ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ކެއުމަށް ދިރޭ ޖަނަވާރު ވިއްކުން ހުއްޓާލާނީ ކޮންއިރަކުން؟

ދެން އެމްވީ ، ދެން އޮންލައިން

ބޮޑުރާޅެއްހެން މުޅި ދުނިޔެއަށް އައި ކޮރޯނާވައިރަސް ފެށުނު ގޮތެއް ޔަގީނަށް ހޯދިފައި ނުވި ނަމަވެސް މިއީ އެކިފާޑުގެ ޖަނަވާރުންގެ މަސްކެއުމުން އޭގެ ޒަރީއާއިން އިންސާނުންނަށް ވާޞިލުވި އެއްޗެއް ކަމަށް ގަބޫލު ކުރެވޭނެ ގިނަ ހެކިތަކެއް އެބަހުއްޓެވެ. ޚާއްސަކޮށް، ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއަކީ "ދިރޭ ކޮންމެ ޖަނަވާރެއް" ކެއުމަށް މަޝްހޫރު ބަޔަކު ދިރިއުޅޭ ގައުމެކެވެ. މީގެ ތެރެއިން ގިނަ ޖަނަވާރުގެ މަސްކަނީ ވެސް ރޮލާ އެވެ. އެހެންކަމުން މި ކަން ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލިއެވެ. އަދި މިހާރުވެސް އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ވުހާންގެ ލޮކްޑައުން އުވާލުމާއި އެކު ފެނިގެން ދިޔައީ މި ފަދަ ބާޒާރުތައް ހުޅުވިގެން ދިޔަ ތަނެވެ.

Ads by Sosun Fihaara

މިގޮތަށް ވަލުޖަނަވާރުންގެ މަސް ކަނީ ހަމަ އެކަނި ޗައިނާގައެއް ނޫނެވެ. އިންޑޮނޭޝިޔާގައި ވެސް މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ހިނގާ ކަމެކެވެ. މީގެ އިތުރުން ސައުތު އޭޝިއާގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކޮންމެވެސް ވަރަކަށް މި ވިޔަފާރި ކުރެއެވެ.

ކުރީގައި މިގޮތަށް ޖަނަވާރުންގެ މަސްކެއުން މިއީ ޖަނަވާރުންގެ ހައްގު ތަކާއި ގުޅިފައިވާ ކަމެއްކަމުން މިކަމަށް އަޑު އުފުލަނީ ޖަނަވާރުން ހިމާޔަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތައް އެކަންޏެވެ. ނަމަވެސް މިހާރު މިކަން މިވަނީ މުޅިދުނިޔޭގެ އެންމެންގެ މަސްލަހަތު ހިމެނޭކަމެއް ކަމުން، ބައިނަލްއަޤްވާމީ ސުރުޚީ އަކަށް ވެފައެވެ.

ތަޖުރިބާކާރުންގެ ދިރާސާތަކުން ދައްކާގޮތުގައި، އިންސާނުންގެ އަމަލު ތަކުގެ ސަބަބުން، ޖަނަވާރުންގެ ޒަރީއާއިން ޖެހޭ ބަލިތައް، މިދިޔަ 50 އަހަރުގެ ތެރޭގައި ވަނީ 4 ގުނަ މައްޗަށް ގޮސްފައެވެ. 2002 ވަނަ އަހަރު ފެތުރެން ފެށި ސާރސް އަކީވެސް ޖަނަވާރުންގެ ޒަރީއާއިން ފެތުނު ބައްޔެކެވެ. އޭރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ނަމަވެސް މިހާރު "ދަ އިންޑިޕެންޑެންޓް" އަދި "ޑެއިލީ މެއިލް"ގެ ފަރާތުން އިސްނަގައިގެން މިކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން، މިކަމަށް އާންމުން ހޭލުންތެރިކޮށް އަދި ސަރުކާރުތަކަށް "ޕްރެޝަރ" ކުރުމުގެ މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އަދި މިކަމުގައި ހުޅަނގުގެ ގައުމުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ.

މިއަދާއި ހަމައަށް ދުނިޔޭގެ އެކި ހިސާބުން 3 މިލިއަނެއްހާ މީހުނަށް ކޮރޯނާވައިރަސް ޖެހިގެން ދެ ލައްކައަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މި ނުރައްކާތެރި ބަލިން ހަގީގީ މާނައިގައި ސަލާމަތް ވެވުނު ގައުމެއް ނެތެވެ. ބަލި ކުޑަކޮށް މައިތިރިވި ގައުމުތަކުގައި ދެވަނަ ފަހަރަށް ފެތުރެން ފެށިއިރު ކުރިއަށް ވުރެ ބިރުވެރިކަން މާ ބޮޑެވެ. މިވައިރަސްގެ ސަބަބުން މުޅި ދުނިޔެ ހުއްޓި ގައުމުތަކާއި ވިޔަފާރިތައް ބަނގުރޫޓް ވެއްޖެއެވެ. މިއަދު ދުނިޔޭގެ އެކި ގައުމުތަކުން ހަރުކަށި ފިޔަވަޅެއް ނޭޅިއްޔާ ދެން އަޅާނީ ކޮން އިރަކުން ހެއްޔެވެ؟

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!