިތާ ކިތަންމެއިރެކެވެ. އެކަމަކު އެއީ އެއަޑެއް އެހުމަށް އަހަރެންގެ ހިތް ބޭޤަރާރުވަމުންދާ އަޑެވެ. އެއަޑުން އެއްޗެހިކިއަސް އުފަލުންހުރެ އަހާނަމެވެ. މިއަށް ކިޔަނީ ކޮންނަމެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގެނީ އެއަޑަށް އަހަރެންގެ ބަސްނާހާ ހިތް ދީވާނާވެއްޖެކަމެވެ.

"ހަލޯ...އަޑުއިވޭތަ؟" ދުރުގައި ތިބި އެކުވެރިންނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ.

"މަށެއް ނުދަންނަން ޝިޔާމް ކިޔާ މީހެއް....މީގެ ތިންމަސް ކުރިންފެށިގެން މިނަމްބަރުން ދިމާވާނީ މަށާ..." ގަހެއްގައި ލެނގިލަމުން ހަމަޖެހިލީމެވެ.

"ތިކުއްޖާގެވެސް ނަމެއް އޮންނާނެތާ...!! ނޫނީ ނަންދޭން މަންމަ ހަނދާންނެތުނީތަ؟" އޭނާގެ ޖުމްލައިން އަހަރެންގެ ގާތަށް ހިނިއައެވެ. ނަމަވެސް އެކަން އޭނައަށް އަންގަން ބޭނުންނުވާތީ އަޑުބޭރުވިޔަކަ ނުދެމެވެ.

" ނޫނޭ...މަންމަ ހަނދާނެއްނުނެތޭ ނަންދޭކަން...އެކަމަކު މަންމަދިން ނަން ހަނދާނެއްނެތް...." އަހަރެންވެސް ދެރަވާކަށް ބޭނުމެއްނުވިއެވެ.

"އެހެންތަ..؟ ފަހަރެއްގަ އަހަރެންގެ ނަން ބުނީމަ ހަނދާންވެދާނެ ކަންނޭނގެދޯ؟ އަހަންނަށް ކިޔަނީ މާއިޒް...ރައްޓެހިން ކިޔަނީ މާޒް...." އަހަންނަށް ހީވީ އެއަޑުގެ ޖާދޫގަޖެހި އަމިއްލަނަފްސުވެސް އޮޔާދިޔަހެންނެވެ.

"އަހަންނަށް ކިޔަނީ ޒިމްނާ....ރައްޓެހިން ކިޔަނީ ޒިމީ..." އެޖުމްލަތައް ނިކުތީ އަހަރެންގެ އެއްވެސް އިޚުތިޔާރެއް ނެތިއެވެ. އެމަސްތުކުރުވަނިވި އަޑުގެ އޮއިވަރުގައި ޖެހި އަހަރެންގެ ހިތާއި ހަށިގަނޑު ބެހިގެންދިޔަ ފަދައެވެ.

"ޒިމްނާ...ޒިމީ...ވަރަށް ލޯބިނަމެއް...." އެއަޑުން އިވުނު ތަޢުރީފުގެ ބަސްތައް ވެގެންދިޔައީ ބެހިގެންދިޔަ ހިތާއި ހަށިގަނޑު ޣަރަޤުވި ސަބަބަކަށެވެ.

"އޭއި...ޒިމީ....ކާކުގެ ފޯނަކަށްތަ އަހަރެމެންނާ ފިލައިގެން ގޮސްތިހުރީ...؟" ރީންގެ ބާރުއަޑަށް އަހަރެން ސިއްސައިގެން ގޮސް އަތުން ފޯނުދޫނުވީ ކިރިޔާއެވެ.

"ދެން މިވަގުތު ބާއްވަނީ...ފަހުންގުޅާނަން...." އަވަސް އަވަހަށް ފޯނުކަނޑާލާފައި ތަންކޮޅަކަށް ދެވުނުތަނާ ހުއްޓެވުނީ ފޯނު ބާއްވަމުން ބުނެވުނު އެއްޗެއް ހަނދާންވުމުންނެވެ. އަހަރެން އޭނައަށް ފަހުން ގުޅަންވީ ކީއްވެހެއްޔެވެ؟ އެއީ އަހަރެންގެ ކާކުހެއްޔެވެ؟ އެންމެ ދެފޯނުކޯލުން އަހަންނަށް އޭނަ އެހާ ޚާއްސަވެއްޖެހެއްޔެވެ؟ އޭނަ ހިތަށްއަރާނީ ކީކޭހެއްޔެވެ؟ ޝަހާދަތް އިނގިލީގައި ދަތްއަޅައިގެން ހުއްޓާ ރީންއައިސް އަތުގައި ހިފާފައި އެތަނަށް ގެންދިޔައެވެ.

ފިހުނުމަސް ކެއުމުގެ މަޖަލުގައި ހޭދަވީ ވަގުތުތަކުގައިވެސް އަހަރެންގެ ހަށިގަނޑުގައި ވަރުގަދަ ހަނގުރާމައެއް ހިނގިއެވެ. ހަމަލާތައް ބަދަލުވީ ހިތާއި ސިކުނޑީގެ ދެމެދުގައެވެ. ހިތް އޭނައަށް ގުޅުމަށް ބުނަމުން ދިޔައިރު ސިކުނޑި ނަޞޭހަތްތެރިވަމުން ދިޔައީ އެ ނުދަންނަ މީހާއަށް ނުގުޅުމަށެވެ. ސިކުނޑި މަސައްކަތްކުރީ ހަމައެކަނި އަޑަށް ވިސްނައިގެން އުފާވެރި ދިރިއުޅުމެއް ނުހޯދޭނެކަން ވިސްނައިދޭށެވެ. ހަމައެއާއެކު ހިތް ވިސްނައިދިނީ އެކިފަހަރު ލޯބިވާން މެދުވެރި ވަނީ އެކި ސަބަބުކަމެވެ. ނަމަވެސް އަހަންނަށް ބުރަވެވުނީ ސިކުނޑިއާ އެއްކޮޅަށެވެ. އަހަންނަކީ އަންހެންކުއްޖަކަށްވެފައި އެގޮތަށް ނުދަންނަމީހަކަށް މާބޮޑަށް ޝައުޤުވެރިކަން ފާޅުކުރަންވެއްޖެއްޔާ ދެރަގޮތެއްވުމަކީ މާދުރުނޫންކަމެއްކަމަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން އަހަރެން އިސްވެ އޭނައަށް ނުގުޅުމަށް ނިންމީމެވެ.

ބާރބަކިއު ނިންމާލާފައި ގެއަށްދިޔަ މަގުމަތީގައި އަހަރެންގެ ފޯނަށް ޓެކްސްޓް މެސެޖެއް އައެވެ. ފޯނަށް ބަލާލުމާއެކު ގޮތްނޭނގޭ އިހުސާސްތަކެއް ކުރެވުނެވެ. "އަޖްނަބީ"ގެ ނަމުގައި އޮތް އެމެސެޖް އަހަރެން ހުޅުވާލީ ކެތްތެރިކަމެއްނެތިއެވެ. "އިންތިޒާރުގައި....." މެސެޖްގައި އޮތް ކުރު އެހެނަސް ފޮނި ލަފްޒުން އަހަރެންގެ ހިތް ވިރުނެވެ. އެކުޑަކުޑަ އިޝާރާތުންވެސް އަހަންނަށް ހީވީ ދުނިޔޭގައިވި ހުރިހާ އުފަލެއް އަހަރެންގެ މިލްކަކަށްވިހެންނެވެ. އެސާދާ ލަފްޒުން އަހަރެންގެ ނިންމުން ބަދަލުކުރަން ފަޅިސިކުންތެއްވެސް ނުނެގިއެވެ.

އެނދުގައި އޮށޯވެވުމާއެކު އަހަރެން އަވަސްވެގަތީ "އަޖްނަބީ" އަށް ގުޅުމަށެވެ. އޭނަ ހުރީ ޙަޤީޤަތުގައިވެސް އަހަރެންގެ އިންތިޒާރުގައިކަން އެނގުނީ ފުރަތަމަ ރިންގުން ބިޒީކޮށްލުމުންނެވެ. ހައިރާންވީ އަހަރެންމީ އޭނައަށް އެއްވެސް މީހަކަށް ނުވާއިރުވެސް ފޯނުބިޒީކޮށްލުމުންނެވެ. ދެން އައީ އޭނަގެ ކޯލެވެ.

