ފުރަތަމަ ނަޒަރުން ލޯބިވެވިދާނެ ކަމަށް ގަބޫލު ކުރަންތަ؟
ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް ކަމަށް ގިނަ ބަޔަކު ބުނެ އުޅެއެވެ. ލޯތްބަކީ ނޭނގި ހުއްޓާ ވެވޭ އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާއިރު ބައެއް މީހުން ގަބޫލު ކުރަނީ ލޯތްބަކީ ވާއެއްޗެއް ކަމަށެވެ.
ބައެއް މީހުންނަށް ލޯތްބަކީ ލައިލާ އާއި މަޖުނޫނުގެ ވާހަކައަށް ވެފައި ވާއިރު އަނެއްބައި މީހުންނަށް ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައެވެ. ކޮންމެ މީހަކު ވެސް ލޯބިން މީހަކާ ގުޅެނީ ވަކި ނުވާން އެތައް ވައުދެއް ވުމަށް ފަހުގައެވެ.ނަމަވެސް ރައްޓެހިވެގެން ދުވަސްތަކެއް ވުމުން އެ ވައުދުތަކާ އަހުދު ތަކުގެ ހަނދާނެއް ނުހުރެއެވެ.
ވަރަށް ގިނައިން ބަހުސު ކުރެވޭ މައުޟޫއެކެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވޭ ހެއްޔެވެ؟ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ފުރަތަމަ ނަޒަރަކުން ލޯތްބެއް ނުވެވޭނެއެވެ. މީހަކު އެއް ފަހަރު ފެނިގެން އެމީހެއްދެކެ ލޯބި ނުވެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެއެވެ.
މީހެއް ދެކެ ލޯބިވެވެނީ އެމީހެއްގެ މިޖާޒު ވެސް ރަނގަޅަށް އެނގުމުން ކަމަށާއި ހަމަ އެހެންމެ ގިނަ ވަގުތު ތަކެއް އެމީހަކާއެކު ހޭދަ ކުރެވުމުން ކަމަށްވެސް ގިނަބަޔަކު ބުނެއެވެ. މީހަކު ދެކެ ލޯބި ވެވެނީ ހަމައެކަނި ބުރު ސޫރަ ރީތިވެގެން ނޫން ކަމަށާއި ރިވެތި އަޚްލާގަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ނަމަވެސް އަނެއްބައި މީހުން ގަބޫލު ކުރާ ގޮތުގައި އެންމެ ފުރަތަމަ ނަޒަރުން ވެސް މީހަކު ދެކެ ލޯބި ވެވިދާނެއެވެ. މީހެއްގެ ބުރު ސޫރަ ފެނި މުޅި ހިތް ހިބަކޮށް އެމީހަކަށް ދެވޭ ފަހަރު އަންނަ ކަމަށްވެސް ބަޔަކު މީހުން ގަބޫލު ކުރެއެވެ. ފުރަތަމަ ދުވަހު ވާހަކަ ދައްކާލެވުމުން ވެސް މީހަކު ދެކެ ލޯވިވެވިދާނެ ކަމަށް އެމީހުންގަބޫލު ކުރެއެވެ.
ލޯތްބަކީ ތިމާ ނޭނގި ހުއްޓާ ހިތު ތެރޭގައި އުފެދޭ ޖަޒުބާތެއް ކަމަށް މޮޅެތި ޝާއިރުން ސިފަކޮށްފައި ވާއިރު ފުރަތަމަ ފެނިލާ ފެނިލުމުން ވެސް ލޯބި ނުވެވެން ވީއެއްވެސް ސަބަބެއް ނެތެވެ. އެހެނީ އެންމެ ފަހަރަކު ފެނިލާ ފެނިލުމަކުން ވެސް އެމީހަކާ މެދު އިންތިހާއަށް ފިކުރު ކުރެވިދާނެއެވެ.
ބައެއް މީހުން ބުނާ ގޮތުގައި، މަގުމަތިން ނުވަތަ އެހެން ތާކުން ވެސް މީހަކު ފެނި އެމީހަކާ މެދު އިންތިހާއަށް ފިކުރުކުރެވޭ ފަހަރުވެސް އަންނަ ކަމަށެވެ.
އަދި ވަރަށް މަޖާ ވާހަކައެއްވެސް އެބައޮތެވެ. ލޯބި އެއީ އޮޅިގެންވެސް ވެވޭ އެއްޗެއް ކަމަށް ބަޔަކު ގަބޫލު ކުރެއެވެ. އެހެނީ ކިތައްމެ ލޯބި ވާން ބޭނުން ނުވާ މީހާދެކެ ވެސް ލޯބިވެވޭ ފަހަރު އޮންނަނީ އައިސްފައެވެ. ކުރިން އެންމެ ރުޅިއަންނަ މީހާދެކެ ވެސް ލޯބިވެވިދާނެ ކަމަށް ބަޔަކު ބުނެއެވެ.ނަފްރަތަކީ ލޯބީގެފެށުން ކަމުގައި ވެސް ބަޔަކު ބުނަނީ އެހެންވެގެން ކަންނޭނގެއެވެ.
ލޯތްބާ މެދު އެކި ގޮތްގޮތަށް އެކި ރާގުރާގަށް މީހުން ލަވަ ކިޔާއިރު ލޯތްބަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި ވަރަށް މުހިއްމު އެއްޗެއްކަން ޔަގީނެވެ.