ރިޕޯޓް

ޑެލިވަރީ ނިޒާމު ފެއިލް ވުމުގެ ޒިންމާ އުފުލާނީ ކާކު؟

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޗައިނާގައި ފެތުރެންފެށީ މިދިޔަ ނޮވެމްބަރ މަހުއެވެ. ފުރަތަމަ ދުވަހުން ފެށިގެން އެމައުލޫމާތު އައީ އެންމެ އާދައިގެ މީހާއަށްވެސް ލިބެމުންނެވެ. އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިވެހިންނަށް ލިބުނެވެ. ދިވެހި ސަރުކާރުން އެކަމަށް ފުރިހަމަޔަށް ތައްޔާރުވަމުންދާ ކަމަށް ބުންޏެވެ. އެޔަޤީންކަން ރައްޔިތުންނަށް މެދުނުކެނޑި ލިބެމުން ދިޔައެވެ. ނިކަމެތިކަމެއް ނުލިބި ގޮތެއްނުވެ ކޮވިޑްގެ ޙާލަތުން އަރައިގަނެވޭނެ ކަން ކަށަވަރުވިއެވެ. ރާއްޖޭގެ އާއްމު ހާލަތުގެ ހަމަ ނުގެއްލި، ބަގުރޫޓް ނުވެ ސަލާމަތް ކުރެވޭނެ ކަމުގެ ޔަޤީންކަން ދިނެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ޅ.ކުރެއްދޫން ފެނުނީ ދުނިޔޭގެ އެތަން މިތަނަށް ފެތުރިގެންތާ ދެމަހެއްހާ ދުވަސް ފަހުންނެވެ. ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވަނީ ފަސޭހައިން ކަރަންޓީނު ކުރެވޭ ކަހަލަ ގޮތަކަށެވެ. ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ފުރުޞަތު އިންތިހާއަށް ކުޑައެވެ. ރާއްޖޭގައި އޮތް ޓައިމް ބޮމަކީ މާލެ ކަމަށް އެންމެންްވެސް ގަބޫލުކުރެއެވެ. މާލެއަށް ކޮވިޑް19 އަރައިފިއްޔާ އޮބި ނޯންނާނެކަން އެންމެންވެސް ދަނެއެވެ.

ރިސޯޓުތަކުން ފައްސިވި ބޭރު މީހުންނާއި ރާއްޖެއިން ބޭރުން އައި ހަތަރު ދިވެހިންނަށް ކާމިޔާބުކަމާއެކު ފަރުވާދީ ހަތަރު މީހުން ފިޔަވާ އެންމެން ބަލިން ރަނގަޅުކުރެވުނީތީ އެންމެންވެސް ތިބީ ވަރަށް ހަމަޖެހިލައިގެންނެވެ. ތިބީ ކާމިޔާބު މަސައްކަތަށް މެޑެލް ޖަހާ ހިސާބުގައެވެ. އެޅިފައި ހުރި ބައެއް ފިޔަވަޅުތައް ލުއިކޮށް އާއްމު ހާލަތަށް ގެނައުމަށް އޮތީ މިސްރާބު ޖަހާފައެވެ. ގިނަ މީހުންގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ނަގާކޮޅިގަނޑަކަށް ބަނޑު ދަމާލައިފައި އޮތް އޮތުމަކަށް ވެދާނެ ކަމަށް މަބުރޫކު ބުންޏަސް އެއީ ރަމްޒީގޮތުން ބުނެލި ވާހަކައެއް ކަމަށް ގިނަބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. ވާނީ އެހެންތާއެވެ. މާލެއަކު ކޮވިޑެއް ނޫޅެއެވެ.

ސުބްޙާނަﷲ އެވެ. ރޯގާގެ އަސަރު ހުރެގެން ފުލޫ ކްލިނިކަށް މާލެއިން އަންހެނަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ. މާލޭގައި ކޮވިޑް19 އުޅޭކަން ކަށަވަރުވީއެވެ. އައި ނައި ގޮތެއް ނޭގި ކޮވިޑް19 މާލެ އަރައިފިއެވެ.

މާލެއަށް ކޮވިޑް19 އެރުވީ ކާކުހެއްޔެވެ. ފުރަތަމަ ފެނުނު ބަލިމީހާ އަކީ ޓްރެވަލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އެމީހާއަށް ހަމަޔަށް ކޮވިޑް19 އައިގޮތެއް އަދި އަދަށްވެސް ނޭގެއެވެ. ކޮންޓެކްޓް ޓްރެސިން އަކުންވެސް ހޯދައެއް ނުގަނެވުނެވެ. އެނގި ކަށަވަރުވާ ކަމަކީ މާލެއަށް އެރުވި މީހަކީ މާލެއިން ފުރަތަމަ ފެނުނު އަންހެން ބަލި މީހާއަށް ނުވާނެކަމެވެ. ދަތުރުގޮސް ގެންނާއި ޕާޓީކޮށްގެން ވެސް ފެތުރޭނީ ބަލި އައިސްގެންނެވެ. ނޭނގެނީ އައިގޮތެކެވެ.

