ޚަބަރު

އިންތިހާބަށް ރަށްވެހިކަން ބަދަލު ކުރުން މިމަހުގެ 15 އާ ހަމައަށް

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލު ކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތްކޮށް ނިންމަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ރަށްވެހިކަން ނުވަތަ ދިރިއުޅޭ އެޑްރެސް ބަދަލު ކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ބަދަލެއް ގެނެސް އައިޑީ ކާޑު ހަދައި ނިންމުމަށް އީސީން ކުރި އިއުލާނުގައި އެދިފައިވެ އެވެ. އަދި ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް މި މަހުގެ 15 ގެ ފަހުން އެއްވެސް ބަދަލެއް ގެނައުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 929 މީހުން އިންތިހާބު ކުރާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!