ޔާމީން މިނިވަން ކުރުމުގެ މަސައްކަތަށް ޣައްސާން ޔޫރަޕަށް
ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ޔޫރަޕަށް ވަޑައިގެންފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، ބޭރުގެ ފަރާތްތަކާއި މި ސަރުކާރާ އެކު ވާހަކަ ދެއްކެވިފައި އޮތީ މިއަދުގެ ކުރިން ޔާމީން ގެކޮޅަށް ބަދަލުކުރާ ގޮތަށް ކަމަށެވެ. ސަރުކާރުން އެއްބަސްވި ގޮތަށް ޔާމީން މިނިވަން ވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ބައިނަލްއަގްވާމީ ސްޓޭޖާ ހަމައަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ބައިނަލްއަގްވާމީ ލޯޔަރުންގެ ޓީމެއް އެކުލަވައިލުމުގެ މަސައްކަތް މިދަނީ ކުރަމުން. އަމާލު ކްލޫނީ ކަހަލަ ހަމަ ގާބިލު ބޭފުޅުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާނެ. އިނގިރޭސިވިލާތާއި ބައިނަލްއަގްވާމީ ގޮތުން ފުންނާބު އުސް ލޯފާމުތަކާ މިހާރު އަޅުގަނޑުމެން ވާހަކަދައްކާ ރައީސް ޔާމީންގެ މައްސަލަ އދ. ގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ވަނީ ނިންމާފައި" ނަޝީދު ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ.