ނަހުލާ ވިލިމާލެ ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވަނީ
ފޮރިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ނަހުލާ އަލީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމަވައި، ކެމްޕެއިން ފައްޓައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ނެގި ގުރުއަތުގައި އެ ދާއިރާ ލިބުނީ އަންހެން ކަނބަލުންނަށެވެ. އެ ދާއިރާއަށް އެއްވެސް ފިރިހެން ބޭފުޅަކަށް ވާދައެއް ނުކުރެވޭނެއެވެ.
ނަހުލާ ކެމްޕެއިން ފެއްޓެވިނަމަވެސް ޕީޕީއެމްގެ ޓިކެޓް އޭނާ އަށް ލިބޭނެ ކަމެއް އަދި ނޭނގެއެވެ. އެކަން ޔަގީންވާނީ މިމަހުގެ ފަހުކޮޅު ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށްފަހުއެވެ.
ނަހުލާ މިއަދު ވިދާޅުވީ މާލޭ ސިޓީގެ ބައެއް ނަމަވެސް ވިލިމާލެއަށް ލިބެންވާ ޚިދުމަތްތަކާއި ތަރައްގީ ނުލިބިވަނީ މިހާތަނަށް އެ ދާއިރާ ތަމްސީލުކޮށްފައިވާ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިހުމާލުން ކަމަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ފުރުސަތު ދެއްވައިފިނަމަ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ކުލަޔަކަށް ފިކުރަކަށް ބެލުމެއް ނެތި ދާއިރާގެ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނެ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ މިހާރު ވަނީ ވިލިމާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފައްޓާފައެވެ.
މި ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި މިހާރުގެ ކައުންސިލަރު ހަމްނާ ވަހީދު ވެސް ވާދަކުރެއެވެ.