ޚަބަރު

ޖިނާއީ ތަހުގީގުތައް އަވަސް ކުރެވޭނެ ނިޒާމެއް ގާއިމް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިނާއީ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގެ އާއްމު މަސްލަޙަތު ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރެވޭނެ ނިޒާމެއް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ދެމެދު ގާއިމް ކޮށްފިއެވެ.

Ads by STELCO

މިކަން ހާމަ ކުރައްވަމުން ޕީޖީ އޮފީހުން މިއަދި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފުލުހުންނާ ގުޅިގެން ތަހުގީގު މަރުހަލާގައި މަސައްކަތް ކުރާނެ އުސޫލެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މުވާސަލާތު ކުރުމުގައި އަމަލުކުރާނެ އުސޫލު" ތައްޔާރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ލަފާ ވެސް ހޯދައިގެން ކަމަށް އެނގިފައިވެއެވެ.

ޕީޖީ އޮފީހުން ނެރުނު އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު އޮންލައިން ޕޯޓަލްއެއް ގާއިމް ކުރެވޭނެ ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތާއި ލަފާ "ރިއަލްޓައިމްކޮށް" ބަދަލު ކުރެވޭނެ ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ޖިނާއީ މައްސަލަތަކުގެ ތަހުގީގު އަވަސްވެ، ހަރުދަނާވުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެއް ގޮތަކަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ޕީޖީ އޮފީހާއި ހިއްސާ ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޕްރޮސެކިއުޓަރެއް ނުވަތަ ޕްރޮސެކިއުޓަރުންގެ ޓީމެއް އެ މައްސަލަތަކަށް އައްޔަން ކުރެވޭނެ ކަމަށް ވެސް ޕީޖީ އޮފީހުގެ ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!