ކަރެކްޝަންސްގެ ވެލްފެއާ ފިހާރައިގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޯޕަރޭޓިވް ސޮސައިޓީއިން ހިންގާ ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފި އެވެ.
ކަރެކްޝަންސްގެ ވެލްފެއާ ފިހާރަ އަކީ މާލޭ ޖަލުގައި ބައިތިއްބާފައި ތިބޭ މީހުންނާއި، ޖަލު އޮފިސަރުންނާއި އާންމުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ހަދާފައި ހުންނަ ތަނެކެވެ. އެ ފިހާރަ ހުންނަނީ އައިމިނާ ރަނި ހިނގުމުގަ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ވަނީ ތަޅާލައިފަ އެވެ. ތަޅާލި ބިއްލޫރިގަނޑުގެ ބަދަލުގައި ފިލައެއް ޖަހާފައި ހުއްޓާ ރޭގެ ވަގުތެއްގައި ބާކީ ހުރި ބިއްލޫރިގަނޑުވެސް ބަޔަކު ވަނީ ތަޅާލާފައެވެ. މިހާރު ވެލްފެއާ ފިހާރައިގެ ބޭރުގައި މުޅިންވެސް ޖަހާފައި ހުރީ ފިލައެވެ.
ކަރެކްޝަންސްގެ ވެލްފެއާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލިކަން އެ ސާވިސްއިން ކަށަވަރުކޮށްދެއެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ
ފުލުހުން ބުނީ ރޭ އިރާކޮޅު ބަޔު މާލޭގެ އައިމިނަރަނި ހިނގުމުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ ކަމަށާޢީ އެކަން ކުރި މީހުން ފިލާފައިވާ ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.