ބަލި އައި ގޮތެއްކަމަށް ލަފާކުރާ ދެތިންގޮތެއް އޮވެއެވެ. ބާރަށް ބަލިފެތުރޭ ގައުމުތަކުން ހުސްވިމަހު 18ގެ ކުރިން ރާއްޖެއައި އެކަކުވެސް ކަރަންޓީނު ކުރެވިފައި ނެތުމަކީ އެއްސަބަބެވެ. އަނެއް ކޮޅުން ބަލިޖެހިފައި ހުއްޓަސް ނޭނގި 14 ދުވަހަށްވުރެ ގިނަދުވަހުވެސް ބަލިމީހުން ތިބޭކަމުން 14 ދުވަހުގެ ކަރަންޓީނަށް ފަހުގައިވެސް ބަލި ނަގުލުކުރުމުގެ ފުރުޞަތު އޮތުމުންވެސް އެހެންވުން ގާތްކަމަށް މީހުން ދެކެއެވެ. ތިންވަނަ ކަމަކަށް އެއަރޕޯޓުގައި މަސައްކަތްކުރާ މީހުން އެކަހެރި ނުކުރެވި އާއިލާގެތެރެއަށް އައިސްގޮސް އުޅެން ދޫކޮށްލެވިފައި އޮތް އޮތުން ފާހަގަވެއެވެ. މިއިން ކޮންމެ ކަމަކީވެސް ހިންގާބެލެހެއްޓުމުގެ ދޫމަޅި ތަކެއްކަމަށް ބަޔަކަށް ގަބޫލުކުރެވެއެވެ. އެއެކޭ މިޔެކޭ މިހާރަކު ދެން ކިޔާނެކަމެއް ނެތްތާއެވެ. މާލެއަށް ކޮވިޑް19 އަރާ ގަދަކޮށްފިއެވެ.

ދެލައްކައަށްވުރެ ގިނަ މީހުން އުޅޭ މާލޭގެ މަގުތައް ހުސްވީ ގައިމު ބަޔަކު ބަސް އަހައިގެން ގައިދުރު ކުރީމާ ނޫންތޯއެވެ. ލޮކްޑައުން ހާލަތަކަށް މާލެއައި އިރު ތައްޔާރީ ހާލަތުގައި އޮތް ސިޓީ ކައުންސިލުން ޑެލިވަރީ ނިޒާމު ރަނގަޅަށް އޮތީ ކަރުދާހާއި ނޫސް ކޮންފަރެންސްތަކުގައެވެ. އަމަލީ ގޮތުން ފުރަތަމަ ވަގުތުން ފެށިގެންވެސް އޮތީ ހަމަ ރަގަޅަށް ފެއިލްވެފައެވެ. ގަނޑުކޮށް ކާބޯތަކެތި ގޭގެއަށް ނުވައްދަން ދިން ނަސޭހަތް އަޑު އަހައިގެން ކާބޯތަކެތި ގިނަމީހުން ގެއަކަށް ނުވައްދައެވެ. އެއްޗެއް ބޭނުންވީމާ ގޭކައިރި ފިހާރަޔަށް ގޮސް ގަނެލައިގެން ބޭނުންކުރަން އާދަވެފައި ތިބި މީހުން މަގު މައްޗަށް ނިކުތުމަށް މަޖުބޫރުކުރުވީ ޤާއިމުކުރި ޑެލިވަރީ ނިޒާމެވެ. އެވާހަކަވެސް ނުދައްކަމާ ހިނގާށެވެ. ޑެލިވަރީ ކުރަން އުޅުނު ބަނގަލާދޭސީން އެތައް ގެއަކަށް ވަދެ ނިކުމެގެން ދާއިރު އެމީހުންނާ ކޮންމެވެސް ހިސާބުން ކޮވިޑާ ބައްދަލުވެއެވެ. ނަތީޖާއަކަށްވީ ދުވަހުން ދުވަހަށް ބޭނުންވާ މުދާ ވިއްކާ ފިހާރަތަކެއް ކޮވިޑް19 ގެ އަސީރުންނަށް ވުމެވެ. މުޅި މާލެއާއި ރާއްޖެތެރޭގައި އޮތީ އެފިހާރަތަކުން މުދާ ނަގާ ފިހާރަތަކެވެ. ޖެހި ދުމެއްހެން ކޮވިޑް19 ފެތުރި ގަންނަން އެއަށް ވުރެ ވަކީން ފަސޭހަ އެއްވެސް ގޮތެއް ނުއޮންނާނެ ހެއްޔެވެ.

ޑެލިވަރީ ނިޒާމުގެ ހަފަރާތަށް ނުވިސްނާ ތަންފީޒު ކުރަން އުޅުނު ޑެލިވަރީ ނިޒާމުގައި ޑެލިވަރީ ލިބުން ލަސްވުމުން ބަޔަކު ހާންތިވެގެން މަގަށް ނިކުތީއެވެ. އަނެއްކޮޅުން އެކަން އެއްކިބާގައި އޮއްވާ ޑެލިވަރީ ބޯއީންގެ އަތްމަތީން ކޮވީޑް19 ފަތުރާލުމަށް ނޭނގިނަމަވެސް ހުޅުވާލި ދޮރަކަށް ނޫނީ ސިޓީކައުންސިލްގެ ޑެލިވަރީ ނިޒާމު ނުވިއެވެ. ނިޒާމް ފެއިލްވީ ވާހަކަ ފުލުހުން ބުނީ ހަމަ ބުނަން ވެގެންނެވެ.

ކުރެއްދޫން ކޮވިޑް19 އަށް ގެސްޓަކު ޕޮޒިޓިވްވެ ވީކަންތައް ތަކެއްވުމާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ޑޮކްޓަރ ޖަވާބުދާރީ ކުރުވާ ފިޔަވަޅު އެޅިއެވެ. މާލޭ ލޮކްޑައުން ހާލަތުގައި ޤާއިމުކުރި ޑެލިވަރީ ނިޒާމު ފެއިލްވެ ޑެލިވަރީ ޚިދުމަތުގައި އުޅުނު އެތައް ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމުގެ ޒިންމާ އުފުލާނީ ކާކު ހެއްޔެވެ؟

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!