ޚަބަރު

އުސްފަސްގަނޑު ބާއްވާނީ ހިތްހަމަޖައްސާލެވޭނެ ތަނެއްގެ ގޮތުގައި: ޕްލޭނިން މިނިސްޓްރީ

އުސްފަސްގަނޑު ތަރައްގީ ކުރާނީ އާއްމުން ހިތްހަމަޖައްސާލަން ދާނެ ތަނެއްގެ ގޮތުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މާލޭ އިރުމަތީ ފަރާތު އުސްފަސްގަނޑަކީ މީގެ ކުރިންވެސް ކުޑަކުދިން ދުވެ، ކުޅެ ހަދާލުމަށާއި ހިތްހަމަ ޖައްސާލުމަށް ގޮސް އުޅުމަށް ބޭނުންކުރި ތަނެކެވެ. މީގެ ކުރިން އެ ސަރަހައްދުގައި ގާޑިޔާ ވިޔަފާރިވެސް ކުރި އެވެ.

ނަމަވެސް ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު އާންމުންނަށް ބަންދުކޮށް، އެ ސަރަހައްދު ބޭނުންކުރީ ބްރިޖުގެ މަސައްކަތް ކުރި ކުންފުނީގެ އެކޮމޮޑޭޝަން އަދި އޮފީސް އިމާރާތްތައް އެޅުމަށެވެ.

އުސްފަސްގަނޑު އަލުން ހުޅުވާލާ ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޕްލޭނިން މިނިސްޓްރީން ބުނީ އެތަން ތަރައްގީ ކުރާނީ އެކި އުމުރުފުރައިގެ މީހުން ހިތްހަމަޖައްސާލަންދާ ރެކްރިއޭޝަނަލް ސްޕޭސް އެއް ގޮތަށް ކަމަށެވެ. އަދި މި ސަރަހައްދުގައި ޕާކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ސާފް ކޮށް ނިމުނުހާ އަވަަހަކަށް ހުޅުވާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އެ ސަރަހައްދު ބޭނުންކުރާނީ ރެކްރިއޭޝަނަލް ކަންތައްތަކަށް. ހިތްހަމަ ޖައްސާލަން ތިބެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާނީ. މިހާރު އެތަން ހުސްކޮށް، ސާފު ކުރުމުގެ ކަންތައް ކުރިއަށްދަނީ. އެކަންތައް ނިމުމުން ޕްލޭނާ އެއްގޮތަށް އެ ސަރަހައްދު ތަރައްގީ ކުރަން ފަށާނެ،" ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތް ނިމި، އާންމުންނަށް ބްރިޖް ހުޅުވާލިތާ އަހަރު ދުވަސްފަހުން އުސްފަސްގަނޑުގައި ހަދާފައިވާ ތަންތަން ރޫޅާލަން ވަނީ ފަށާފައެވެ. އެތާނގައި ހުރި ގެތަކާއި އޮފީސް ބަޔާއި ރެސްޓޯރެންޓްތައް ރޫޅާލައި ފެންސްތައް މުޅިން ނައްޓާލާ އުސްފަސްގަނޑު އަލުން ވަނީ ހުޅުވާލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!