ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެ ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވަނީ ޒީނާ ޒާހިރެވެ. ޒީނާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށެވެ.
ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބްރޯޑްކޮމްގެ މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 12:30 ގެ ނިޔަަލަށެވެ.
މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުނެފައިވެެއެވެ.