ޚަބަރު

އަންނަ މަހު 1 ގައި 28 ވެންޓިލޭޓަރު ގެންނާނަން: މިނިސްޓަރު އަމީން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ނުރައްކާތެރި ކޮވިޑް19 ފެނިފައިވާއިރު އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ހާލަތުގައި ސަރުކާރުން ގެނައުމަށް ނިންމާފައިވާ 200 ވެންޓިލޭޓަރުގެ ތެރެއިން އަންނަ މަހުގެ 1 ގައި 28 ވެންޓިލޭޓަރު ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލަށް ލިޔުމުން އަމީން ދެއްވި ޖަވާބުގައި ވިދާޅުވީ ވެންޓިލޭޓަރުތައް އެންމެ ފުރަތަމަ ގެނައުމަށް ހަވާލުކުރީ އެސްޓީއޯ، މެޑްޓެކް އަދި ނާޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. އެ ތިން ކުންފުންޏަކީ ވެސް ހެލްތު މިނިސްޓްރީއަށް މީގެކުރިންވެސް ސިއްހީ ސާމާނުތައް ސަޕްލައި ކޮށްދީފައިވާ ކުންފުނިތައް ކަމަށް އަމީން ފާހަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް އަވަހަށް ހޯދަން ބޭނުންވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ދެ ކުންފުންޏަކީ މެޑްޓެކް އާއި ނާޑް ކަމަށެވެ.

އެހެންނަމަވެސް ވެންޓިލޭޓަރުތައް ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި އެންމެ ބޮޑު ދައްޗަކީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކޮށްފައި އޮތުމުން ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއީ ކޯޓޭޝަން ހޯދި އިރު، ކުންފުނިތަކުން އުންމީދު ކުރި ގޮތެއް ނޫން ކަން ކުންފުނިތަކުން ވަނީ އަންގާފައި ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ކުންފުނިތަކުން ވެންޓިލޭޓަރުތަކުގެ އަގު ދައްކާފައިވާ އިރު، ވެންޓިލޭޓަރު މެނިފެކްޗަ އަތުން ލިބުމާއި ސަޕްލައި ކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު މިނިސްޓްރީ އަށް ދިނުމުން، މިނިސްޓްރީން ކުންފުނިތަކާއި ބައްދަލުކޮށް އަވަސް ގޮތެއްގައި ތަކެތި ސަޕްލައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އޮޅުން ފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކޮށް ކުންފުނިތަކުން އެދުނު ލިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ މެކްޓެކް އަދި ނާޑަށް ހަވާލުކުރި ވެންޓިލޭޓަރުތައް ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލުކުރެވޭތީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އިން އަގު ހޯދައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ތެރެއިން ވެންޓިލޭޓަރުތަކެއް ސަޕްލައި ކުރަން ހަވާލު ކުރެއްވި ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި މެޑްޓެކްއާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި ރާއްޖެ ގެނެވޭނެ ކަން އެ ކުންފުނިން އަންގާފައިވާއިރު އިތުރު 10 ވެންޓިލޭޓަރު މެއި މަހުގެ 15 ގައި ގެނެވޭނެ ކަމަށް ވެސް އަންގާފައިވާ ކަމަށާއި ބާކީ ހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާ ކުރާނެ ކަމަށެވެ. ނާޑް ކުންފުނިން ގެންނަން ނިންމި 20 ވެންޓިލޭޓަރު ކަމަށާއި އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައި އޮތުމުގެ ސަބަބުން އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް އަންގާފައި އޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!