"ބަލިމަޑުކަމުގެ ޙާލަތުގައި ގެއަށް ބަޒާރު ކުރަން ފިރިހެނުން ދިއުމުން ވަގުތު ސަލާމަތްވެ ބަލި ފެތުރުން ކުޑަކުރެވޭ"
ބަލިމަޑުކަމާއި ގުޅިގެން ލޮކްޑައުން ކުރެވިފައވާ ޙާލަތުގައި، ގެއަށް ބޭނުންވާ ސާމާނު ގަތުމަށް އަންހެނުންގެ ބަދަލުގައި ފިރިހެނުން ދިއުމުން ވަގުތު ސަލާމަތް ވާނެކަމަށް ކަމަށް ޖަޕާނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީގެ މޭޔަރ ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން މޭޔަރަށް އަމާޒު ވެއްޖެއެވެ.
މީޑިއާއިން ހާމަކުރާ ގޮތުގައި މޭޔަރ ބުނީ އަންހެނުން ވިޔަފާރި ކުރަން ދާނަމަ ގިނަ ވަގުތު ފިހާރަތަކުގައި ހޭދަ ކުރަން ޖެހުމުން، މީހުން ތޮއްޖެހި ބަލިފެތުރުމުގެ ފުރުސަތު ބޮޑުވާނެކަމަށެވެ. އަދި ހަތެއް އޭޕްރިލް އިން ފެށިގެން ކުއްލި ޙާލަތު އިޢުލާން ކޮށްފައިވާ އޮސާކޯގެ ސުޕަރމާކެޓްތަކަށް އެއްފަހަރާ ވަންނަ މީހުންގެ އަދަދު މަދު ކުރުމަށާއި، ކައްކާ ކެއުމަށް ބޭނުންވާ ސާމާނު ކޮންމެ ތިން ދުވަހަކުން ގަތުމަށްވެސް މޭޔަރ އިރުޝާދު ދިނެވެ.
މޭޔަރު މަޓްސުއި ހާމަ ކުރި ގޮތުގައި އަންހެނުން ބާޒާރުކުރަން ދާނަމަ އެކަތި އަނެކަތި އަޅާކިޔުމަށް ވެސް ގިނަ ވަގުތު ހޭދަވާ ކަމަށާއި، ފިރިހެނުން ނަމަ ބޭނުންވާ އެއްޗެއް ފެނުމުން އެހެން ބްރޭންޑްތަކާ އަޅާކިޔުމަށް ވަގުތު ހޭދަ ނުކޮށް އަވަހަށް ނިކުތުމުން މީހުންނާ މަސްހުނި ވުމުގެ ފުރުސަތު ކުޑަވާ ކަމަށެވެ.
މޭޔަރުގެ މި ވާހަކައަށް ނުސީދާކޮށް ރައްދުދެމުން، ޖަޕާނުގެ މަޝްހޫރު ޖާނަލިސްޓެއްކަމަށްވާ ޝޮކޯ އިގާވާ ކޮށްފައިވާ ޓްވީޓެއްގައިވާ ބުނެފައިވަނީ، "ދުވަހުން ދުވަހަށް ގޭގައި ކުރަން ހުންނަ ކަންކަން ނޭނގޭ މީހުން ކަންކަމުގައި ބަސް ކިޔައިގެން ނުވާނެ" އެވެ.
އިގާވާގެ މި ޓްވީޓް ތިންހާސް ފަރާތަކުން ރި-ޓްވީޓް ކޮށްފައިވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ ހާމަކުރިގޮތުގައި މަޓްސުއި އަދި ދުވަހަކު ވެސް ބާޒާރު ކުރާކަށް ނުދެއެވެ.
އާބާދީގެ 51 އިންސައްތަ އަންހެނުން ހިމެނޭ ޖަޕާނަކީ، ދެ ޖިންސުގެ ތަފާތުކުރުން ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ދެ ޖިންސުގެ ހަމަހަމަ ކަން މިންކުރަން، 149 ގައުމު ހިމެނޭ ވޯރލްޑް އިކޮނޮމިކް ފޯރަމްގެ 110 ވަނަގައި ޖަޕާނު އޮތުމުންނެވެ.
އަންހެނުންނަށް ފުރުސަތުތައް އިތުރުކޮށްދިނުމުގެ ގޮތުން "ވިމެނޮމިކްސް"ގެ ނަމުގައި ޕޮލިސީ ހަދައިގެން، އިޤްތިސާދުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަން ބޮޑު ވަޒީރު ޝިންޒޯ އަބޭ ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް ޖަޕާނުގައި އަދިވެސް އަންހެނުންގެ ބައިވެރިވުން ކުޑައެވެ. ޖީ-7 ގެ ގައުމުތަކުންވެސް ދެ ޖިންސު ހަމަހަމަ ކުރުމުގައި ޖަޕާނު ވަނީ އެންމެ ފަހަތުގައެވެ.