"ކީއްވެ ފޯނުނުނަގާ ބިޒީކޮށްލީ...؟" ފުރަތަމަވެސް އަހަރެންކުރީ ހިތުގައި އުފެދުނު ސުވާލެވެ.

"ރައްޓެހިން ގުޅީމަ އަބަދުވެސް ބިޒީކޮށްފަ ގުޅަނީ..." އޭނަގެ ވާހަކައިން އޭނަހުރީ ވަރަށް ހަމަޖެހިފައިކަން އެނގެއެވެ. ފިނިވަމުންދިޔަ އަތުން ކައިރީގައި އޮތް ބާލީހުގައި ހިފައި ކައިރިއަށް ދަމާލީމެވެ.

"އަހަރެން މީ ރައްޓެއްސެއްނޫނެއްނު...؟" އެހިތުގައި އޮތްއެއްޗެއް އޮޅުންފިލުވޭތޯ އަހަރެން އެހީމެވެ.

"ފޯނު ބާއްވަމުން ފަހުންގުޅާނަމޭ ބުނާނީ ރައްޓެހިންނެއްނޫންތަ؟" އޭނަވެސް ކޮށްލީ ސުވާލެކެވެ.

ހިނދުކޮޅަކަށް އަހަރެން ބަސްހުއްޓުނެވެ. "އަހަންނަށް އޮޅިގެން އެހެން ބުނެވުނީ..." އަހަރެން ޙަޤީޤަތް ހާމަކުރީމެވެ.

"މީހުންބުނޭ އޮޅިގެން ބުނެވޭނީ ހިތުގަ އޮންނައެއްޗެކޭ...." އަހަރެން ބަސްހުސްވިއެވެ.

"ކިހިނެއްވީ؟ އެއީ ތެދެއްތަ؟ ތިހިތުގަ އެހެންއޮތީމަތަ އެގޮތަށް އެބުނެވުނީ...؟" ހިތްއެދުނީ އެއީ ތެދެކޭ ބުނާށެވެ. އެހެނަސް ހިތުގެ މައްޗަށް ސިކުނޑި ބާރުފޯރުވިއެވެ. "މީހުންބުނާ ކޮންމެ އެއްޗެއް ތެދަކަށް ނުވެދާނެ...."

ދެން އިވުނީ އޭނަގެ ލުއިހިނިތުންވުމެއްގެ އަޑެވެ. "ތިހެންވެސްވެދާނެ...އެހެންވިއްޔާ މިރެއިންފެށިގެން އަހަންނަށް ޒިމީގެ އެކުވެރިއަކަށް ވެވިދާނެތަ؟"

އެއްވެސް ދެކޮޅުހެދުމެއްނެތި އެކަމާ އަހަރެން އެއްބަސްވީމެވެ. އެހެންނޫނީ ދުވަހަކުވެސް އަހަންނަށް އެއަޑު ނީވީދާނެތީއެވެ. އެރެއިން ފެށިގެން އަހަރެމެންގެ ގުޅުން ދިޔައީ މަޑުމަޑުން ގާތްވަމުންނެވެ. އެހެނަސް އެގުޅުން ދެމިއޮތީ އެކުވެރިކަންމަތީގައެވެ. އޭނަގެ ވާހަކަތަކުން އޭނަވެސް އަހަންނާމެދު ޝައުޤުވެރިވާހެން ހީވެއެވެ. ކެތްތެރިކަމެއްނެތި އަހަރެން އިންތިޒާރުކުރީ ދެމީހުން ބައްދަލުވެ މިގުޅުމަށް ލޯބީގެ ނަން ދެވޭނެ ދުވަހަކަށެވެ.

އެދުވަހަށްފަހު އަހަރެންގެ ދިރިއުޅުމަށް އައީ ބަހާރުމޫސުމެވެ. ދުވާލާއި ރޭގަނޑުގެ އެތައް ވަގުތެއް އަހަރެމެން ހޭދަކުރަނީ ފޯނުގައެވެ. އަހަރެންގެ ދީވާނާވެފައިވާ ހިތަށް އެއަޑު އިވުނަސް އުފަލުންގޮސް މޮޔަވާވަރުވެއެވެ. ދުވަހަކަށްވުރެ ދުވަހެއް އެއަޑުން މިހިތް ދިޔައީ ދީވާނާކުރަމުންނެވެ. ފިދާކުރަމުންނެވެ. އެއަޑުން އެކިޔައިދޭ ހިތްގައިމު ލަވަތަކުން އަހަރެންގެ ދުވަހުގެ ފެށުމާއި ނިމުން ގެނުވައެވެ. އެއީ ހާދަ ރީތި އަޑެކެވެ. ހާދަ ހާދަ ރީތި އަޑެކެވެ. އެމިއުޒިކެއްފަދަ ރީތި އަޑުން އެންމެ ފުރަތަމަ އަހަންނަށް ކިޔާދިން ލަވަ އެއީ މިއަދާ ހަމައަށްވެސް އަހަރެންގެ ހަޔާތުގައި އެންމެ ޚާއްސަ ލަވައެވެ.

