ރިޕޯޓު

ބަނގަލާދޭސީންނަކީ ދިވެހިންގެ ގައިގެ އެއްގަނޑެއް ނޫން!

ދެން އެމްވީ

ބަނގަލާދޭސީންގެ ވާހަކައަކީ މިހާރު ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫނެވެ. އެވެރިންގެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރު ނެތްކަމަށް ދެކޭ މީހުން މަދެއްނޫނެވެ. ވާނީ އެހެންތާއެވެ. ކަމެއް އެއްގޯސްވީމާ އެކަމެއް ހައްލުކުރެވުމަކީ ކުރެވުމަށްވުރެ ނުކުރެވުން ގާތްކަމެއް ކަމަށް ބެލެވެނީއެވެ. ސިލޯނުގެ ސައިފަތް ދަނޑުތަކަށް ތަމަޅައިން ގެނެސްގެން ސިލޯނަށްޖެހުނު ދަތުރުގެ ތަޖުރިބާ ދާދިކައިރިން ފެންނަން އޮތަތީއެވެ. ސިލޯނުގެ ޤައުމިއްޔަތުގެ އެއްބައިކަމުގައި ތަމަޅައިން ވެފައިވާތަން ފެންނާތީ ކަމަށް ވެދާނެއެވެ. ތަމަޅައިންނާ ނުލާ މިހާރު ސިލޯނު، ސިލޯނަކަށް ނުވާނެކަން އެނގޭތީވެސް ތޯއްޗެކެވެ.

ބަޔަކަށް ވާހާގޮތެއް އެންމެންނަށް ވާން ޖެހޭހެއްޔެވެ. ބަނގަލާދޭސީންނަކީ ދިވެހިންގެ ގައިގެ އެއްގަނޑުކަމަށް ބަލައިގަނެގެން ހަމަ ތިބެން ވީހެއްޔެވެ. އެމީހުންނާ ނުލާ ދިވެހިންނަށް ނޫޅެވޭނެ ކަމަށް ގަބޫލުކޮށް ލޯމަރާލައިގެން ހަމަ ތިބެންވީހެއްޔެވެ. ބަނގަލާދޭސީންގެ ކިބައިން ސަލާމަތްވުމަށް ހިންދަމާލައި ތެދުވާނެ ހަމަ އެކަކުވެސް ނެތީހެއްޔެވެ.

ނޫނެކެވެ. ބަޔަކަށްވާހާ ގޮތެއްވާކަށް ނުޖެހެއެވެ.ބަނގަލާދޭސީންނަކީ ދިވެހިންނެއް ނޫނެވެ. އެމީހުންނާ ނުލާ ދިވެހިންނަށް އުޅެވޭނެއެވެ. އެމީހުންގެ ކިބައިން ސަލާމަތްވާނެ ގޮތްތައް ބައިވަރެވެ. އެކަމަށް އިސްނަގައިގެން ތެދުވެ ހިންދަމާލާނެ މީހުން މަދެއްވެސް ނުވާނެއެވެ. އިންސާނީ ކަރާމާތް ނަގާނުލާ ބަނގަލާދޭސީންގެ ކިބައިން މިންޖުވުމަކީ އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވަނީ ކެރުމެވެ. ރޭވުންތެރި ކަމެވެ.

ވިސްނާވަޑައިގަންނަވާށެވެ. ރާއްޖޭގެ އަސާސީ ޚިދުމަތްތައް ޤާއިމު ކުރެވެނީ ރާއްޖޭގެ އާބާދީއަށް އަމާޒުކޮށެވެ. ކާބޯތަކެތި އެތެރެ ކުރެވެނީ އާބާދީއަށް ނިސްބަތްކޮށެވެ. ރާއްޖޭގެ ފުޑްސެކިއުރިޓީ ރިޒާވްކުރެވިފައި އޮންނަނީ އާބާދީގެ މައްޗަށެވެ. ބޯހިޔާވަހިކަން ވެސް އޮތީ އެގޮތަށެވެ. އެހެންކަމަށް ވާނަމަ އާބާދީގެ ދެބައިކުޅަ އެއްބައިހާ މީހުނަށް ގައުމުގެ ވަސީލަތްތަކުން އިތުރަށް ހޭދަ ކުރަން ޖެހުމަކީ ކުޑަބުރަޔަކަށް ނުވާނެއެވެ. ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ.

