ދުނިޔެ

އޮސްޓްރޭލިޔާ މީހުން ގޭގައި ތިބެތިބެ ފޫހިވެގެން، ޑަސްޕބިން ބޭރަށް ނެރެން ދަނީވެސް އީދު ހެދިގެން

ދެން އެމްވީ ، ދެން އޮންލައިން

މަރޗް 22 އިން ފެށިގެން އޮސްޓްރޭލިޔާގައި ނެރެފައިވާ ލޮކްޑައުންގެ އަމުރާއި ގުޅިގެން އެންމެން ތިބި ގެތަކުގައި ތާށިވެފައެވެ. މުޅިދުވަސް ހޭދަކުރަނީ ގޭގައި ލައިއުޅޭ އެއްޗެހި ނުވަތަ ނިދާހެދުން ލައިގެންނެވެ. ނަލަހެދިގެން ނިކުމެގެން ދާނެތަނެއްވެސް ނެތުނީމައެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެއެވެ. ގެއިން ކުނި ނެރެގެން މުނިސިޕަލްޓީ ޑަސްބިނާއި ހަމައަށް ގެންދަނީ "ފެންސީ" ހެދުން އަޅާ ނަލަވެގެންނެވެ. އާންމު ބަހުން ބުނާނަމަ އީދު ހެދިގެންނެވެ.
މިގޮތަށް ނަލަވެގެން ޑަސްބިން ހިފައިގެން ނިކުތުމުގެ ޚިޔާލަކީ ރައްޓެހިންގެ މެދުގައި މަޖަލަކަށް ފެށި ކަމެކެވެ. ނަމަވެސް މިހާރު މިކަން ވައިގައިހިފާ، މިކަމަށް އުފެއްދި ފޭސްބުކް ގްރޫޕްގައި ބައި މިލިއަން މީހުން އެބަތިއްބެވެ. އަދި ނަލަވެގެން ޑަސްބިން ހިފައިގެންދާ ވީޑިއޯ އަދި ފޮޓޯތައް ކޮންމެ ދުވަހަކު މި ގްރޫޕަށް ލައެވެ. އޮސްޓްރޭލިޔާ މީހުން ފެށި މި ހަރަކާތުގައި އެހެން ގައުމުތަކުން ބައިވެރިވެ، އެ ގައުމުތަކުގެ މީހުންވެސް މިހާރު ފޮޓޯ ހިއްސާކުރެއެވެ.
ފޭސްބުކް ގްރޫޕް އުފެއްދި ޑެނިއަލް، ސީ.އެން.އެން އާ ވާހަކަ ދައްކަމުން ހާމަ ކުރި ގޮތުގައި، ލޮކްޑައުންގެ ޙާލަތުގައި މަޖަލަކަށް ފެށި މިކަންތައް އެމެރިކާއާއި ހަމައަށް ފޯރާ، ލޮކްޑައުންގައި ތިބި މީހުނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ގެނެސްދީފިއެވެ. މުޅި ގްރޫޕްގައި އޮތީ އެއްވައިވަންތަކަމާއި ލޯބިކަން ފާހަގަ ކުރަމުން، ޑެނިއަލް ބުނީ ހުރިހާ މީހުންގެ ހެދުންތައްވެސް ވަރަށް ފުރިހަމަކަމާއި، ޕޭޖަށް ކޮމެންޓް ކުރައްވާ ފަރާތްތަކުންވެސް އެހާމެ ހިތްވަރު ދޭކަމަށެވެ.

Ads by WAMCO



undefined

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!