ދީން

ބޭހެއް،ކާއެއްޗެއް ނުލިބި ދަރިން މަރުވެދިޔައިރު އޮރެންޖެއް ހިސާބުވެސް ދިއްކޮށްލާނެ މީހަކު ނުވި ނަމަވެސް މަރުވުމުން ކަފުން ލިބުނު

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންސާނުން ލައްވާފައި ވަނީ އެކި ގިންތިއާއި އެކި މިންތިތަކުގައެވެ. މުއްސަދިން ދުނިޔޭގެ ތަކްލީފަކާމެދު ޚިޔާލެއް ފިކުރެއް ނެތި ދިރިއުޅެމުންދާއިރު ފަޤީރުންނަކީ ވެސް އިންސާނުންގެ ގިންތިއެކެވެ. އެމީހުންނަށް އެހީވުމާއި އަޅާލުމަކީ ﷲ ތަޢާލާ މުދާވެރިކަން ދެއްވި މުއްސަދިންގެ މައްޗަށް އޮތް ކަމެކެވެ. ނަމަވެސް އެހީގެ އަތެއް ނުލިބި ، ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިގެން ދުނިޔެއިން ކޮންމެ ދުވަހަކު ވަކިވެގެން އެދަނީ ކިތައްކިތައް އިންސާނުންތޯއެވެ. މިފަދަ މީހުންގެ ތެރޭގައި އަހަރެމެންގެ ޢާއިލާގެ މީހަކު ވާނަމަ އަހަރެމެންނަށް އަސަރެއް ނުކުރާނެތޯއެވެ.

Ads by MWSC

މިއީ މުޅި ދުނިޔެއަށް ސިހުން ގެނުވި މިފަދަ ހާދިސާއެކެވެ. ނިކަމެތި ފަޤީރެއްގެ މިވާހަކަ އާންމުންނާއި ހަމަޔަށް ގެނެސްދިނީ ''ޗެރިޓީ ރައިޓް'' ޖަމާޢަތުންނެވެ.

''އަހަރެންގެ ތިބެނީ ދެ ކުދިންނެވެ. އެއީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އެ ދެކުދިންނަށް މެލޭރިއާ ޖެހުނެވެ. ފަރުވާއަށް ދެކުދިން ހޮސްޕިޓަލަށް ގެންދިޔައިމެވެ. އަދި ނޭފަތަށް ބޭހެއް އެޅުމަށް ފަހު ، ބޭސް ސިޓީ ދިނެވެ.

އެވަގުތު ، ކުޑަމިނުން އޮރެންޖެއް ގަންނަހާ ފައިސާވެސް އަހަރެންގެ އަތުގައި ނެތެވެ. ބޭސްގަތުމަށް ޓަކައި ، އަނބުރާ ދައްކާ ގޮތަށް ފައިސާ ލިބޭތޯ އެތައް ބައެއްގެ ގާތަށް ދިޔައިމެވެ. ނަމަވެސް އެއްވެސް މީހަކު އަހަންނަށް އެހީއެއް ނުވިއެވެ.

ހިތާމަޔާއެކު އަހަރެން ގެއަށް އައިސް ކުދިންގެ ގާތުގައި އިނީމެވެ. އެހިނދު އެކުދިންގެ ޙާލު ބޮޑުކަން އަހަންނަށް އިހްސާސް ކުރެވެއެވެ. ނަމަވެސް ފަރުވާއަކަށް ދެވެން އޮތީ މިރަށު މީހުން އަމިއްލައަށް ހަދާ ދިޔާ ބޭހެކެވެ.

އެކުދިންގެ ޙާލު ދެކެން ކެތް ނުވެގެން އެއްވެސް އެއްޗެއް ލިބޭތޯ ބާޒާރަށް ނުކުތީމެވެ. އެކުދިންގެ އަރުތެރެއަށް ލާނެ އެއްޗެއް ލިބޭތޯ ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެނބުރި ގެއަށް އައިއިރު ފިރިހެން ދަރިފުޅު އޮތީ މަރުވެފައެވެ.

އަންހެނުންނާއި އަންހެން ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ފިރިހެންދަރީގެ ޖަނާޒާކަންތައް ހަމަޖެއްސުމަށް މީހަކު ކަފުނެއް ދޭތޯ ނިކުތީމެވެ. އަހަރެންގެ ދަރި ބަލިވެ އޮތްއިރު އަރުތެރެއަށްލާނެ އޮރެންޖެއް ވިޔަސް ދޭނެ މީހަކު ނުވިއެވެ. ނަމަވެސް މީހަކު ކަފުނެއް ދިނެވެ. ކަފުން ހިފައިގެން އަންހެން ދަރިފުޅުގެ ޙާލު ބަލާލަން ދިޔައިމެވެ. އޭރު އެ ކުއްޖާ ވެސް އޮތީ ފަހުނޭވާ ދޫކޮށްލައިފައެވެ.

ދެކުދިންގެ ޖަނާޒާގެ ކަންކަމުގައި އެހީތެރިވެ ދިނުމަށް މީހުންގެ ކިބައިން އަހަރެން އެދުނީމެވެ. އަދި އެހެންމީހުންގެ އެހީއާއެކު ދެކުދިންގެ ޖަނާޒާ ނިންމާ ވަޅުލީމެވެ.

އަހަރެންގެ އަންހެން ދަރިފުޅު ކާއެއްޗެއް ދޭށޭ ބުނެފައި އަނގަ ހުޅުވާލާތަން މިއަދުގެ މިވަގުތާ ހަމަޔަށް ވެސް އަހަންނަށް ތަސްވީރު ކުރެވެއެވެ. އަހަރެންގެ ކުރިމަތިން އެމަންޒަރު ފެނިފެނި ހުރެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ހިތްދައްޗެއް ނުވޭތޯއެވެ. ނޫނީ އެވަރުގެ ރަޙުމެއް ހިތުގައި ނެތީތޯއެވެ. ﷲއަށް ޙަމްދު ހުއްޓެވެ. އެއިލާހުގެ ދީލަތިކަމުން އަހަރެމެން ކައިބޮއި އެބައުޅެމުއެވެ. ނަމަވެސް ދަތި ޙާލުގައި ދިރިއުޅޭ އެތައް ބަޔަކު އަހަރެމެންގެ މުޖުތަމަޢުތަކުގައި ވެސް އެބައުޅެވެ. އެފަދަ މީހުން ހޯދާ އެމީހުންގެ ދަތިކަމަށް ކުޑަ ނަމަވެސް ތަސައްލީއެއް ދޭ ބަޔަކަށް އަހަރެމެން ވަމާތޯއެވެ.

Ads by Allied Insurance
  1. މޯޑު

    ހިތަށް ވަރަށް އަސަރުކޮއްފި.