ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދޭން ނިންމައިފި
ދިވެހިރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ "ކަރަންސީ ސްވޮޕް" ނުވަތަ ފައިސާ ބަދަލުކުރުގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް 150 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމައިފިއެވެ.
ރާއްޖެއާ އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުން އެކްޓިވޭޓް ކޮށްފައިވައިވަނީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ މާލީ އަދި އިޤްތިޞާދީ ގެއްލުންތަކުން ސަލާމަތް ވުމަށް އެހީއެއްގެ ގޮތުންކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން، 150 މިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ސްވޮޕް ފެސިލިޓީއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ހަވާލު ކުރެވެވޭނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ. މި އެއްބަސްވުން އެކްޓިވޭޓް ކޮށްފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ދެގައުމުގެ ޙާލަތާމެދު މަޝްވަރާ ކުރެއްވިތާ އެއް ހަފްތާ ތެރޭގައެވެ. މި އެއްބަސްވުން ރަމްޒުކޮށްދެނީ ރާއްޖެއަށް ދިމާވާ ކޮންމެ ދަނޑިވަޅެއްގައިވެސް އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭނެކަން ކަމަށް އިންޑިއާ ސަރުކާރުން ހާމަކުރައްވައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ 2019ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި 400 މިލިއަން ޑޮލަރުގެ ސްވޮޕް އެގްރީމަންޓަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ ބައެކެވެ.
އިންޑިއާ ސަރުކާރުން ގެންދަވަނީ ދިވެހިރާއްޖެއަށް ދޫކޮށްފައިވާ މި ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކުރުމާއިމެދުވެސް މަޝްވަރާ ކުރަމުންނެވެ. ސާކް ގައުމުތަކުގެ ތެރެއިން، އިންޑިއާއިން 400 މިލިއަން ޑޮލަރުގެ މިފަދަ ސްވޮޕް ފެސިލިޓީއެއް ދޫކޮށްފައިވަނީ ހަމައެކަނި ދިވެހިރާއްޖެ އަށާއި ބޫޓާނަށެވެ. އިންޑިއާއިން ދޫކުރާ މި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީތެރިކަމުގެ ޕެކޭޖްގެ ދަށުން މިހާތަނަށް ރާއްޖެއަށް ދީފައިވާ އެހީތައް:
- ސީދާ ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީ 2019 ވަނަ އަހަރު ފޯރުކޮށްދީފައިވެއެވެ.
- ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެމް.އެމް.އޭ އަށް 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑްގެ ސަބްސްކްރިޕްޝަން 2019 ވަނަ އަހަރު ފޯރުކޮށްދީފައިވެއެވެ.
- ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ފަންޑުކުރުމަށްޓަކައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދޫކޮށްފައިވެއެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން މިހާތަނަށް ބޮޑު 8 މަޝްރޫޢެއް ހިންގިފައިވެއެ. އަދި އިތުރު އެތަށް މަޝްރޫޢުތަށް އެކި ފިޔަވަހީގައި ކުރިއަށް ދެއެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ އިތުރުންވެސް އިންޑިއާއިން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ގްރާންޓް ސްކީމްތަކާއި "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕރޮޖެކްޓް ސްކީމް"ގެ ދަށުން 12.6 މިލިއަން ޑޮލަރުގެ އިޖްތިމާއީ އަދި އިޤްތިޞާދީ އެކި މަޝްރޫއުތައް ހިންގަމުންނެވެ.