ޚަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް: ރައީސް ސޯލިހު

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގްއާ ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ އޮފިޝަލުން އެމަނިކުފާނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުންބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން އުމުރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކްސް ކުޅިވަރުތައް ބޭއްވޭ ފެންވަރަށް ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި އުމުރާނީ ތަރައްޤީއަށް ދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ބިނާކުރެވޭ އައު ސްޓޭޑިއަމަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމުގެ ގޮތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!