ރޯދަ މަހު ކަސްރަތު ކުރުމުން ސާރާ އަލީ ޚާން އަށް ބޮޑު ފާޑު ކިޔުންތަކެއް
ކަސްރަތު ކުރުމަށް ފަހު އިންސްޓަގްރާމް ގައި އާންމު ކުރި ފޮޓޯއަކާއެކު ބޮލީވުޑްގެ ފިލްމީ ތަރި ސާރާ އަލީ ޚާން އަށް ބޮޑު ފާޑު ކިޔުންތަކެއް އަމާޒުވެއްޖެއެެވެ.
ސާރާ އާންމުކޮށްފައިވާ ފޮޓޯ އިން ދައްކުވައިދެނީ ކަސްރަތުކުރުމަށް ފަހު އޭނާ އާއި އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ޚާން ނަގާފައިވާ ފޮޓޯއެކެވެ. އަދި ފޮޓޯ ގައި ލޮކްޑައުން ގައި ކަސްރަތު ކުރުމާއި ބެހޭގޮތުން ކެޕްޝަނެއް ލިޔެފައިވެއެވެ.
ނަމަވެސް ސާރާ ގެ މި ފޮޓޯ ވެގެން ދިޔައީ ގިނަ ބަޔަކަށް އެހާ ކަމުދިޔަ ފޮޓޯ އަކަށް ނޫނެވެ. ގިނަ ބަޔަކު ވަނީ ބަރަކާތްތެރި ރޯދަ މަހުގައި ވެސް މިފަދަ ކަންކަން ކުރަން ލަދު ނުގަނޭތޯ ބުނެ ސުވާލު އުފައްދާފައެވެ. އަދި ސާރާ ލައިގެން ހުރި އެއްޗެެއްސަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަދި ރޯދަ މަހު މި ފަދަ އެއްޗެހި އާންމުކޮށް އުޅޭތީ އޭނާ އަކީ މުސްލިމެއް ތޯ ވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.
އަދި އޭނާގެ ނަމުގައި ވާ އަލީ ޚާން އަކީ މުސްލިމް ނަމެއް ކަން ފާހަގަ ކޮށް އެއަށް އިހުތިރާމް ކުރުމަށް ވެސް ގިނަ ބަޔަކު ވަނީ އެދިފައެވެ.
މި ފާޑުކިޔުންތަކާއި ބެހޭ ގޮތުން ސާރާ އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ސާރާ އަލީ ޚާން އަކީ ބޮލީވުޑް ގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ގެ ދޮށީ ދަރިފުޅެވެ. ސާރާ ބޮލީވުޑަށް ނުކުތީ 2018 ގެ ފިލްމު "ކޭދަރުނާތު" އިންނެވެ. އޭގެ ފަހުން އޭނާގެ އިތުރު ދެ ފިލްމެއް ވެސް ރިލީޒްވެފައިވެ އެވެ. އެއީ "ސިމްބާ" އާއި "ލަވް އާޖް ކަލް" އެވެ.