ދީން

ޖަނާޒާގައި ބައިވެރިވުމުގެ މާތްކަން

ދެން އެމްވީ ، ދެން އޮންލައިން

މިދުނިޔޭގެ ލައްޒަތާއި، މާއްދީ އެދުންތަކާއި، ދުނިޔޭގައިވާ ތަކެއްޗާއި ކަންކަން ވެފައިވަނީ އުޚުރަވީ ޙަޔާތުގެ މަތީން މީސްތަކުން ހަނދުމަ ނެތިކުރުވާ ސަބަބުތަކެއް ކަމުގައެވެ. މުސްލިމުންގެ ޖަނާޒާގައި ބައިވެރިވުމަކީ އެކަމުގެ ސަބަބުން މަރާއި އާޚިރަތުގެ މަތިން ހަނދާން އާކޮށްދޭ ކަމެކެވެ.

Ads by Hajj Corporation

މަރުވެފައިވާ މުސްލިމެއްގެ ސަންދޯއް ގެންދެވޭހިނދު އެތަންދެކޭ ކޮންމެ މުސްލިމަކު އޭގެ ފަހަތުން ދިއުމަކީ މަރުވެފައިވާ މުސްލިމް އަޚާއަށް ދޭންޖެހޭ ޙައްޤެކެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

"حَقُّ المُسْلِمِ عَلَى المُسْلِمِ خَمْسٌ: رَدُّ السَّلاَمِ وَإِعَادَةُ المَرِيْضِ وَاتِّبَاعُ الجَنَائِزِ وَإِجَابَةُالدَّعْوَةِ وَتَشْمِيْتُ العَاطِسِ "

މާނައީ: " އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމް ގޮވާލާހިނދު އޭގެ ޖަވާބުދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް ޒިޔާރަތްކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، ކެއުމަށް ދަޢުވަތު ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު ހެޔޮދުޢާކުރުމެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އީމާންތެރިކަމާއިއެކު ޘަވާބާއި ދަރުމަ އިތުރުކުރުމުގެ އެދުމުގައި، މުސްލިމެއްގެ ސަންދޯއް ގެންދެވޭ ހިނދު އެއާއިއެކުގައި ގޮސް މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށްފި މީހަކަށްޤީރާތެއްގެ ޘަވާބާއި ދަރުމަހުއްޓެވެ. އަދި ހަމައެފަދައިން އެސަންދޯކާއި އެކުގައިގޮސް މައްޔިތާ ވަޅުލުމާއި ހަމައަށް ޖަނާޒާގައި ބައިވެރިވެއްޖެ މީހަކަށް ދެޤީރާތު ލިބޭހުއްޓެވެ." ދެން ދެޤީރާތަކީ ކޮން އެއްޗެއްތޯ އެކަލޭގެފާނަށް ސުވާލު ދެންނެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. "އޭގެ ބޮޑުމިން އެއްވަރުވެގެންވަނީ ބޮޑުވެގެންވާ ދެ ފަރުބަދައާއިއެވެ. (ދެޤީރާތުގެ ތެރެއިންކުޑަމިންވަރުގައިވެސް ޢުޙުދުފަރުބަދައިގެ ބޮޑުމިންހުރެއެވެ.)"

ކީރިތި ރަސޫލާ صلى الله عليه وسلمގެ ރަސޫލުކަމުގެ ކުރީކޮޅު ސަންދޯކެއް އެކަލޭގެފާނު ހުންނެވި ހިސާބަކުން ގެންދެވޭ ކަމުގައިވާނަމަ އެސަންދޯއް، އެކަލޭގެފާނު ހުންނެވި ތަނެއް ފަހަނައަޅައިފުމަށް ދާނދެން ކޮޅަށް ތެދުވެވަޑައިގެން ހުންނަވައެވެ. އެހެންނަމަވެސް ފަހުން އެގޮތަށް ޢަމަލުކުރެއްވުން ހުއްޓަވާލެއްވިއެވެ. ޢަލީބުނު އަބީޠާލިބު ކޫފާގެ މައިދާނުގައި ވިދާޅުވަނިކޮށް މަސްޢޫދު ބުނު އައްޒަރްޤީ އަޑުއެއްސެވިކަމަށް ރިވާވެގެންވެއެވެ.

كَانَ رَسُولُ اللهِ صلى الله عليهوسلم أَمَرَنَا بالقِيَامِ فِى الجِنَازَةِ ثُمَّ جَلَسَ بَعْدَ ذَلِكَ وَأَمَرَنَا بِالجُلُوْسِ

މާނައީ: ”އެންމެފުރަތަމަ އަހަރުމެންނަށް ﷲގެ ރަސޫލާ صلى الله عليهوسلم ސަންދޯކެއް ގެންދެވޭކަމުގައި ވާނަމަ ކޮޅަށްތެދުވުމަށް އަމުރުކުރައްވައެވެ. އެހެންނަމަވެސް ފަހުން އިށީނުމަށްވެސް އެކަލޭގެފާނު އަހަރުމެންނަށް އަމުރު ކުރެއްވިއެވެ.“

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!