ޚަބަރު

ސޯބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އިއްޔެ ހެނދުނު އަވަހާރަވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސޯބިރު ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވިއިރު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގަ އެވެ.

އެހެންވެ ސޯބިރުގެ ތައުޒިޔާގެ ދަފްތަރު ހުޅުވަން ރައީސް ނިންމެވީ ޓޫރިޒަމް މިނިސްޓްރީގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ދަފްތަރު ހުޅުވިފައި ހުންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށެވެ.

ސޯބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި އެ މަނިކުފާނު ފާހަގަވެގެންދަނީ ދިވެހި އިގުތިސާދާބެހޭ ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

ހާއްސަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރު ގައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ރާއްޖޭގެ ހާރިޖީ ދާއިރާގައި، ރާއްޖެއާއި އެކި ގައުމުތަކާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލެވެ އެވެ.

Ads by Ooredoo