މާލޭގެ ގޯތިގެދޮރަށް ބައްލަވާށެވެ. ރަގަޅުފެންވަރެއްގައި ބިނާކޮށްފައިވާ އަގުބޮޑު އިމާރާތްތައް ފިޔަވައި ގިނަ އިމާރާތްތައް ކުއްޔަށް ނަގައިގެން އެތަންތާގައި އެކިބާވަތުގެ ވިޔާފާރިތައް ކުރަނީ ބިދޭސީންނެވެ. މެދުމިނުގެ އާމްދަނީއެއް ލިބޭ ދިވެއްސަކަށް ދެކޮޅުޖެއްސޭވަރުގެ ކުއްޔަކަށް ހިފާލާނެ އާދައިގެ ބޯހިޔާވަހިކަމެއް ނުލިބެއެވެ. ޖެހެނީ ބޮޑުއަގުގައި މަތީފެންވަރުގެ އެޕަރޓްމެންޓުތައް ކުއްޔަށް ހިފާށެވެ. އެނޫން އެހެންގޮތެއް ނޯވެއެވެ. މިފާޑުގެ އިޖުތިމާޢީ އެތައް މައްސަލަ ތަކެއް ރާއްޖޭގައި އުފެދުމުގެ މައިގަނޑު ސަބަބަކީ ތޮއްޖެހިފައިވާ ބިދޭސީ އާބާދީއެވެ.

ކޮވިޑް19އާއި ގުޅިގެން ބައިބޯ ބިދޭސީންނަށް ކިހާ ބޮޑު ބުރައެއް ދައުލަތުން އުފުލަން ޖެހިފައިވޭ ހެއްޔެވެ. އިންސާނިއްޔަތަށްޓަކައި މިފަދަ ޚުޠޫރަތްތެރި ދަނޑިވަޅެއްގައި އެވެރިން އިހުމާލުކޮށް ލެވޭކަށް ދައުލަތަކަށް ނުއޮންނާނެއެވެ. އެސަބަބަށްޓަކައި ކުރަންނުޖެހޭ ކިހާބޮޑު ހޭދައެއް އެމީހުނަށް ކުރަން އެބަޖެހޭހެއްޔެވެ. ކޮވިޑް19 ވައިރަހަށް ފައްސިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގަލާދޭސީން ހިމެނިގެން ދާކަމީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އޮތް ކިހާބޮޑު ބިރެއްހެއްޔެވެ. ކަރަންޓީނުކޮށްގެންނާއި އައިސޮލޭޓް ކޮށްގެން ގެންގުޅެންޖެހޭ މީހުންގެ ތެރޭގައި ދިވެހިންނާއި އެއްވަރަށް ބަނގަލާދޭސީން ވެސް ބަލަހައްޓަން އެބަޖެހެއެވެ. އެހެނަސް މިހާރަކު އިތުރުގޮތެއް ވެސް ނެތެވެ.

ޢާއްމު ޞިއްޙަތާއި އިޤްތިޞާދީ ގޮށްރާޅަކަށް ރާއްޖޭގައި ބަނގަލާދޭސީން މިއޮތީވެފައެވެ. ކޮންމެވެސް ބައެއްގެ އިހުމާލާއި އަމިއްލަ އެދުމުގެ ހިތިރަހަ ލާންޖެހިފައި މިވަނީ މުޅި ދިވެހި ރައްޔިތުންގެ އަރުގައެވެ. އަދިވެސް ހަމަ ކުރާނެ ކަމެއް ނެތިފައި ތިބެންވީ ހެއްޔެވެ. ތަނުގެ އަހުލުވެރިންގެ ނެތް އިންސާނީ ކަރާމަތަކާއި އިންސާނީ ޙައްޤެއް އޮންނަން ޖެހެނީ ދިވެހިރާއްޖޭގައި އެކަނި ހެއްޔެވެ. ބަނގަލާދޭސީން ނެތިއްޖެނަމަ ދިވެހިންގެ އަތްބަނދެވޭނޭ ކަމަށް ހީކުރާނީ ވަރަށް ބޮޑު މޮޔައެކެވެ.