" ލޯތްބަށްޓަކާ އެދިއެދިވަމޭ.... ތިޔަ އިންތިޒާރުގަ އަދުވަމޭ.....ބަދަލެއް ޔަޤީން ނުމެވާނަމޭ...ތިހަނދާންތަކާ ގުޅިފާވަމޭ....ލޯބިންއެކީ ހިއްސާވަމުން....ފިރުމާލަދޭން އެއުފާތަކުން....ހިނިތުންވެލާށޭ ކަލާ......."

އަހަންނާ އަހަރެންގެ "އަޖްނަބީ"ގެ ގުޅުމަށް ތިންމަސްވެގެން ދިޔައީއެވެ. ދެންއައީ އަހަރެން އެންމެ އިންތިޒާރުކުރި ދުވަހެވެ. އާނއެކެވެ. އޭނަ އަހަރެންދެކެ ލޯބިވީއެވެ. އަޖައިބެކެވެ. އޭނައަށްވެސް އަހަރެންގެ އަޑު ރީތިވީއެވެ. އޭރުވެސް އެންމެ ފަހަރަކުވެސް އަހަރެންގެ ހިތް އެއަޑަށްޓަކައި ބޭޤަރާރުވާ ވާހަކައެއް ނުބުނަމެވެ. އެއީ ސަބަބެއް ނެތިއެއްވެސްނޫނެވެ. އެވާހަކަ ބުނެފިއްޔާ އޭނަ އަހަންނާމެދު ކުށްހީކޮށްފާނެތީއެވެ.

އަހަރެން ޤަބޫލުކުރާގޮތުގައި ހަމައެކަނި އަޑުދެކެ ލޯތްބެއް ނުވެވޭނެއެވެ. އެއަޑަށްޓަކައި އަހަރެންގެ ހިތުގައި ޖަހާ ފޮނިފޮނި ވިންދަކީ ލޯބީގެ ވިންދެއްކަމަކަށް އަހަންނެއް ޤަބޫލެއްނުކުރަމެވެ. ނަމަވެސް އޭނަ އެއާ މުޅިން އިދިކޮޅެވެ. އަހަރެންގެ ސޫރަ ނުފެނިވެސް އޭނައަށް އަހަރެންދެކެ ލޯބިވެވުނީއެވެ. އަހަންނެކޭ އެއްފަދައިން މިއަޑުއަހަން އޭނަގެ ހިތްވެސް ބޭޤަރާރުވަނީއެވެ. އެކަމަކު އޭނަގެ އެވާހަކަތަކަށް އަހަރެން ދިނީ ބީރުކަންފަތެކޭ ނުބުނެވޭނެއެވެ. އަހަރެން އޭނައަށް ވިސްނައިދިނީ ހަމައެކަނި އަޑުދެކެ ލޯބިވެގެން ދިރިއުޅުމެއް ނުފެށޭނެކަމެވެ. އެއަށް އޭނަ ރައްދުދިނެވެ. އޭނަ ބުނީ ތެދެކެވެ. ތިންމަސްވެގެން ދިޔައިރު އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކުގެ މިޒާޖު ކިތަންމެ ރަނގަޅަކަށްވެސް ދަސްވެއްޖެއެވެ. އަނެކާގެ ހިތްއެދޭ ކަންތަކާއި ހިތްނޭދޭ ކަންތައް ވަކިކުރަން އެނގެއެވެ. އެހެނަސް އެވަރަކުންވެސް އެކުގައި ދިރިއުޅުމެއް ނޫޅެވޭނެކަމަށް އަހަރެން ބުނީމެވެ. އަހަރެންގެ ނަޒަރުގައި މިޒާޖާއި އެއްވަރަށް ސިފަވެސް މުހިންމުވާނެއެވެ. އެކަމަކު އޭގެ މާނައަކީ ރީތި މީހަކަށް ވުމެއްނޫނެވެ. އެކަމަކު އެސޫރައިގައި އަނެކާ ހިތްއެދޭ ކަހަލަ ސިފަތަކެއް ހުންނަން ޖެހޭނެއެވެ. އެކުގައި އުޅޭއިރު އަބަދުވެސް ފެންނާނީ ސޫރައެވެ. ކިތަންމެ ނުބަލަން އުޅުނަސް ސޫރައަށް ނުބަލައެއް ނުވާނެއެވެ. މިޒާޖު އެއްފަރާތް ކުރެވިދާނެއެވެ. އުނިސިފަތައް އެއްފަރާތް ކުރެވިދާނެއެވެ. އެކަމަކު ސޫރަ އެއްފަރާތް ކުރެވޭނެ ހެއްޔެވެ؟

އެންމެ ފަހުން އޭނަ އެދުނީ އަހަރެންގެ ފޮޓޯއެއް ފޮނުވުމަށެވެ. އެގޮތާއި އަހަރެންވެސް އެއްބަސްވީމެވެ. މާޒްއާ އަހަރެން އެކަކު އަނެކަކަށް ފޮޓޯ ފޮނުވީމެވެ. މާޒްއަށް އަހަރެންގެ ސޫރަވެސް ކަމުދިޔައެވެ. އޭނަ އެންމެ ގަޔާވާ ކަހަލަ ސޫރައެއްކަމުގައި އަހަރެންގެ ސޫރަވިއެވެ. އެހެނަސް އަހަންނަކަށް އެހެނެއް ނުވިއެވެ. މާޒްގެ ފޮޓޯ ފެނުމާއެކު އަހަންނަށް ބަސްހުއްޓުނީއެވެ. އެކަން އޭނަ ކިތަންމެ ރަނގަޅަކަށްވެސް ފާހަގަކުރިއެވެ. އަހަންނަށް މާޒްގެ ސޫރަ ހަޑިއެއްނޫނެވެ. އަހަރެން އަބަދުވެސް ޤަބޫލުކުރާ ޙަޤީޤަތެއް އޮވެއެވެ. އެއީ އެއްވެސް މީހަކީ ހަޑި މީހެއްނޫންކަމެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި އެންމެ ރީތިމީހާއެވެ. ނަމަވެސް މާޒް އެވާހަކަތައް ޤަބޫލެއް ނުކުރިއެވެ. ނަތީޖާއަކަށްވީ އެދުވަހުން ފެށިގެން އަހަރެމެންގެ ގުޅުން މަޑުމަޑުން ހީނަރުވެގެން ދިޔުމެވެ. އަހަރެންވެސް އެކަމަކަށް މާބޮޑުފަރުވާލެއް ނުބަހައްޓަމެވެ. މާޒްއަށް އެވެވުނީ ލޯބި ނޫންކަމަށް އަހަރެންގެ ހިތްބުނީތީއެވެ. އެހާފަސޭހައިން އޭނަ އަހަންނާއި ދުރަށް ދިޔުން ވެގެންދިޔައީ އަހަންނަށް ހީވިހީވުން ޔަޤީނަށް ބަދަލުވި ކަމަކަށެވެ.

މާޒް އަހަންނާ ކިތަންމެ ދުރުވިނަމަވެސް އަހަރެން އޭނަ މަތިން ހަނދާނެއް ނުނެތެއެވެ. އެއަޑު އަހަން އޭރުވެސް އަހަރެންގެ ނުކިޔަމަންތެރި ހިތް އެދެމުން ދިޔައެވެ. މާޒްއަކީ ވަރަށް ރަނގަޅު އިންސާނެކެވެ. އޭނަ އަހަންނަށް އަޅާލިއެވެ. އޯގާތެރިވިއެވެ. އެރީތި އަޑުން އަހަންނަށް ލަވަކިޔައިދިނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އަބަދުވެސް ބުނަމުންއައީ ދުވަހަކުވެސް އަހަރެންގެ މަތިން އޭނަ ހަނދާންނުނެތޭނެ ވާހަކައެވެ. ކޮންމެވެސް ދުވަހަކުން އޭނަގެ މީހަކަށް އަހަރެންވާނެ ކަމަށް އުއްމީދުކުރާ ވާހަކައެވެ.

