ޚަބަރު

ސުނާމީ ފަދަ ކާރިސާއެއް އަތުވެދާނެ ކަމަށް ތައްޔާރުވެ ތިބުމަކީ މުހިންމު ކަމެއް: ހިސާން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސުނާމީ ފަދަ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ހޭލުންތެރިވެ ތައްޔާރުވެ ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ހިސާން މިހެން ވިދާޅުވީ މިއަދު ސުނާމީ އަށް ހޭލުންތެރި ކުރުމުގެ ގޮތުން "ސުނާމީ އެވެއާރނެސް ޑޭ" ގެ ނަމުގައި މިއަދު ފާހަގަކުރަމުން އަންނަ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ހިސާން ވިދާޅުވީ ގެއްލުން ދެނިވި ބާރުގަދަ ސުނާމީއެއް ކުރިމަތިވުމަށް ގިނަ އަހަރުތަކެއް ނަގާ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދެއްކި ނަމަވެސް، އެފަދަ ކާރިސާއެއް ރާއްޖެފަދަ ނާޒުކު، ބިންތިރި، ވަޞީލަތްތައް މަދު ޖަޒީރާ ޤައުމަކަށް ކުރިމަތިވުމަކީ އެފަދަ ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ގިނަ އަހަރުތަކެއް ނަގާ ކަމެއްކަމަށެވެ.

އަދި މިފަދަ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ހުރިހާ ރައްޔިތުންވެސް ހޭލުންތެރިވެ ތައްޔާރަށް ތިބުމަކީ މުހިންމު ކަމެއް ކަން ހިސާން ފާހަގަ ކުރެއްވިއެވެ.

 

" ދެމެހެއްޓެނިވި ތަރައްޤީއަށް ހިންގޭ މަޝްރޫއުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަޙްފޫމް ހިމެނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް. ވިލުންވެރި މުޖުތަމައެއް ބިނާ ކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކާއި، ޤުދުރަތީ ބިނާވެށި ގެނެސްދެވޭނީ ހުރިހާ ފަންތިއެއްގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވިސްނާ، ފަރުދީ ޒިންމާ އަދާ ކޮށްގެން." ހިސާން އިތުރަށް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަސް ސުނާމީ އެވެއަރނެސް ޑޭގެ ގޮތުގައި ފާހަގަކުރުމަށް އ.ދގެ ޖެނެރަލް އެސެމްބްލީން ނިންމާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަދާންތައް އާކުރުމާއި އެ ހާދިސާއިން އިބުރަތް ހާސިލުކޮށް ދުރާލާ ތައްޔާރުވުމަށް ހޭލުންތެރިކަން އިތުރު ކުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!