ޚަބަރު

އެމްއެމްއޭއިން ނަގާ ފައިސާ ދައްކާނެ ގޮތް ބުނެދިނުމަށް އާޒިމް ސަރުކާރަށް ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، ސަރުކާރުގެ ހިންގުން މިހާރުން މިހާރަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން އެދިފައިވާއިރު، އެ ފައިސާ އަނބުރާ ދައްކާނެގޮތް ސާފުކޮށްދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކޮވިޑް-19 އާ ގުޅިގެން އަންނަ އިޤްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ފިނޭންސް މިނިސްޓަރ އަމީރު ހުށަހަޅުއްވާފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން އާޒިމް މިއަދު ވިދާޅުވީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތުމުން، ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކޮށްދިނުމަކީ އެމްޑީޕީއަށް މާ ބޮޑު ކަމެއް ނޫން ކަމަށެވެ. ބަހުސް ކުރުމެއް ނެތި، މާބޮޑަށް ނުބަލައި ސަރުކާރުން ބޭނުންވާ ގޮތް ހަދައިދެވިދާނެ ކަމަށެވެ.

ނަމަވެސް އެއީ ނިމިދިޔަ މަޖިލީހުގައި ކަން ކުރި ގޮތް ކަމަށައި ހުދުމުހުތާރު ވެރިިޔަކު ކަން ކުރި ގޮތް ކަމަށް އާޒިމް ވިދާޅުވިއެވެ. އޭރު ހިންގި ގޮތަކީ ސަރުކާރުންް ކަމެއް ކުރަން ބޭނުންވިއްޔާ މަޖިލީހަށް ފުލުހުން ސިފައިން ވަދެ ވަށާލައި އަތުޖެހުނިއްޔާ އެ މެމްބަރަކު ހައްޔަރުކޮށް ޖަލަށްލުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މިއަދު ސަރުކާރުން ކަމެއް ކުރަން ވާނީ ރައްޔިތުންގެ ރުުހުން ހޯދަން. ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ސަރުކާރުން ކަންކަން ކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން އެދިފައިވާ ކަންތަކާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާ، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު މެނުވީ ގޮތެއް ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފަހުން ވާނެ ގޮތެއް މިހާރު އެނގިފައި އޮތުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިވަގުތު އެންމެން ވެސް ފޫގަޅާފައި މިތިބީ ވެންޓިލޭޓަރުން އިގްތިސޯދު ނެގުމަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!