އެދުރުމިނުގައިވެސް ހޭދަވީ ތިންމަހެވެ. އެތިންމަހުގައި އަހަރެން ހޭދަކުރީ އެކަނިވެރިކަމެވެ. މީހުން ނެތިގެންނެއްނޫނެވެ. މާޒް ނެތީމައެވެ. ވަށައިގެން މީހުން ތިއްބަސް މާޒް ނެތިއްޔާ އަހަންނަށް އިހުސާސްވަނީ އެކަނިވެރިކަމެވެ. މާޒްގެ އަޑުއިވޭ ކޮންމެ ފަހަރަކު ވެސް އަހަންނަށް އިހުސާސްވަނީ އަހަރެންގެ ގާތުގައި އޭނަ ވާކަމުގެ އިހުސާސެކެވެ. އެއަޑު ނީވި އެތައްދުވަހެއް ވީއިރު އަހަންނަށް އޭނައާމެދު މާބޮޑަށް ވިސްނެންފެށިއެވެ. އަހަންނަށް އޭނަގެ އަޑު މެދުނުކެނޑި އިވެންފެށިއެވެ. އަހަރެންގެ ޚިޔާލުތަކަށް އޭނަ ވެރިވެއްޖެއެވެ. އަހަރެންގެ ހުވަފެންތަކުގެ ރާޖާއަކަށް އޭނަ ވެއްޖެއެވެ. ނިދީގައާއި ހޭލާހުރެ ބަލާ ހުވަފެންތަކުންވެސް ފެންނަނީ އޭނައެވެ. އެހަނދާންތަކުން އަހަރެންގެ ތުންފަތްމައްޗަށް ހިނިތުންވުން ގެނުވައެވެ. އެއަޑުން އަހަރެންގެ އެކަނިވެރިކަން ފިލިއެވެ. ތެދަށް ބުނަންޏާ އަހަރެންގެ މަރުވަމުންދިޔަ ހިތުގައި އާވިންދެއް ޖަހަންފެށީއެވެ. ހަމައެކަނި އެއަޑަށްޓަކައެވެ. އެހިސާބުން އަހަންނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

މާޒްބުނީ ތެދެއްކަން ވިސްނުނެވެ. ލޯތްބަކީ ވާއެއްޗެއް ނޫނެވެ. އެއީ ވެވޭ އެއްޗެކެވެ. އެކިގޮތަށެވެ. ތަފާތު ސަބަބުތަކާހުރެއެވެ. އެއްބަޔަކަށް ސޫރަދެކެ ލޯބިވެވޭއިރު އަނެއްބަޔަކަށް ލޯބިވެވެނީ މިޒާޖުދެކެއެވެ. ފުރަތަމަ ނަޒަރުން ލޯބިވެވޭ މީހުންވެސް މަދެއްނޫނެވެ. ދެން އޮތީ އަހަންނާއި މާޒްއަށް އެކަކު އަނެކަކުދެކެ ވެވުނު ކަހަލަ ލޯތްބެވެ. މީހުން ބުނަނީ ތެދެކެވެ. ލޯތްބަކީ ކަނުއެއްޗެކެވެ. އަހަންނަށް މާޒްދެކެ ލޯބިވެވުނު އިރުވެސް އެއީ ހަމަ އެސޫރައެވެ. އެކަމަކު މިފަހަރު އަހަންނަށް އެސޫރަވެސް ކަމުދިޔައެވެ. އެދުވަހު އަހަންނަށް ޤަބޫލުކުރެވުނީ މާޒްވެސް ވީ ލޯބިކަމެވެ. އެލޯބިން އަހަރެންގެ ސޫރަވެސް އޭނައަށް ރީތިވީއެވެ. އަހަރެންގެ ހުރިހާ އުނިކަމެއް ފޮރުވުނީއެވެ. އަހަރެން އުފާވިއެވެ. ވަރަށް އުފާވިއެވެ. މާޒްކައިރީ ލޯބިވާ ވާހަކަ ބުނެ އޭނައާއެކު މުޅިއުމުރު ލޯބިން ހޭދަކޮށްލަން ބޭނުންވިއެވެ. އިތުރަށް ވަގުތު ބޭކާރުނުކޮށް އަހަރެން މާޒްއަށް ގުޅީމެވެ. ވަރަށް ލަދުން ހުރެވެސް ލޯބިވާ ވާހަކަ ބުނީމެވެ. އެހެނަސް....

އެހެނަސް މާޒް އަހަންނަށް ހަނދާންކޮށްދިނީ އޭނަ ލޯބިވޭ ބުނިދުވަހު އަހަރެން ދެއްކި ވާހަކަތަކެވެ. އަހަރެން އެވާހަކަތައް ޤަބޫލުކުރީމެވެ. އަމިއްލަ ދިރިއުޅުމުގައި އެކަން ތަޖުރިބާކުރަން ޖެހުމުން ދެން ޤަބޫލުނުކުރާނީ ކާކުހެއްޔެވެ؟ އަހަރެން އުފާވީ އަދިވެސް މާޒް އަހަރެންދެކެ ލޯބިވާވާހަކަ ބުނުމުންނެވެ. އަދި އޭނަ ނުގުޅާ އަހަންނާ ދުރަށްދާން މަސައްކަތް ކުރީތީ ޝަކުވާވެސް ކުރީމެވެ. އަނެއްކާވެސް އެރީތި އަޑުން އަހަންނަށް އިވުނީ އެލަވައެވެ. ލޯތްބަށްޓަކާ އެދިއެދި ހުރިވާހަކައެވެ. އަހަރެންގެ އިންތިޒާރުގައި ހުރިވާހަކައެވެ. ދުވަހަކުވެސް ބަދަލެއް ނުވާނެކަމުގެ ޔަޤީންކަން އަހަންނަށް ދިނެވެ. އަހަރެންގެ ހަނދާންތަކާ އަދިވެސް ގުޅިފައިވާކަމަށް ބުންޏެވެ. ލޯބީގައި ދެމީހުން އެކުގައި ހިއްސާވެގެން އެއުފާތަކުން ފިރުމާލަދޭން އެދުނެވެ. ދެން އެދުނީ އޭނަގެ ހިތުގެ އެންމެފަހު އެދުމެވެ. އެއީ އަހަރެން ހިނިތުންވެލުމަށެވެ. އެއަޑު އަހަން ލޯމަރާލައިގެން ހުރިއިރުވެސް އަހަރެންގެ މޫނުން ހިނިތުންވުން ނުފިލައެވެ. ދެން އިތުރަށް އަހަރެން ހިނިތުންވާނީ ކިހިނެއްހެއްޔެވެ؟

މިސުވާލުގެ ޖަވާބުދިނީ މާޒްއެވެ. މާޒްގެ ވާހަކަތައް އިވިފައި އަހަރެންގެ ހިނިތުންވުން ފިލިއެވެ. އޭނަ މަންމަ ދެއްކި ކުއްޖަކާއި ގުޅުނީއެވެ. އެވާހަކަތައް ބުނުމުގެ ކުރިން އަހަރެންގާތު ހިނިތުންވާން އެދުނީ އެހެންވެއެވެ. އެވާހަކަތައް އަހަރެން އަޑުއެހީ ކުދިކުދިވެފައިވާ ހިތަކާއެކުއެވެ. ހަލާކުވެފައިވާ ހިތެއް ހަށިގަނޑުގައި އޮތްވައި އަހަރެން ހިނިތުންވާނީ ކިހިނެއްހެއްޔެވެ؟ މިފަހަރު އަހަރެން ޖަވާބުހޯދީ އަމިއްލައަށެވެ. މާޒްގެ ދުލުން އެންމެ ފަހަރަކުވެސް އެކުއްޖާދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ. ގަޔާވީއެވެ. ކަމުދިޔައީއެވެ. ރީތިވީއެވެ. ދެން ލޯބިވެޔޭ ނުބުނީ ކީއްވެހެއްޔެވެ؟ ލޮލުން ފޭބި ކަރުނަތައް ފުހެލާފައި އަހަރެން ހިނިތުންވެލީ މާޒްގެ އެންމެ ފަހުގެ އެދުން ފުރިހަމަކޮށްދިނުމަށެވެ. މިހިނިތުންވުމުގައި އަބަދުވެސް ހުރެވޭތޯ މަސައްކަތްކުރާނަމެވެ. އެއަޑަށްޓަކައެވެ. އަހަރެންގެ "އަޖްނަބީ" އަށްޓަކައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!