ޚަބަރު

ޝީޝާއިން އެންމެ ފަހުން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ޝީޝާގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭން ކުރިން ނިންމައިފައި އޮތް ނަމަވެސް އެ ނިންމުމް މުރާޖާކޮށް ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

Ads by MWSC

ޝީޝާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރިން ރޯދަ އިނާޔަތް ނުދޭން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ގަބޫލްކުރާ ކަމަށެވެ. އަދި އެކަމަށް މުވައްޒަފުންގެ ފަރާތުން މާފަށް އެދޭކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޝީޝާއިން ބުނީ ކޮވިޑްއާ ގުޅިގެން ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކުރުމުން މުވައްޒަފުންގެ މަސައްކަތުގެ ގަޑިތަކަށާއި އުޖޫރައަށް ބަދަލު ގެންނަން މަޖުބޫރު ވެފައިވާ ކަމަށެވެ.

ޝީޝާއިން ބުނީ ކޮވިޑްއާ ގުޅިގެން މިދިޔަ މަހު މަސައްކަތުގެ ގަޑިތައް ވަރަށް ބޮޑަށް މަދުކުރިކަމުގައިވިޔަސް މިދިޔަ މަހުގެ މުސާރަ ހުރިހާ މުވައްޒަފުންނަށް ދޭނެކަން އެންގި ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން އެ މުވައްޒަފުން ގައުމަށް ދެވެންދެން ހުރުމާއި ކެއުމާއި ފެނާއި ކަރަންޓްއަށް ހަރަދު ދޭން ނިންމާފައިވާ ކަަމަށްވެސް ބުންޏެވެ.

ޝީޝާއިން ބުނީ މިދިޔަ މަހު 21 އިން ފެށިގެން މަސައްކަތު ގަޑިތައް ވަރަށް ބޮޑަށް ކުޑަކުރިކަމަށާއި ގިނަ މުވައްޒަފުން އޭގެ ފަހުން އަދާކުރާނެ މާބޮޑު މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށެވެ. އެކަމާ ގުޅިގެން އެފަދަ މުވައްޒަފުން މުސާރަ ނުލިބޭ ޗުއްޓީއަކަށް ފޮނުވަން ނިންމި ކަމަށާއި އަދި އާންމު ހާލަތަށް ރުޖޫއަވުމުން އެ މުވައްޒަފުންނަށް ކުރިގެ މަގާމަށް ރުޖޫއަވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝީޝާއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!