ޚަބަރު

މީހަކު ކަރަންޓީން ކުރުމަށް ކޯޓު އަމުރެއް ނެރެފި

ދެން އެމްވީ

ކަރަންޓީނަށް ދާން ދެކޮޅު ހެދި މީހަކު، ކޯޓް އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންގޮސްފިއެވެ.

ސިވިލް ކޯޓުން ބުނީ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ދިވެއްސެއްގެ މައްޗަށް ކަރަންޓީނަށް ދިއުމަށް އެންގުމާއި އެކު އެމީހާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ރޭ ނެރެފައިވާ ކަމަށެވެ.

މީގެކުރިންވެސް ވަނީ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ދެ މީހެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެފައެވެ. ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި މީހުން ކަރަންޓީން ކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން އެ މީހުންނަށް އަންގާ އެންގުންތަކަށް ތަބާނުވާ ނަމަ، އެކަން ކުރުމުގެ ކޯޓު އަމުރު ނެރުމުގެ އުސޫލު ސިވިލް ކޯޓުން އާއްމު ކުރީ މިދިޔަ މަހުގެ 12ވަނަ ދުވަހުއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން، ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން އެންގިދާނެ އެވެ. އޭގެ ތެރޭގައި ކަރަންޓީން ކުރުން ވެސް ހިމެނެއެވެ. އަދި އެކަމަށް އެ މީހަކު ދެކޮޅު ހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!