ދުނިޔެ

އަހަރެން މިހިރީ ގަދަވެ ސަލާމަތުން ހެޔޮހާލުގައި – އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް ވެކްސިން ޓެސްޓް ކުރި އެލީސާ

އިނގިރޭސި ވިލާތުގައި ކޮރޯނާވައިރަހަށް ތައްޔާރުކުރި ވެކްސިން ޓެސްޓްކުރުމަށް އަމިއްލައަށް އެދިގެން، ވެކްސިން ޖެހި އެލީސާ ގްރެނާޓޯ މަރުވެއްޖެކަމަށް ބުނެ މީސްމީޑީޔާގައި ޚަބަރު ތަކެއް އާންމު ވުމުން، އެއީ ދޮގެއްކަން ވީޑިއޯ އެއްގެ ޒަރީއާއިން އޭނާ ހާމަކޮށްފިއެވެ.

ދައުރުވާ ލިޔުމުގައި ވަނީ، މައިކްރޯބައޮލޮޖިސްޓެއް ކަމަށްވާ ޑޮކްޓަރ އެލީސާ ގްރެނާޓޯގެ ގަޔަށް، އޮކްސްފޯޑް ކޮލެޖުން ތައްޔާރު ކުރި ވެކްސިން ޖެހުމުން ދިމާވި މައްސަލަތަކެއްގެ ސަބަބުން މަރުވެފައިވާ ކަމަށެވެ.

އެލީސާގެ މަރުގެ ޚަބަރު އިނގިރޭސި ސަރުކާރުން ވެސް ދޮގު ކޮށް އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ. އަދި މިހެން ދައުރުވާ ޚަބަރު ތަކުގެ ތެދުދޮގު ނުބަލާ އެހެން މީހުނަށް މި ޚަބަރުތައް ހިއްސާ ކުރުމުގެ ބަދަލުގައި، އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް ވެސް އެދިފައިވެއެވެ.

އެލިސާ އަކީ އެންމެ ފުރަތަމަ މި ވެކްސިން ޓެސްޓްކުރަން ޖެހި ދެމީހުންގެ ތެރެއިން އެކެކެވެ. މިކަން ދޮގު ކުރަމުން އެލީސާ ކުރި ޓްވީޓްގައި ބުނީ، " ހެނދުނު ހޭލާ އިރު އަމިއްލަ މަރުގެ ޚަބަރު ލިބުން އެއީ ވަރަށް އެހެން ކަހަލަ ކަމެއް" ކަމަށެވެ.

ބީ.ބީ.ސީގެ މެޑިކަލް ކޮރެސްޕޮންޑެންޓެއް ކަމަށްވާ ފަރގަސް ވެލްޝްގެ ޓްވީޓަރ އެކައުންޓުން ވެސް ވަނީ އެލީސާގެ ވިޑިއޯ ލައިވްކޮށްފައެވެ.
ކޮރޮނާވައިރަސް ވެކްސިންއަކީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެޅިފައިވާ ލޮކްޑައުންތައް ދޫކޮށްލުމަށް އޮތް ވަރަށް ބޮޑު އުއްމީދެކެވެ.

މި ވެކްސިން ކާމިޔާބު ވެއްޖެނަމަ، މި އަހަރުގެ ސެޕްޓެމްބަރ އާއި ހަމައަށް މީގެ 1 މިލިއަން ވެކްސިން އުފެއްދޭނެ ކަމަށް އޮކްސްފޯޑް ކޮލެޖްގެ ވެކްސިން ގްރޫޕުން ހާމަ ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!