4.2 ބިލިއަން ރުފިޔާގެ އޯވާޑްރޯގެ ހުއްދަ ދޭން ފާސްކޮށްފި
ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މި ވަގުތު ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު ފޮނުވާފައިވާ މައްސަލައަށް މިއަދުގެ މަޖިލީހުގައި ވޯޓަށް އަހާފައިވާއިރު އެ މައްސަަލަ ފާސްވެފައިވަނީ 60 މެމްބަރުންގެ ވޯޓުންނެވެ. އެ ކަމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.
ފިނޭންސް މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކާއި އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިޒިކަލް ހަމަތަކާއި އެއްގޮތަށް އަމަލުކުރުމަކީ އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އެ ގާނޫނުގައި އިތުރަށް ބުނާ ގޮތުން އެ ގާނޫނުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި މިނިސްޓްރީއަށް އަމަލު ކުރަން ލާޒިމުވާ މާއްދާތަކުން މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އިސްތިސްނާ ކުރެވޭނެ އެވެ. އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.
މަޖިލީހުގައި އޮތްއިރު، ހުރިހާ މެންބަރުން ވެސް ހުއްދަ ދޭން ތާއީދު ކުރެއްވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެ ފައިސާ ހަރަދު ކުރަން ރާވާފައިވާ ގޮތުގެ ތަފުސީލުތައް މަޖިލީހުން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފަ އެވެ.