ލިޔެކިޔުމެއްނެތް އެތައް ހާސް ބަނގަލާދޭސީން ރާއްޖޭގައި އުޅޭކަން ނޭނގެނީ ކާކަށް ހެއްޔެވެ. ޓްރެފިކް ވައިލޭޝަން ބަލަހައްޓަން ދިވެހި ފުލުހުން ހާދަހާމޮޅެވެ. އެހެނެއް ކަމަކު ބިދޭސީއެއްގެ އަތުގައި ވޯކުޕަރމިޓެއް ވިސާއެއް އޮތްތޯ ބަލާލުމަށް ހިތަށް ވެސް ނާރައެވެ. ހަމައެއް ލަމައެއްނެތި ބިދޭސީންނަށް އުޅެވޭ އެހެން ޤައުމެއް އޮވޭބާވައެވެ. ކޮންމެވެސް ޗައްކަރެއް ޖަހައިގެން އެތެރެ ވެވެނިކޮށް ނިމުނީއެވެ. ބެލެނިވެރިއެއް ބެލެހެއްޓުންތެރިއެއް ތިބޭކަށް ނުޖެހެއެވެ. ދިވެހިންނަށް އޮތްކޮންމެ ހައްޤެއް އެވަރަށް ނުވަތަ އެއަށްވުރެ މާބޮޑަށްބަނގަލާދޭސީންނަށް އޮވެއެވެ.

އުފެދޭ ސުވާލަކީ މައްސަލައިގެ ހައްލަކީ ކޮބައިކަމާމެދު އުފެދޭ ސުވާލެވެ. ބިދޭސީންގެ އާބާދީ ކުޑަކުރުމަށް އިޚުލާޞްތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ފުރަތަމަކަމަކީ ސަރުކާރުގެ އިޚްލާސްތެރި ނިޔަތެވެ. ކުރިމަތިވާ ވަގުތީ ދަތިތައް ތަހައްމަލު ކުރުމުގެ ކެރުމެވެ. ބިދޭސީންނަކީ ރާއްޖޭގައި އުޅޭބަޔަކަށް ނުވާނޭހެން ގެންގުޅޭ ބަޔަކަށް ހެދުމެވެ. ބައެއްގެ ވިޔާފާރި މުދަލަކަށް ބިދޭސީން ވިޔަނުދިނުމެވެ.

ތޮއްޖެހިގެންނާއި "އަންޑޮކިއުމެންޓެޑް" ކޮށް ގިނަބަޔަކު މާލޭގައި އުޅޭކަން އެނގެނީ ހެލްތު އިމަޖެންސީގެ ހާލަތެއް ޖެހުނީމައެވެ. ރާއްޖޭގައި ކޯނިކޯންޏަށް ބަނގަލާދޭސީން އުޅޭތަންތަން ހޯދައި ތޮއްޖެހުން ކަނޑުވާލަން ވަގުތީ ހިޔާވަހިތައް ހެދުމުގެ ޤާބިލުކަން ކާރިސާގެ ވަގުތުގައިވެސް ދިވެހި ދައުލަތުގައި އެބައޮތެވެ. ސަރުކާރުން ޓިކެޓް ގަނެދީގެން ވަޒަނަށް ބަނގަލާދޭސީންގެ ބަޔަކު ފޮނުވާލުމުގެ ފޯރުންތެރިކަން ރާއްޖޭގައި އެބަހުއްޓެވެ.އެހެނަސް އާއްމު ހާލަތުގައި އެވަރު އޮޕަރޭޝަނެއް ހިންގާލުމުގެ ހިތްވަރެއް އެއްވެސް ސަރުކާރަކަށް ލިބުނު ކަމަކަށް ނުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!