ޚަބަރު

މަންމަ މަރުވިތާ ތިން ދުވަސް ފަހުން އިރްފާން ޚާން މަރުވެއްޖެ

ހާލު ސީރިއަސް ވެ މުމްބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫ ގައި ފަރުވާ ދެމުން ދަނިކޮށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އިރްފާން ޚާން މަރުވެއްޖެއެވެ. އިރްފާން ޚާން މަރުވީ މިއަދު ކަމަށް ގިނަ ރިޕޯޓުތައް ބުނާއިރު މަރުވި އިރު އުމުރަކީ 54 އެވެ.

މުމްބާއީ ހޮސްޕިޓަލް ކޮކީލާބެން ދިރުބާއީ އަމްބާނީގައި އިރުފާނަށް ފަރުވާދޭން ފެށިއިރު އޭނާ އައީ 2018 ވަނަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ ބަލި ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފެށީ ކޮލޯންގެ އިންފެކްޝަނަކާ ގުޅިގެންނެވެ.

ދާދިފަހުން އިރުފާންގެ މަންމަ ވެސް ވަނީ މަރުވެފަ އެވެ. ލޮކްޑައުންގެ މަންމަގެ ޖަނާޒާއަށް އިރުފާނަށް ޖައިޕޫރަށް ނުދެވުނުއިރު އޭނާ މަންމަގެ ޖަނާޒާގައި ބައިވެރިވީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

މިދިޔަ އަހަރު އިރުފާން ވަނީ ކެންސަރު ބަލިން ސަލާމަތްވުމަށް އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭނާއަށް ޖެހުނީ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް)އެވެ. އެއީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ.

އިރްފާން ވަނީ ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން "މުމްބާއީ މެރީ ޖާން،" "ޕީކޫ"، "ލައިފް އިން އަ މެޓްރޯ" "ދަ ލަންޗްބޮކްސް"، "ހައިދަރު" އަދި "ތަލްވާރު" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. ޓީވީ ސީރީޒްއެއް ކަމަށްވާ "ޝްރީކާންތު" އިން 1985 ވަނަ އަހަރު ކެރިއަރު ފަށައި 1988 ވަނަ އަހަރު "ސަލާމް މުމްބާއީ" ގެ ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފްވި އިރްފާން ވަނީ ހޮލީވުޑްގައި ވެސް މަސައްކަތްކޮށްފައެވެ . އަދިއޭނާ ވަނީ "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ ވެސް ހާސިލްކޮށްފައެވެ.

އޭގެ އިތުރު ބޮޑެތި ބަޖެޓްތަކުން އުފެއްދި ހޮލީވޫޑްގެ ފިލްމްތައް ކަމަށްވާ "ދަ އެމޭޒިން ސްޕައިޑާ މޭން" އާއި "ލައިފް އޮފް ޕައި،" އަދި "އިންފާނޯ" ގައި ވެސް މުހިންމު ރޯލުތައް ކުޅެފައި ވެއެވެ. "މީގެ އިތުރުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "ދަ ޖަންގަލް ބުކް" އަށް އަޑު އަޅައިދީފައި ވެއެވެ. އިރުފާން މުހިންމު ރޯލަކުން ފެނިގެންދިޔަ "ޖުރަސިކް ވާރލްޑް"އަކީ ބޮކްސް އޮފީހުގެ ތާރީހުގައި ވެސް ހަފުތާއެއްގެ ތެރޭގައި 500 މިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި އޭނާ އަދާކޮށްފައިވާ ސިމޮން މަސްރާނީގެ ނެގެޓިވް ކެރެކްޓާ އަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!